August 21, 2014
މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ ވީނުވީއެއް ނޭނގި ގެއްލިފައިވާތާ ދެ ހަފުތާވެފައި ވާއިރު، އެ މައްސަލާގައި ވާހަކަފުޅު ދެއްކެވުމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ދެކޮޅު ހައްދަވައިފި އެވެ.
“ތިޔަކަށް އަޅުގަނޑު އެއްޗެއް ނުބުނާނެ ދެއްތޯ؟ ދެން ތިކަހަލަ ކަންތައްތަކުގައި މީގެ ކުރިން ވެސް ޕޮލިހުން ނުވަތަ ހޯމް މިނިސްޓްރީން މިހާތަނަށް އެއްޗެހި ބުނެފައި ހުންނާނީ،” ރިލްވާން ގެއްލުނު މައްސަލައާ ބެހޭ ގޮތުން ވިދާޅުވާނީ ކީކޭތޯ ނޫސްވެރިޔަކު ސުވާލުކުރުމުން ރައީސް ޔާާމިން ވިދާޅުވި އެވެ.
ރާއްޖެ ވަޑައިގެން ރައީސް ޔާމީން މިރޭ އެއާޕޯޓްގައި ނޫސްވެރިންނާ ވާހަކަފުޅުދައްކަވަނީ.–ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން
ރާއްޖެ ވަޑައިގެން ރައީސް ޔާމީން މިރޭ އެއާޕޯޓްގައި ނޫސްވެރިންނާ ވާހަކަފުޅުދައްކަވަނީ.–ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން
ޗައިނާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގެން އެއާޕޯޓްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ގެއްލުނު ނޫސްވެރިޔާ ހޯދުމުގެ މަސައްކަތް ކަމާގުޅޭ ފަރާތްތަކުން ކުރާނެ ކަމަށް ހީފުޅުކުރައްވާ ކަމަށެވެ.
“މޮޔަމީހާ”ގެ ނަމުން ސޯޝަލް މީޑިއާގައި މަޝްހޫރުވެފައިވާ ރިލްވާނަށް ވީނުވީއެއް ނޭނގި ގެއްލިފައިވަނީ މިމަހުގެ ހަތް ވަނަ ދުވަހުގެ ރޭ އޭނާ ހުޅުމާލެ އަށް ދިއުމަށްޓަކައި ފެރީ ޓާމިނަލަށް ވަތް ފަހުންނެވެ. އެ ޓާމިނަލް ތެރޭގައި އޭނާ ހަރަކާތްތެރިވާ މަންޒަރު ފެންނަ ވީޑިއޯ ހުރި ނަމަވެސް އޭނާ ހުޅުމާލެ އަށް ދިޔަ ކަމެއް މިހާތަނަށް ވެސް ކަށަވަރެއް ނުކުރެވެ އެވެ.
މި މަހުގެ ހަތް ވަނަ ދުވަހުގެ ރޭ އޭނާ ދިރިއުޅޭ ފްލެޓް ކައިރިން ބަޔަކު ގަދަކަމުން މީހަކު ވެހިކަލަކަށް އަރުވައިގެން ދިޔަ މަންޒަރު ބަޔަކަށް ފެނިފައިވެ އެވެ. އެއީ ރިލްވާންކަން ކަށަވަރު ނުވިޔަސް، އެ މަައްސަލަ ޕޮލިހަށް ވަނީ ހުށަހަޅައިފަ އެވެ.