#findmoyameehaa

Ahmed Rilwan (@moyameehaa)

Ahmed Rilwan Abdulla (@moyameehaa) a Maldivian Journalist has been missing since 8 August 2014. He was last seen on CCTV at the Hulhumale' ferry terminal.

He was wearing a black shirt, black trousers, black shoes with white soles and carrying a black backpack.
Rilwan is 28 years old, of medium build and 5 feet 10 inches tall, sporting a short beard and moustache.

އަޑި ނޭނގޭ ޖަރީމާތަކުން ހާސްކަން ބޮޑުވަނީ!

ޑރ. އަފްރާޝީމް އަލީގެ ފުރާނަ ހަތަރު ލައްކަ ރުފިޔާ އިން އަގުކުރީ ސިޔާސީ ކޮން ބޭނުމެއްގައި ހެއްޔެވެ؟ ކިރިޔާ މަރާނުލި އެތިފަހަރެއްގައި ހިލްއަތު ރަޝީދުގެ ކަރަށް ވަޅި ހެރީ ކޮން ބައެއް ހެއްޔެވެ؟ އަލްހާން ފަހުމީގެ ބުރަކައްޓަށް ހަމަލާދީ އެއް ފައިގެ ވާގި ދުއްވާލީ ކޮން މަގްސަދެއް ހާސިލްކުރަން ހެއްޔެވެ؟ ފަހުގެ ތާރީޚެއްގައި ދިވެހިންނަށް ކުރިމަތިވި މި ބާވަތުގެ އެންމެ ހައި ޕްރޮފައިލް ހާދިސާތަކުގެ އަޑިއެއް ނޭނގެ އެވެ. ވޭތުވެދިޔަ ދެ އަހަރު ނުހަނު ހާމަކަން ބޮޑުކޮށް ހިންގާފައިވާ އެ އަނިޔާވެރި ޖަރީމާތަކުގެ ހަގީގަތް ވަނީ ސިއްރުވެފަ އެވެ. މިހާރު، ނޫސްވެރިޔަކު ގެއްލުނު ގޮތުގެ ބޮޑު ހައިރާންކަމެވެ. ގައުމު އަނެއްކާވެސް ނޭނގުމެއްގެ ތެރޭގަ އެވެ. މި ހާސްކަން ކިތައް ހާދިސާ އަށް ދިގުދެމިގެން ހިނގައިދާނެ ހެއްޔެވެ؟

ކޮންމެހެން އެނގެން ޖެހޭ ކަންތައްތަކެއް
މާޒީ އަށް ބަލާ އިރު، މާރާމާރީ ހިންގުމާއި މީހުން މެރުމުގެ ފަހަތުގައި އޮންނަނީ ކޮންމެވެސް ޒާތީ ސަބަބެކެވެ. ރާއްޖޭގައި އެންމެ އާއްމުކޮށް މީހުން މަރަނީ ގޭންގްތަކުގެ މެދުގައި ހިނގާ ހަމަނުޖެހުންތަކުގައި ކަމަށް ވާއިރު އެއީ އެ މީހުންގެ ތެރޭގައި އޮންނަ ހަސަދަވެރިކަމާއި ބަދަލުހިފުންކަން އޮޅިފައެއް ނޯވެ އެވެ. އެފަދަ ހަމަލާތަކުގައި ބައެއް ފަހަރު “ނޭނގި” ނުވަތަ އެ ނޫން ވެސް ސަބަބަކާ ހެދި ކުށެއް ނެތް މީހުންގެ ފުރާނަ ވެސް ގެއްލިފައި އެބަހުއްޓެވެ. އެކަމަކު އެއީ ކީއްވެގެން ހިނގި ކަމެއްކަން ހާމަވެ އެވެ. މިހާރު މި އޮތީ މަންޒަރު ބަދަލުވެފަ އެވެ. ވަކި މީހަކަށް އަމާޒުކޮށްގެން ރޭވުންތެރިކަމާ އެކު ދޭ ހަމަލާތައް ދަނީ އިތުރުވަމުންނެވެ. ފަހަތުގައި ވަނީ ކޮން ބައެއް ކަމެއް އަދި ކޮން ސަބަބުތަކެއް ކަމެއް ތިލައެއް ނުވެ އެވެ.

“ޖިސްމާނީ ގެއްލުން އޭގެ ތެރޭގައި ހިނގާފައި ހުންނަ، މިސާލަކަށް މީހުން މަރުވުމާއި ގެއްލުމާއި އެ ނޫން ވެސް އަނިޔާވެރި ކުށްތަކަށް އަރައިގަންނަނީ ކީއްވެގެންކަން، ކޮން ސަބަބުތަކެއް އޭގެ ފަހަތުގައިވާތީތޯ އެސްޓަބްލިޝް ނުވާ ކަމަށް ވަންޏާ، ކުރިއަށް އޮތް ތަނުގައި މީހުންނަށް ބިރުވެރިކަން ވަރަށް ބޮޑު. ބިރުވެރިކަން ބޮޑުވީމާ، އެއީ ކުށްކުރުމަށް ލިބިދޭ ވަރަށް ބޮޑު ހިތްވަރެއް،” ފުލުހުންގެ ޚިދުމަތުގައި އިސްކޮށް އުޅުއްވާފައިވާ ބޭފުޅަކު ވިދާޅުވި އެވެ.
image descriptionތަހުގީގެއް އެންމެ ފުރިހަމަވާނީ އެކަން ރާވައި ހިންގާ ބަޔަކު ހޯދައި އެކަމެއް މުލުން ލުހެލައިގެން. އެކަމަކު ރައްޔިތުން ވެސް ގަބޫލުކުރަންޖެހޭ، ކޮންމެ މައްސަލައެއްގައި 100 ޕަސެންޓް ހުރިހާ އެއްޗެއް، ފުލުހުންނަކަށް ވެސް ނުހޯދޭނެ. ތަހުގީގުގައި ހުރިހާ އެއްޗެއް ކާމިޔާބެއް ނުވާނެ.image description– ރިޔާޒު

ނަން ނުޖަހަން ޝަރުތުކުރައްވައި އޭނާ ފާހަގަކުރެއްވި ގޮތުގައި މިފަދަ ހަމަލާތައް ދޭ ކުށްވެރިންގެ އިތުރުން އެ ކަންކަން ރާވާ މީހުންނާއި އެ މީހުންގެ މަގްސަދު ހޯދައިގެން ނޫނީ ކުށްކުރުން ހުއްޓުވުމަށް ފުލުހުން ކުރާ މަސައްކަތް ފަސޭހައެއް ނުވާނެ އެވެ. އޭނާ ވިދާޅުވީ އެ ކުށެއް ކޮށްފައިވާ ގޮތް ނުވަތަ “މޯޑަސް އޮޕަރެންޑައި” އާއި ކުށްކުރި ބޭނުން ނުވަތަ “މޯޓިވް” އަކީ ކޮންމެހެން މުހިއްމު މައުލޫމާތުތަކެއް ކަމަށެވެ. ފަހުން ފުލުހުން ހިންގާ ތަހުގީގުތަކާއި އޮޕަރޭޝަންތައް އަމާޒުކުރަންވީ ކޮން ބަޔަކަށް ކަމާއި ކޮން ގޮތަކަށްކަން ކަނޑައަޅަން އެ ދެ މައުލޫމާތުގެ ބޭނުން ވަރަށް ބޮޑަށް ހިފޭނެކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި އެއީ ކުށްވެރިންގެ ކިބައިން ސަލާމަތްވެގެން ތިބުމަށްޓަކައި އާއްމުންނަށް ވެސް މުހިއްމު މައުލޫމާތުތަކެއް ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

“އެހެންވީމާ އާއްމު ރައްކާތެރިކަމަށް ވެސް، މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ވެސް، ކުށަށް އަރައިގަންނަ މީހުން ކުށްކުރުމަށް ޖެހިލުންކުރުވުމަށް ވެސް އަދި އާއްމުން ހޭލުންތެރިކުރުމަށް ވެސް ވަރަށް މުހިއްމު ކަމެއް، މި މައުލޫމާތު ހޯދައި ރައްކާކުރުމަކީ،” އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީ ގަޔަށް ފެބްރުއަރީ 1، 2014 ވަނަ ދުވަހުގެ ރޭ ވަޅި ހަރައި ޒަހަމްކޮށްލުމާ ގުޅިގެން، އޭނާ އަށް ހަމަލާ ދިން ބްރޭކްވޯޓާ ކެފޭ އާއި އެ ކެފޭ ހުންނަ އާޓިފިޝަލް ބީޗު ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ: އިތުރު ފަރުވާ ދިނުމަށް އަލްހާން މިހާރު ވަނީ ލަންކާ އަށް ގެންގޮސްފައި. –ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހް
ފުލުހުން ތަހުގީގެއްގައި: ރާވައިގެން ބޮޑެތި ކުށްތައް ކުރުވާ މީހުންނާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް ބޭނުންވޭ.

ފުލުހުންގެ ޚިދުމަތުގައި ދިގު މުއްދަތެއް ހޭދަކުރައްވާފައިވާ އެ ބޭފުޅާ ވިދާޅުވީ ބޮޑެތި ޖަރީމާތަކުގެ ސަބަބުން އާއްމުންގެ ހިތްތަކުގައި އުފެދިފައިވާ ބިރުވެރިކަން ކުޑަކުރަން ފުލުހުން ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ. އަދި އެކަމަށްޓަކައި ފުލުހުންގެ ތެރޭގައި، ހިންގުމުގެ ހަރުދަނާ ނިޒާމެއް އޮތުން މުހިއްމު ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ. އޭނާ ވިދާޅުވީ ޒަމާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީ އާއި ފައިސާ އާއި ހިމާޔަތް ލިބިގެން ތިބެ، ކުށްވެރިން ރޭވުންތެރިކަމާ އެކު ހަރަކާތްތެރިވަމުން ދަނީ އެފަދަ ނިޒާމެއް ނެތުމުގެ ފައިދާ ނަގައިގެން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

“މިހާރު ރާއްޖޭގައި ފިއާ އޮފް ކްރައިމް ވަރަށް ބޮޑުވެގެން މި އުޅެނީ. ސިޔާސީ މީހެއް ވިޔަސް، ކިތަންމެ ބޮޑު މުއްސަންޖެއް ވިޔަސް، ފިޒިކަލީ ކިތަންމެ ވަރުގަދަ މީހެއް ވިޔަސް، އޭނައަކަށް އިތުބާރެއް ނޯވޭ، މަގުތަކުގައި ހިނގާބިނގާވެ، ނުވަތަ އޭނަގެ ވިޔަފާރި ނުވަތަ އާއްމު ދިރިއުޅުމައިގެން އުޅުމުގެ ސަލާމަތާ ދޭތެރޭ،” އޭނާ ވިދާޅުވި އެވެ.

“މީގައި މުހިއްމީ ފުލުހުންގެ އަދަދު ގިނަކުރުމެއް ނޫން، ރަނގަޅު ފުލުހުން ތިބުން. ރަނގަޅު ފުލުހުން ތިބޭނީ، މުއައްސަސާ ތެރޭގައި ރަނގަޅު މޮޑެލްއެއް، ރަނގަޅު ފިލޯސޮފީއެއް، ރަނގަޅު ސިޔާސަތުތަކެއް ހުރެގެން އަދި އެކަންކަން ތަންފީޒުކުރެވޭނެ ގާބިލް ލީޑަޝިޕެއް އެ ތަނުގައި އޮވެގެން.”

އަޑި ހޯދަން ފަސޭހައެއް ނޫން
ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު ދެކެވަޑައިގަންނަވާ ގޮތުގައި ރޭވުންތެރި ޖަރީމާތަކުގެ ފަހަތުގައިވާ ކަންކަން އެނގެން އާއްމުން ކިތަންމެ ބޭނުން ވިޔަސް އެއީ އުނދަގޫ ކަމެކެވެ. ރިޔާޒު ފާހަގަކުރެއްވިގޮތުގައި މި ޒަމާނުގައި ތަހުގީގުތައް ހިންގަނީ ހަމައެކަނި ހެކިތަކުގެ މައްޗަށް ކަމަށްވާ އިރު މިފަދަ ކުށްތަކުގެ އެންމެ ފުނަށް ފީނައިގަންނަން ދަތި ވާނެ އެވެ. އޭނާ ވިދާޅުވީ މައިގަނޑު ހުރަހަކީ ކުށްކުރުމުގައި އަމަލީގޮތުން ބައިވެރިވާ މީހުން އަތުލައިގަނެވުނަސް، ހަނު ހުރުމުގެ ހައްގު ބޭނުންކޮށްގެން، އެ މީހުން ތަހުގީގަށް އެއްބާރުލުން ނުދިނުން ކަމަށެވެ. އެހެންވެ، ބޮޑެތި މައްސަލަތަކުގައި، ހަނު ހުރުމުގެ ހައްގު އޮންނަން ޖެހޭނެތޯ ސުވާލުކުރަން ޖެހޭ ކަމަށް ރިޔާޒު ވިދާޅުވި އެވެ.

“ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ވެސް މޯޓިވް އެއީ އެހާ ފަސޭހައިން ހޯދޭ އެއްޗެއް ނޫން. ގިނަ ފަހަރަށް ހުކުމާ ހިސާބަށް ގެންދެވޭނީ އެކަމުގައި ފިޒިކަލީ އިންވޯލްވްވާ މީސްމީހުން. އޭގެ ފަހަތުގައި ތިބޭ މީހުންނާ ހަމައަށް އަންނަން ވަރަށް ދަތިވާނެ. އެއީ ވާ ގޮތަކީ މީހުންގެ އެއްބާރުލުން ނުލިބުމާ އެކު، އޮގަނައިޒްކޮށްގެން ހިންގާ ކަންތައްތައް ގިނަ ފަހަރަށް ޓްރޭސްއެއް ނުކުރެވޭނެ. މާ ބޮޑު އެވިޑެންސްތަކެއް ނުހުންނާނެ،” މިހާރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ހުންނެވި ރިޔާޒު ވިދާޅުވި އެވެ.

އަފްރާޝީމް މަރާލި މައްސަލައިގެ ތަފްސީލް ޕޮލިސް ކޮމިޝަނަރު ރިޔާޒު މިއަދު އާއްމުކުރައްވަނީ.–ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހު
ރިޔާޒު ޕޮލިސް ކޮމިޝަނަރު ކަމުގައި ހުންނެވި އިރު ނޫސްވެރިންނާ ވާހަކަދައްކަވަނީ.
އޭނާ ވެސް ގަބޫލުކުރައްވާގޮތުގައި އަޑީގައި ތިބޭ ބަޔަކު ހޯދައި އަދަބު ނުދެވޭނަމަ، މިފަދަ ޖަރީމާތައް ހުއްޓުވުމުގައި “އެންމެ ފުރިހަމަ އަށް” ކާމިޔާބެއް ނުވާނެ އެވެ. އެއީ ކުށް ކޮށްދޭން ތިބޭ އެއް ބަޔަކު ބަންދުކުރާ އިރަށް އެހެން ބަޔަކު ހޯދުމުގެ ފުރުސަތު އޮންނާނެތީ އެވެ. އެކަމަކު ކުށްކުރުމުގައި އަމަލީގޮތުން ބައިވެރިވާ މީހުންނާ މެދު އަވަހަށް ފިޔަވަޅު އަޅައި ގާނޫނު ތަންފީޒުކުރާ މަންޒަރު ފެންނަ ނަމަ ކުށް ކޮށްދޭން ޖެހިލުންވާނެކަން ރިޔާޒު ފާހަގަކުރެއްވި އެވެ.

“ތަހުގީގެއް އެންމެ ފުރިހަމަވާނީ އެކަން ރާވައި ހިންގާ ބަޔަކު ހޯދައި އެކަމެއް މުލުން ލުހެލައިގެން. އެކަމަކު ރައްޔިތުން ވެސް ގަބޫލުކުރަންޖެހޭ، ކޮންމެ މައްސަލައެއްގައި 100 ޕަސެންޓް ހުރިހާ އެއްޗެއް، ފުލުހުންނަކަށް ވެސް ނުހޯދޭނެ. ތަހުގީގުގައި ހުރިހާ އެއްޗެއް ކާމިޔާބެއް ނުވާނެ. ތަހުގީގުތަކުގައި އެއްޗެހި ހޯދާ ގޮތާ މެދު ވެސް ޗެލެންޖުކުރާ ޒަމާނެއް މި ޒަމާނަކީ. އެހެންވީމާ ވަރަށް އުނދަގޫ މާހައުލެއްގައި ފުލުހުން ވެސް ހަރަކާތްތެރިވާނީ،” އޭނާ ވިދާޅުވި އެވެ.

ރިޔާޒު ފާހަގަކުރެއްވިގޮތުގައި ކުށްކުރުން ހުއްޓުވުމަށްޓަކައި ހެއްކާބެހޭ ގާނޫނެއް އޮތުމާއި ތަހުގީގަށް ބޭނުންވާ ވަސީލަތްތައް ލިބި ގާބިލް މީހުން ތިބުމާއި އެ މީހެއްގެ ހުނަރު ހުރި ދާއިރާއެއްގައި މަސައްކަތްކުރުމާއި ސިޔާސީ ނުފޫޒުތައް ހުއްޓުވުން ކޮންމެހެން މުހިއްމެވެ.

“ވަކިން ޚާއްސަކޮށް، ބޮޑެތި ޖަރީމާތަކުގައި ސިޔާސީ މީހުން އިންވޯލްވްވާ ކަމަށް ވަންޏާ، ފުލުހުން ސިޔާސީ ނުފޫޒުން ކިހާ ވަރަކަށް މިންޖުވޭތޯ އެއީ އަނެއް ޗެލެންޖު. ހުކުމްކުރީމާ ސިޔާސީ ބަޔެއްގެ ނުފޫޒުން ކުށްވެރިންނަށް ހުކުމް ތަންފީޒު ނުކޮށް ސަލާމަތްވެގެން ދެވޭނެ އެއްވެސް ގޮތެއް އޮވޭތޯ، މިއީ ހަމަ ގިރާކުރަން ޖެހޭ ހުރަސްތައް،” ރިޔާޒު ފާހަގަކުރެއްވި އެވެ.
އަފްރާޝީމް މަރާލާފައި އޮތް ސީން ފުލުހުން ތަހުގީގުކުރަނީ: މި މައްސަލާގައި މިހާތަނަށް ހުމާމްއާ ދެކޮޅަށް ޝަރީއަތުގައި އެކަކު ވަނީ ހެކި ބަސްދީފައި. –ފައިލް ފޮޓޯ
އަފްރާޝީމް މަރާލާފައި އޮތް ސީން ފުލުހުން ތަހުގީގުކުރަނީ

ރާއްޖޭގައި މިހާތަނަށް އެންމެ ބޮޑަށް ސިޔާސީ ވެގެން ދިޔަ ގަތުލުގެ ފަހަތުގައި ހަގީގަތުގައި ވެސް އޮތީ ސިޔާސީ މަގްސަދެއް ކަމާއި އެކަން ކުރީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ކަން އޭރުގެ ޕޮލިސް ކޮމިޝަނަރުގެ ހައިސިއްޔަތުން ރިޔާޒު ކަށަވަރުކޮށްދެއްވި އެވެ. އެކަމަކު އެ ވިދާޅުވި އެއްޗެއް ތިލަކޮށެއް ނުދެއްވަ އެވެ. އެހެންވެ، އެކަމާ ބެހޭގޮތުން އިތުރު އެއްވެސް އެއްޗެއް އާއްމުންނަކަށް ނޭނގުނެވެ. އަފްރާޝީމްގެ ގާތިލް ހުސެން ހުމާމްގެ އިއުތިރާފް ބަޔާނުގައި އެމްޑީޕީ އަށް ތުހުމަތު ރައްދުވާ ގޮތަށް ދައްކާފައި ހުރި ވާހަކަތަކާއި ސިޔާސީ ވާދަވެރިން އެއް ބަޔަކު އަނެއް ބަޔަކަށް ދިއްކުރި އިނގިލިތަކަކުން މީހުންގެ ނުތަނަވަސްކަން ފިލައިގެނެއް ނުދިޔަ އެވެ. ހުމާމާއި އަލީ ޝާން އަށް ފަހު، ދައުވާކުރަން ފުލުހުން ފޮނުވި ހަތަރު މީހުންގެ ބައިވެރިވުމަކީ ކޮބައިކަމެއް ބުނެއެއް ވެސް ނުދެ އެވެ. އެހެންވީމާ، ހަތަރު ލައްކަ ރުފިޔާ ހުށަހަޅައިގެން ހުމާމް ލައްވައި އަފްރާޝީމް އަވަހާރަކޮށްލުވީ ސީދާ ކީއްވެގެން ހެއްޔެވެ؟ އެއީ ސީދާ ކާކު ނުވަތަ ކޮން ބަޔަކު ކުރި ކަމެއް ހެއްޔެވެ؟ ފަހަރެއްގައި، ދުވަހަކު ވެސް ޖަވާބެއް ނުލިބޭނެ ސުވާލުތަކެކެވެ.

ހަމަ އެ ގޮތަށް، އަލްހާންގެ ގަޔަށް ވަޅި ހެރި ކަމުގެ ތުހުމަތުގައި ދެ މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވިޔަސް، އިތުރަކަށް އެކައްޗެއް ވެސް ނޭނގެ އެވެ. އިވެނީ، އެއީ ސިޔާސީ ބޭނުމެއްގައި ދިން ހަމަލާއެއް ކަމުގެ ތުހުމަތެވެ. ހިލްއަތަށް ދިން ހަމަލާ އޮތީ އަދި މާ ބޮޑު ސިއްރެއްގެ ގޮތުގަ އެވެ. ތަހުގީގެއް ފެށިކަން ފިޔަވައި އިތުރު އެއްވެސް މައުލޫމާތެއް ނުލިބެ އެވެ. ހަމަލާދިން ބަޔަކު ފުލުހުންނަށް ހޯދުނު ކަމެއް ވެސް، ބަޔަކު ހައްޔަރުކުރި ކަމެއް ވެސް އާއްމުންނަކަށް ނޭނގެ އެވެ.

މިހާރު، އެންމެ ބޮޑު ނޭނގުމެއްގެ ތެރޭގައި މިނިވަން ނިއުސްގެ ލިޔުންތެރިޔާ އަހުމަދު ރިލުވާނެވެ. އޭނާ ގެއްލުނުތާ ތިން ހަފްތާވާން ކައިރިވެފައިވާ އިރު ސުވާލުތައް ވަނީ ފުނިޖެހިފަ އެވެ. ބަޔަކު އޭނާ ވަގަށް ނެގީ ކަމަށް ވެދާނެ ހާދިސާއެއް ވަނީ ހިނގާފަ އެވެ. އެންމެ ބޮޑު އެއް ސުވާލަކީ، ރިލުވާން ފެނުނަސް، އެކަން ހިނގި ގޮތެއް އެނގޭނެ ހެއްޔެވެ؟