August 21, 2014
ގެއްލިފައިވާ މިނިވަން ނިއުސްގެ ނޫސްވެރިޔާ މ ޝައިނިންގސްޓާރ އަހުމަދު ރިލްވާން ޢަބްދުﷲ މާލޭގެ ގެއެއްގައި ހުރިކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އެގެ ބަލައި ފާސްކޮށްފި ކަމުގެ މައުލޫމާތު ރާޢްޖެ އެމްވީއަށް ލިބިއްޖެއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ބަލައި ފާސްކޮށްފައިވަނީ މއ ބުލުްބުލާގެ އެވެ. ނަމަވެސް އެގެއިން އެފަދަ އެއްވެސް ކަމެއް ފެނިފައި ނުވާކަމަށް ރާއްޖެ އެމްވީއަށް ވަނީ މައުލޫމާތު ލިބިފައެވެ.
މިކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިޔާ އޮފިޝަލަކު ވިދާޅުވީ ފުލުހުން ހިންގާ ތަފާތު ތަހުގީގުތަކުގައި އެކިއެކި ތަންތަން ބަލައި ފާސްކުރަމުންދާ ކަމަށާއި މިރޭވެސް އެފަދައިން ބައެއް ތަންތަން ބަލާފައިވާކަމަށެވެ. ގެއްލިފައިވާ ރިލްވާން މާލޭގެ ގެއެއްގައި ހުރިކަމުގެ މައުލޫމާތެއް ލިބިގެން ފުލުހުން އެފަދަ ތަނެއް ފާސްކޮށްފައިވޭތޯ ތަކުރާރުކޮށް ދެންނެވުމުންވެސް ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ އިތުރު އެއްޗެއް ވިދާޅުވެވެން ނެތްކަމަށެވެ.