August 28, 2014
މި އޮގަސްޓް މަހުގެ 7 ވަނަދުވަހުގެރޭގެ ވަގުތެއްގައި ވީނުވީތަނެއް ނޭނގި ގެއްލިފައިވާ މ. ޝައިނިންގ ސްޓަރ އަޙްމަދު ރިޟްވާން ޢަބްދުﷲ (28އ) ހޯދުމަށާއި އޭނާގެ ތަޙުޤީޤުގެ މަސައްކަތް ފުލުހުން މިދަނީ ހަލުވިކަމާއެކު ކުރަމުންނެވެ.
މިގޮތުން މިހާތަނަށް މިމައްސަލައާއި ގުޅިގެން 198 މީހަކާ ސުވާލުކޮށް މަޢުލޫމާތު ހޯދައި 80 އަށްވުރެ ގިނަމީހުންގެ ތަޙުޤީޤު ބަޔާން ވަނީ ނެގިފައެވެ. ހުޅުމާލޭގައި ރިޟްވާން ޢަބްދުﷲ އުޅުނު އެޕާޓްމަންޓުގެ ވަށައިގެންވާ ފްލެޓްތަކާއި އެޕާޓްމަންޓުތަކުގައި އުޅޭ ގިނަ ބައެއްގެ ފަރާތުން މަޢުލޫމާތު ހޯދައި އެއްކުރެވިފައިވެއެވެ.
ރިޟްވާން ޢަބްދުﷲ ހޯދުމަށާއި މައްސަލަ ތަޙުޤީޤުކުރުމުގެ މަސައްކަތުގައި މާލެ އާއި ހުޅުމާލޭގެ އެކި ސަރަޙައްދުތައް ހިމެނޭ ގޮތުން 30 އަށްވުރެ ގިނަ ތަނަކުން 293 ގަޑިއިރުގެ ވީޑިއޯ ފުޓޭޖް ހޯދައި އެތަކެތި ދިރާސާކުރުމުގެ މަސައްކަތް ކުރަމުން އެބަގެންދަމެވެ. މީގެ އިތުރުން އެހެނިހެން މާއްދީ ހެކިތައް ހޯދައި އެތަކެތި އެނަލައިޒް ކުރުމުގެ މަސައްކަތްވެސް މިދަނީ ކުރަމުންނެވެ.
މިމައްސަލައާ ގުޅިގެން މިހާތަނަށް ހުޅުމާލޭގެ ޢާއްމު ހުރިހާ ސަރަޙައްދަކާއި ބަންދުކޮށްފައި އޮންނަ ސަރަޙައްދުތަކާއި ސިނާޢީ މަސައްކަތްކުރާ ސަރަޙައްދުތައް ބަލައި ފާސްކުރެވިފައިވެއެވެ. މީގެއިތުރުން ހުޅުމާލެއިން 50 އަށްވުރެ ގިނަ ތަންތަން ކޯޓުއަމުރުގެދަށުން ވަނީ ބަލައި ފާސްކުރެވިފައެވެ. މިއާއެކު ހުޅުމާލޭ ފަޅުތެރޭގައި އޮންނަ، ކުރިން ރިޒޯޓެއްގެ ގޮތުގައި ބޭނުންކުރި ފަރުކޮޅުފުށި ދެ ފަހަރެއްގެމަތިން ވަނީ ބަލައި ފާސްކުރެވިފައެވެ. އަދި ވިލިމާލެއިން 4 ގެއަކާއި ވިލިމާލޭގެ އެކި ސަރަޙައްދުތަކާއި މާލެއިން ބައެއް ތަންތަންވެސް ވަނީ ބަލައި ފާސްކުރެވިފައެވެ. ހަމައެހެންމެ ހުޅުމާލޭގެ ފަޅުތެރެއާއި ކަނޑުގެ ސަރަޙައްދާއި އުރަފަށް ބެލުމުގެ އިތުރުން ހުޅުމާލޭ ފަޅުގައި ހުރި ގިނަ އުޅަނދުތައްވެސް ވަނީ ބަލައިފާސްކުރެވިފައެވެ. އަދި މިމައްސަލަ އާއި ގުޅިގެން އަތޮޅުތެރޭގެ ބައެއް ރަށްރަށް ވެސް ބެލިފައިވެއެވެ.
މިމައްސަލާގައި ފުލުހުން ކުރަމުންދާ ތަޙުޤީޤަށް ލިބޭ މަޢުލޫމާތަށް ބިނާކޮށް މިމައްސަލައާއި ގުޅުންހުރިކަމަށް ތުހުމަތުކުރެވޭ އެހެން މައްސަލަތައްވެސް މިދަނީ ބަލަމުންނެވެ. މިގޮތުން ރިޟްވާން ޢަބްދުﷲ ގެއްލުނުކަމަށް ބެލެވޭ، 2014 އޯގަސްޓް 7 ވަނަދުވަހުގެރޭ ހުޅުމާލޭގައި ހިނގިކަމަށް ބުނާ ޙާދިސާއާއި ގުޅޭ 3 ކާރެއް ބަލައި ފާސްކޮށް އެއިން ސާމްޕަލްނަގައި ފޮރެންސިކް ތަޙުލީލު ކުރުމުގެ މަސައްކަތް ވަނީ ފެށިފައެވެ. އަދި އެރޭގެ ޙާދިސާގައި ބޭނުންކުރިކަމަށް ބެލެވޭ ކާރެއް ފުލުހުންގެ ބެލުމުގެދަށަށް ގެނެސް މިމައްސަލައާއި ހުރި ގުޅުން ދިރާސާ ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރަމުންދާވާހަކަ ދަންނަވަމެވެ.
މ. ޝައިނިންގސްޓާރ، އަޙްމަދު ރިޟްވާން ޢަބްދުﷲ، (28އ)، ވީނުވީތަނެއް ނޭނގި ގެއްލިފައިވާ މައްސަލައާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް އަދި ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ލިބިފައިވާ ފަރާތެއްވާނަމަ އެ މަޢުލޫމާތާއި ތަކެތި ފުލުހުންނާ ޙިއްސާކޮށް މިމަސައްކަތުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ފުލުހުންގެ ތަޙުޤީޤަށް ދެއްވުމަށް މިފުރުޞަތުގައިވެސް އިލްތިމާސް ކުރަމެވެ.
ހަމައެހެންމެ މިފަދަ މައްސަލަތަކުގެ ތަޙުޤީޤު ކުރިޔަށް ގެންދިއުމުގައިި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް މިފުރުޞަތުގައިވެސް ޝުކުރު ދަންނަވަމެވެ.