August 24, 2014
މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން ގެންދާ މިނިވަން ނިއުސްގެ އަޙްމަދު ރިޟްވާން ޢަބްދުﷲ ހޯދުމަށް ކެނޑިނޭޅު ހުއްޓުމެއްނެތި މަސައްކަތް ކުރަމުން ގެންދާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންބުނީ ރިލްވާން ގެއްލިފައިވާކަން ފުލުހުންނަށް ހުށައެޅީ 13 އޮގަސްޓް ވަނަ ދުވަހު 13:15 ހާއިރު ކަމުގައެވެ.
ރިޟްވާން ހޯދުމަށް މިހާތަނަށް ހުޅުމާލޭގައި މީހުން ދިރިއުޅޭ ސަރަހައްދުތަކާއި ސިނާޢީ މަސައްކަތްތައް ކުރާ ސަރަހައްދުތަކުގެ އިތުރުން މީހުން ދިރި ނޫޅޭ ސަރަހައްދުތައްވެސް އެއްކޮށް ބަލައި ފާސްކޮށް ނިމިފައިވާއިރު، ލިބޭ ތަފާތު މަޢުލޫމާތުގެ މައްޗަށް ބިނާކޮށް މީހުން ދިރިއުޅޭ ބައެއް ފްލެޓްތަކާއި ތަންތަނާއި ގެސްޓް ހައުސް ފަދަ ތަންތަންވެސް ބަލަމުން ގެންދާކަމަށް ފުލުހުންބުނެއެވެ،
އަދި ރިލްވާން ހޯދުމަށް ހުޅުމާލެ ފަޅުގެ ބޮޑު ސަރަހައްދަކާއި ވަށައިގެންވާ އުރަފަށުގެ ބޮޑުބައެއް ވަނީ ބަލާ ފާސްކޮށްފައިވާކަމަށާއި މާލެއާ ކައިރި ފަޅު ރަށްތަކާއި އަތޮޅު ތެރޭގެ އިތުރު ރަށްރަށްވެސް މިހާތަނަށް ބަލައި ފާސްކޮށްފައިވާކަމަށް ފުލުހުންބުނެއެވެ.
މީގެ އިތުރުން ބޮޑެތި ރަށްރަށަށް ވައިގެ މަގުންނާއި ކަނޑު މަގުން ދަތުރުކުރާ އުޅަނދުފަހަރާއި މާލެއާއި ހުޅުމާލޭގެ ފަޅުގައިހުރި ބައެއް އުޅަނދުތައްވެސް ބަލަމުން ގެންދާކަމަށާއި އެކި ފަރާތްތަކުން ފުލުހުންނާ ހިއްސާ ކުރާ މަޢުލޫމާތަށް ބަލައި އަތޮޅުތެރޭގައާއި މާލެގެެ ބައެއް ސަރަހައްދު ތަކާއި ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދާކަމަށްވެސް ފުލުހުންބުނެއެވެ.