#findmoyameehaa

Ahmed Rilwan (@moyameehaa)

Ahmed Rilwan Abdulla (@moyameehaa) a Maldivian Journalist has been missing since 8 August 2014. He was last seen on CCTV at the Hulhumale' ferry terminal.

He was wearing a black shirt, black trousers, black shoes with white soles and carrying a black backpack.
Rilwan is 28 years old, of medium build and 5 feet 10 inches tall, sporting a short beard and moustache.

ހުޅުމާލޭން މީހަކު ކާރަކަށް އެރުވި ހާދިސާއާ ރިލްވާނާ ގުޅުން ހުރި ކަމުގެ ހެއްކެއް ނެތް: ޕޮލިސް

މިދިޔަ މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ވީނުވީއެއް ނޭނގި ގެއްލުނު މިނިވަން ނިއުސްގެ ނޫސްވެރިޔާ، އަހުމަދު ރިލްވާން ހުޅުމާލޭގައި ދިރިއުޅޭ އެޕާޓްމެންޓް ކައިރިން މީހަކު ގަދަކަމުން ކާރަކަށް އަރުވައިގެން ގެންދިޔަ ހާދިސާއާ ރިލްވާން ގެއްލުމާ ގުޅުން ހުރި ކަމުގެ “ސާބިތު އެއްވެސް ހެއްކެއް” މިހާތަނަށް ލިބިފައި ނުވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ރިލްވާން ގެއްލިގެން ފުލުހުން ކުރާ ތަހުގީގަށް ވެސް މަހަކަށްވުރެ ގިނަ ދުވަސް ވެފައި ވަނިކޮށް މިއަދު ނެރުނު ނޫސް ބަޔާނުގައި، ބުނީ “މީހަކު ވެހިކަލަކަށް އެރުވި” ހާދިސާގެ އިތުރުން މިދިޔަ މަހު 15 ވަނަ ދުވަހު ހުޅުމާލޭގައި ހިނގި އަލިފާނުގެ ހާދިސާއާ ވެސް ރިލްވާން ގެއްލުމާ ގުޅުމެއް ނެތް ކަން ތަހުގީގަށް ލިބިފައިވާ މައުލޫމާތުން އެނގިފައިވާ ކަމަށެވެ.

ރިލްވާން ގެއްލުނު ރޭ ދަންވަރު އޭނާ ހުޅުމާލޭގައި ދިރިއުޅޭ އެޕާޓްމެންޓް ކައިރިން ގަދަކަމުން މީހަކު ރަތް ކުލައިގެ ކާރަކަށް އަރުވައިގެން ގެންދިޔަ މަންޒަރު ބައެއް މީހުންނަށް ފެނިފައިވެ އެވެ. އެ މައުލޫމާތު ފުލުހުންގެ ތަހުގީގަށް ބައެއް މީހުން ހިއްސާ ވެސް ކޮށްފައިވެ އެވެ. އެ މައްސަލާގައި ފުލުހުން ކާރެއް ހިފަހައްޓައި ތަހުގީގުކޮށްފައިވާއިރު، ހަތަރު މީހެއްގެ ޕާސްޕޯޓު ވެސް ފުލުހުން ހިފެހެއްޓި އެވެ.

ފުލުހުންގެ ބަޔާނުގައި ބުނީ މިދިޔަ މަހުގެ 13 ވަނަ ދުވަހުން ފެށިގެން ރިލްވާން ހޯދުމަށް ފުލުހުން ކުރާ ތަހުގީގުގައި، އޭނާ ގެއްލުނު ރޭ ދަންވަރު 12:55 ހާއިރު ހުޅުމާލެ ފެރީ ޓާމިނަލަށް ވަދެފައިވާ މަންޒަރު މިހާތަނަށް ދިރާސާކުރި ސީސީޓީވީ ފުޓޭޖުތަކުން ފެނިފައިވާ ކަމަށެވެ. އޭގެ ފަހުން މާލެ އިން ހުޅުމާލެ އަށް ދަތުރުކުރި ފެރީއަކުން ރިލްވާނާ ވާހަކަ ދެއްކި ކަމުގެ މައުލޫމާތު އަމިއްލަ ފަރާތަކުން ފުލުހުންނަށް ދީފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ނަމަވެސް އޭގެ ފަހުން ހުޅުމާލެ އިން ރިލްވާނާ ދިމާވިކަމަށް އެއްވެސް މީހަކަށް މިހާތަނަށް ކަށަވަރުކޮށްދެވިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

“އަހުމަދު ރިލްވާން އަބްދުﷲ ހޯދުމަށް ކުރެވެމުންދާ މަސައްކަތުގައި މިހާތަނަށް ހޯދުނު މަޢުލޫމާތަށް ބަލާއިރު 2014 އޮގަސްޓް 7 ވަނަ ދުވަހުގެރޭގެ 00:00 މިނިޓުގެ ފަހުން އަހުމަދު ރިލްވާން އަބްދުﷲ ހުޅުމާލެ އިން އެއްވެސް މީހަކަށް ފެނި އެއްވެސް މީހަކާ މުޢާމަލާތު ކުރިކަން މިހާތަނަށް ކަށަވަރުކޮށްދެވިފައެއް ނުވެ އެވެ،” ފުލުހުންގެ ބަޔާނުގައިވެ އެވެ.

ފުލުހުން ބުނީ ރިލްވާން ހޯދުމަށް ކުރާ ތަހުގީގުގައި، ހުޅުމާލެ ފެރީ ޓާމިނަލް ކައިރިން ރިލްވާން ފެންނަ ސީސީޓީވީ ފުޓޭޖް ދިރާސާކޮށް، އެ ފުޓޭޖުން ފެންނަ ބައެއް މީހުން ހާޒިރުކޮށް މައުލޫމާތު ސާފުކޮށްފައިވާ ކަމަށެވެ. އޭނާ ހޯދަން މިހާތަނަށް 79 ތަނަކުން 157 ކެމެރާ އިން 1235 ގަޑިއިރުގެ ވީޑިއޯ ފުޓޭޖް އެއްކޮށް އެ ތަކެތި ދިރާސާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ބަޔާނުގައިވެ އެވެ.

ފުލުހުންގެ ބަޔާނުގައި ބުނި ގޮތުގައި ރިލްވާން ހޯދުމަށް ހުޅުމާލެ ކައިރި ސަރަހައްދުތަކަށް 521 މިނެޓްގެ ޑައިވްކޮށް، ޖުމްލަ 267197.5 އަކަމީޓަރުގެ ސަރަހައްދެއް ވަނީ ބަލައިފަ އެވެ. އަދި މައްސަލައާ ގުޅިގެން 84 އުޅަނދެއް މިހާތަނަށް ބަލައި ފާސްކޮށްފައިވާއިރު، މާލެ އިން 9 ގެއެއް ވަނީ ފާސްކޮށްފަ އެވެ.

ހުޅުމާލޭގެ ގޭގެ އާއި ގުދަންތަކާއި ގަރާޖްތައް ހިމެނޭ ގޮތުން 139 އަށް ވުރެ ގިނަ ތަންތަނާއި ބައެއް ރަށްރަށުގެ ގެސްޓް ހައުސްތަކާއި ގޭގެ މިހާރު ވެސް ބަލައި ފާސްކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ރިލްވާން ހޯދަން ކުރާ މަސައްކަތުގައި، ފުލުހުން ބުނި ގޮތުގައި، މިހާތަނަށް 128 މީހުންނާ ސުވާލުކޮށް ބަޔާން ނަގާފައިވާއިރު 387 މީހަކާ ސުވާލުކޮށް މައުލޫމާތު ވަނީ ނަގައިފަ އެވެ. އަދި ހުޅުމާލޭގައި މީހުން ދިރިއުޅޭ 77 އެޕަޓްމަންޓަކުން 192 މީހުންނާ ސުވާލުކޮށް މައުލޫމާތު އެއްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ރިލްވާން ގެއްލުމާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއް ވާނަމަ 3322111 ނުވަތަ 119 އަށް ނުވަތަ ސީރިއަސް އެންޑް އޮގަނައިޒްޑް ޑިޕާޓްމަންޓުގެ 9911099 އަށް ގުޅައި މައުލޫމާތު ހިއްސާކުރަން ފުލުހުން އެދެ އެވެ.

މީގެ އިތުރުން މާލޭގައި ހުންނަ ހުޅުމާލޭ ފެރީޓާމިނަލާއި ހުޅުމާލެ އަށް ދަތުރުކުރި ފެރީ އާއި ހުޅުމާލޭގެ ފެރީޓާމިނަލް އަދި ހުޅުމާލޭގެ އެއްވެސް ތަނަކުން ރިލްވާން ފެނިފައިވާ ނަމަ ވެސް އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުންގެ ބަޔާނުގައި އެދިފައިވެ އެވެ.

ވީނުވީއެއް ނޭނގި ރިލްވާން ގެއްލިފައިވާއިރު، އޭނާގެ އާއިލާ އާއި މިނިވަން ނިއުސް އިން ވެސް ބުނެފައި ވަނީ ފަހަކަށް އައިސް ރިލްވާނަށް ވަރަށް ބޮޑެތި އިންޒާރުތަކާއި ޕްރެޝަރު އައިސްފައިވާ ކަމުގެ މައުލޫމާތު ލިބޭ ކަމަށެވެ. އަދި އޭނާ އަށް ބިރުދައްކާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ވަނީ ބުނެފަ އެވެ.