#findmoyameehaa

Ahmed Rilwan (@moyameehaa)

Ahmed Rilwan Abdulla (@moyameehaa) a Maldivian Journalist has been missing since 8 August 2014. He was last seen on CCTV at the Hulhumale' ferry terminal.

He was wearing a black shirt, black trousers, black shoes with white soles and carrying a black backpack.
Rilwan is 28 years old, of medium build and 5 feet 10 inches tall, sporting a short beard and moustache.

ހުޅުމާލެ: ރައްކާތެރިކަމަށް އިތުރު ފިޔަވަޅުތައް ބޭނުންވޭ

ގާތްގަނޑަކަށް 30،000 މީހުންގެ އާބާދީއެއް އޮތް ތަނެކެވެ. އެތައް ހާސް ބަޔަކު ކޮންމެ ދުވަހަކު ދަތުރުފަތުކުރެ އެވެ. ވިސްނުންތެރިކަމާ އެކު ރަނގަޅަށް ޕްލޭންކޮށްފައި އޮތް ބިޔަ ބިމެކެވެ. ބިޔަ މަގުތަކެވެ. ކުޑަކުދިން ކުޅޭނެ ބިންތައް އެބަ އޮތެވެ. ރަށް ފެހިވެފައި ހިތްހަމަޖެހޭ ފަދަ މާހައުލެއް އެބަ އޮތެވެ. އެކަމަކު ހުޅުމާލެއަކީ ރައްކާތެރި ތަނެއްގެ ގޮތުގައި ބެލެވިދާނެ ހެއްޔެވެ؟

ތަރުތީބުން އަތުރާލާފައިވާ އިމާރާތްތަކެވެ. މާލޭގެ ކޮންމެ ދެ ގެއެއްގެ ދޭތެރޭގައި ގަރާޖްތަކާއި ވޯކްޝޮޕްތައް ހުރި ނަމަވެސް ހުޅުމާލެ މުޅިން ތަފާތެވެ. މީހުން ދިރިއުޅޭ ސަރަހައްދުތަކަށް އުނދަގޫ ނުވާނެ ގޮތަށް އިގްތިސާދީ މަސައްކަތްތައް ކުރާ ތަންތަން ވަނީ ވަކިކޮށްފަ އެވެ.

ހުޅުމާލޭގެ ވަޒަންވެރިންގެ އިތުރުން އެ މާހައުލުން އުފާ ހޯދަން ޒިޔާރަތްކުރާ މީހުން ވެސް ހާހުން ގުނެ އެވެ. ހިތްގައިމު މާހައުލެއް އޮތުމުން ހިތްހަމަޖެހުން ލިބުނު ނަމަވެސް ހިތްހަމަނުޖެހުންތަކެއް ވެސް އެބަހުއްޓެވެ. ޒަމާނަށް ފެތޭ ގޮތަށް ޑިޒައިންކޮށްފައިވީ ނަމަވެސް ޒަމާނާ ގުޅޭ ގޮތަށް ކޮންމެހެން ގާއިމުކުރަންޖެހޭ ވަސީލަތްތަކެއް ހުޅުމާލޭގައި އަދިވެސް ހުރީ ގާއިމުނުކުރެވި އެވެ. އޭގެ ސަބަބުން އެ ރަށުގެ ސަލާމަތީ ކަންތައްތަކާ މެދު ސުވާލު އުފެއްދޭނެ ކިތަންމެ ކަމެއް އެބަހުއްޓެވެ.

މާޒީގައި ހިނގާފައިވާ ބައެއް ހާދިސާތަކަށް ބަލަމާ ހިނގާށެވެ. ޒުވާން އަންހެން ކުއްޖަކު ފެރީ އަށް ދަނިކޮށް ގޮތް ނޭނގޭ ބަޔަކު ހިފަހައްޓައި އެ ކުއްޖާ ރޭޕްކުރި ކަމަށް ބުނެ ފުލުހުން އެ ބަޔަކު ހޯދާތާ އެތައް މަހެއް ވެއްޖެ އެވެ. ހަބަރެއް ނުވެ އެވެ. އަލިފާނުގެ ނުރައްކާތެރި ހާދިސާތައް ހިނގާފައި ވެ އެވެ. ބައެއްގެ ގުދަނެއް އަނދައި ބިމާ ހަމަވިތާ އަދި މާ ގިނަ ދުވަހެއް ނުވެ އެވެ. ބޮޑެތި އެކްސިޑެންޓްތައް ހިނގައި މީހުން މަރުވެފައި ވެ އެވެ. މާރާމާރީތަކާއި ބަދުއަހުލާގީ އަމަލުތަކާއި މަސްތުވާކަތީގެ މައްސަލަތަކުގެ ރެކޯޑްތައް ވެސް މަދެއް ނޫނެވެ.

މި ދުވަސްވަރު ހޫނު ހަބަރެއްގެ ގޮތުގައި އޮތީ ވެސް ހުޅުމާލެއާ ގުޅުން ހުރި ހަބަރެކެވެ. ނޫސްވެރިޔާ އަހުމަދު ރިލުވާން ގެއްލިގެން ހޯދާތާ ދެ ހަފުތާވީ އެވެ. މިހާތަނަށް ފުލުހުން ދީފައިވާ މައުލޫމާތުތަކާއި މިނިވަން ނޫހުން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ބުރަވެވެނީ ހުޅުމާލޭގައި އޭނާ ދިރިއުޅޭ ގެ ކައިރިން ބަޔަކު އޭނާ ވަގަށް ނެގީ ކަމަށެވެ. ހުޅުމާލެ އާއި ކަނޑުގެ ސަރަހައްދުގައި އޭނާ ހޯދުމަށް ފުލުހުންނާއި ސިފައިން އަތްފުނާ އަޅަމުންދާ އިރު އޭނާގެ ފުރާނައަށް ނުރައްކަލެއް ވެދާނެ ފަދަ ކަމެއް މެދުވެރިވެފައިވާ ކަމުގެ ބިރު ދަނީ ބޮޑުވަމުންނެވެ.

ހިތާމަވެރި ހާދިސާތަކާއި ކުށްކުރުން މުޅިން ހުއްޓުވުމަކީ ނުވާނެ ކަމެކެވެ. އެކަންތައްތައް ޖެހޭނީ ވީހާ ވެސް މަދުކުރާށެވެ. ނަމަވެސް އެ ކަންކަން މަދުކުރުމަށް ކޮންމެހެން ބޭނުންވާ ވަސީލަތްތަކެއް ހުޅުމާލޭގައި މަދެވެ. ރޭގަނޑު ވެއްޖެ ނަމަ އަލި ކަމަށް ވުރެ އަނދިރިކަން ބޮޑެވެ. ފާހިޝް އަމަލުތަކަށް މަގުފަހިވާ އެންމެ ބޮޑު އެއް ސަބަބަކީ ވެސް އެއީ އެވެ.

އާބާދީއާ އެކަށީގެންވާ ވަރަށް ރަށު ތެރެ ބެލެހެއްޓުމަށް ފުލުހުން ހަރަކާތްތެރިނުވާ ކަމަށް އެ ރަށުގައި ދިރިއުޅޭ ބައެއް މީހުން ބުނެ އެވެ. މި ދަނޑިވަޅުގައި އެ ކަމާ ބެހޭ ގޮތުން އެއްވެސް ވާހަކަ ދައްކާކަށް ފުލުހުން ބޭނުމެއް ނުވެ އެވެ. އެކަމަކު އެ ރަށުގައި ސީސީސޓީވީ ކެމެރާއެއް ނެތެވެ. ތިރީސް ހާސް މީހުންގެ އާބާދީއެއް އޮތް ހުޅުމާލޭގައި ތަނެއްގައި ރޯވެއްޖެ ނަމަ ފެން ޖަހަން ޖެހެނީ ގަހަށް ފެންދޭ ލޮރީ އާއި ބާލިދީ ބޭނުންކޮށްގެންނެވެ. ފަޔާ ސާވިސްއެއް ނެތެވެ. ހުޅުމާލެއާ ގުޅާލާފައިވާ އެއާޕޯޓްގެ ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ފެން ލޮރީ އައިސް ފެން ޖަހަންވާ އިރަށް އެ ތަނެއް އޮންނަނީ އަނދާ އަޅިއަށް ވެފަ އެވެ.

ހުކުރު ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވި ރޯ ހައުސްތަކުގައި އުޅޭ ބައެއް މީހުން ‘ހަވީރަ’ށް އިންޓަވިއު ދެނީ: ހަ ރޯ ހައުސްއެއްގެ މަތީ ފްލޯ ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި. – ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހް
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރޯ ހައުސްތަކުގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވެފައިވާ ތަނެއް: ހަ ރޯ ހައުސްއެއްގެ މަތީ ފްލޯ ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި. – ހަވީރު ފައިލް ފޮޓޯ

ހުޅުމާލޭގެ ކަންކަން ބަލަހައްޓަމުން އަންނަ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިންގް ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ ހުޅުމާލޭގައި ފަޔާ ސާވިސްގެ ހިދުމަތް ފުޅާކުރުމަށް އެމްއެންޑީއެފްއާ މަޝްވަރާކޮށްގެން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެ ގޮތުން އަލިފާނުގެ ހާދިސާއެއް ހިންގައިފި ނަމަ ފަސޭހައިން ފެން ނެގޭނެ ގޮތް ހެދުމާއި ވެހިކަލް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މި އަހަރު ނިމުމުގެ ކުރިން އެ ވަސީލަތްތައް ގާއިމުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

“އޭރުން ވަގުތުން ވަގުތަށް ފަޔާއެއްގައި އެ ބޭފުޅުން އެޓެންޑްވާން ސާމާނު ހުންނާނެ. މިހާރު ނޯވޭ ހުޅުމާލެއަކު ]ފަޔާ ސާވިސްއެއް[. އެއާޕޯޓުން އެޓެންޑް ވާންޖެހެނީ. އެހެންވީމާ ވަގުތުތަކެއް ދޭ. އެހެން ނަމަވެސް ކުއްލިއަކަށް ދިމާވާ ކަމެއްގައި އެޓެންޑް ވެވޭ ވަރަށް އަޅުގަނޑުމެން އެއްޗެހި މި ހޯދަނީ އެމްއެންޑީއެފްއާ ވާހަކަ ދައްކައިގެން،” ސުހައިލް ވިދާޅުވި އެވެ.

ހުޅުމާލޭގެ ސަލާމަތީ ކަންތައްތަކާ ބެހޭ ގޮތުން މި ދަނޑިވަޅުގައި ވާހަކަ ދައްކަން ފުލުހުން ބޭނުން ނުވި ނަމަވެސް ރަނގަޅު ކުރަންޖެހޭ ގިނަ ކަންތައްތަކެއް ފާހަގަކޮށް ފުލުހުން ވަނީ އެޗްޑީސީ އަށް ހުށަހަޅައިފަ އެވެ. އަދި ދެ ފަރާތުން ގުޅިގެން ކަންތައްތަކެއް އަންނަނީ ކުރަމުންނެވެ.

ސުހައިލް ވިދާޅުވީ މަގުމަތި އަލިކުރުމަށް އެ ތަނުގެ މުވައްޒަފުން ބޭނުންކޮށްގެން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އެ ގޮތުން މި ވަގުތު އެންމެ މުހިންމު ތަންތަން އަލިކުރަމުން އަންނަ ކަމަށެވެ. އަދި މި އަހަރު ނިމޭ އިރު މަގުތައް އަލިކުރެވޭ ވަރުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް މި ވަގުތު ގިނައީ “ލޮލަށް އިނގިލި ކޮއްޕައިލިޔަސް މީހުން ވަކިކުރަން ނޭނގޭހާ” އަނދިރި ހިސާބުތަކެވެ.
ފެރީއަކުން ބަޔަކު ހުޅުމާލެ އަށް ފައިބަނީ. — ހަވީރު ފައިލް ފޮޓޯ
ފެރީއަކުން ބަޔަކު ހުޅުމާލެ އަށް ފައިބަނީ: ސަލާމަތީ ކަންތައްތައް ވަރުގަދަކުރަންޖެހޭ. — ހަވީރު ފައިލް ފޮޓޯ

ހުޅުމާލެ އާއި މާލެއާ ދެމެދު ކޮންމެ ދުވަހަކު އެތައް ހާސް ބަޔަކު ދަތުރުކުރާ ފެރީތަކާއި އެ ފެރީތަކަށް އަރާ ފައިބާ މީހުން ފެންނަ ފަދަ ކެމެރާއެއް ނެތެވެ. ގެއްލިގެން ހޯދަމުންދާ ނޫސްވެރިޔާ އަށް ވީ ގޮތެއް އަންދާޒާކުރަން ވެސް ނޭނގިގެން އުޅޭ މައިގަނޑު ސަބަބަކީ ސެކިއުރިޓީ ކެމެރާތައް ނެތުން ކަމަށް ބެލެވެ އެވެ. މާލޭގެ ފެރީ ޓާމިނަލުގައި އޭނާ ހަރަކާތްތެރިވާ ތަނާއި ވެއިޓިން އޭރިއާ އަށް ވަންނަ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާންމުކޮށްފަ އެވެ. އެކަމަކު އޭގެ ފަހުން އޭނާ ފެރީ އަށް އެރި ކަމެއް ނުވަތަ އެ ތަނުން ނުކުމެގެން، މީހުން ނުކުންނަ ދޮރާށިން ބޭރަށް ދިޔައީ ކަމެއް ލަފާކުރެވޭ ވަރަށް ވެސް ވީޑިއޯ ފުޓޭޖެއް ހުރި ކަމަކަށް ނުބެލެވެ އެވެ. އަދި ހުޅުމާލޭގެ މަގުތަކުގައި ސީސީޓީވީ ކެމެރާ ނެތުމުން އިތުރު ހުރަސްތަކެއް ވަނީ ކުރިމަތިވެފަ އެވެ.

ސުހައިލް ވިދާޅުވީ މަގުތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރުމަށް ފުލުހުންނާ މަޝްވަރާކޮށް ކެމެރާ ހުންނަންވީ ތަންތަން ފާހަގަކޮށް، ފުލުހުންނާ ގުޅިގެން ރިޕޯޓެއް ތައްޔާރުކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެ އިރެއް އަދި ނިމޭނެ އިރެއް ވެސް ނޭނގެ އެވެ.

“ފޭސް އައުޓް ކޮށްގެން އެންމެ މުހިންމު ތަންތަނަށް ފުރަތަމަ ކެމެރާ ބަހައްޓާ ގޮތަށް. އަޅުގަނޑުމެން އެގްރީވެފައި އޮންނަނީ އެޗްޑީސީން ކެމެރާއާ އެއްޗެހި ހޯދައިދޭ ގޮތަށް،” ސުހައިލް ވިދާޅުވި އެވެ.

ހުޅުމާލޭގެ ރައްކާތެރިކަމާ މެދު ސުވާލުތައް އުފެދިފައިވާ އިރު ވަގުތުން ވަގުތައް ހޯދޭނެ ހައްލުތަކަށް ވުރެ ބޮޑަށް ހުރީ ހުސް ޕްލޭންތަކެވެ. މި ވަގުތަށް ބަލާއިރު ރަށުގައި އަލި ކަމެއް ނެތެވެ. މަގުތައް އަމާނެއް ނޫނެވެ. ބާރު ސްޕީޑުގައި ރޭސްޖަހާ މީހުން ރޭސް ޖަހަނީ އެވެ. ޗައިނާ ސަރުކާރުން އަޅައިދިން ފްލެޓްތަކުގައި މީހުން އާބާދުވުމުން ރޭސް ޖަހާ ސަރަހައްދުގެ އަމާންކަން ވެސް ވަނީ ގެއްލިފަ އެވެ. ކޮންމެ ދަނޑިވަޅެއްގައި ވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގުމުގެ ފުރުސަތު އެބަ އޮތެވެ. ހުއްޓުވޭނެ ގޮތެއް ނެތެވެ. އަލިފާން ރޯވެއްޖެ ނަމަ ނިއްވޭނެ ގޮތެއް ނެތެވެ. މަގުތައް މޮނީޓާކުރެވޭނެ ކެމެރާތަކެއް ނެތެވެ. އެކަށީގެންވާ ވަރަކަށް ފުލުހުންނެއް ވެސް ނެތެވެ. މި ހުރިހާ ސަބަބުތަކަށް ބަލާއިރު ހުޅުމާލެއަކީ އަމާން ރައްކާތެރި ތަނެކޭ ބުނެވިދާނެ ހެއްޔެވެ؟