August 21, 2014
ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގައި ރައީސް އެއްޗެއް ވިދާޅުނުވީ، ގައުމުގައި ހިނގާ ކޮންމެ ކަމަކާ މެދު ސީދާ ރައީސް އެއްޗެއް ވިދާޅުވުމަކީ ކުރަން ޖެހޭ ކަމެއް ކަމަށް ގަބޫލުނުކުރައްވާތީ ކަމަށް ރައީސް އޮފީހުން ބުރާސްފަތިދުވަހު ބުނެފި އެވެ.
ރައީސް ޗައިނާއަށް ކުރެއްވި ދަތުރުފުޅަށް ފަހު މާލެ ވަޑައިގަތް އެއާޕޯޓްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރިލްވާންއާ ބެހޭ ގޮތުން ސުވާލުކުރުމުން އެއްޗެއް ވިދާޅުވެފައި ނުވާތީ ބައެއް އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
ބައެއް މީހުން ދެކޭ ގޮތުގައި އެއިން ދޭހަވަނީ އެ މައްސަލައަށް ސަރުކާރުން ދޭ ސަމާލުކަން ކުޑަކަމެވެ.
ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު އަލީ ވިދާޅުވީ ރާއްޖޭގެ ކޮންމެ ޒުވާނަކަށް އަދި ރައްޔިތަކަށް ލިބޭ ކޮންމެ ދެރަޔަކީ މުޅި ގައުމަށް ވެސް ލިބޭ ދެރައެއްގެ ގޮތުގައި ރައީސް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި އެފަދަ ކަންތައްތަކާ ގުޅޭ ގޮތުން ފިޔަވަޅުތައް އަޅާނެ މުއައްސަސާތައް އުފައްދާފައިވާ އިރު އެކަންތައްތަކާ ގުޅޭ ގޮތުން މުއާމަލާތް ކުރަން ޖެހޭނީ އެ މުއައްސާތަކުން ކަމަށް ވެސް މުއާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެފަދަ ކަންކަމާ މެދު ކަންބޮޑުވުން ފާޅުކުރުމަކުން އެކަމަކަށް ހައްލެއް ނުލިބޭނެ އެވެ.
“ގައުމުގައި ހިނގާ ކޮންމެ ކަމަކާ މެދު ސީދާ ރައީސް އިންޓަވިއުދެއްވަން ޖެހޭ ކަމަކަށް ގަބޫލެއްނުކުރެވޭ. އެކަމާ ގުޅޭ އިދާރާތައް ވަނީ ގާއިމްކުރެވިފައި،” މުއާޒް ވިދާޅުވި އެވެ.
“އެކަމުގެ ހައްލަކަށް ވާނީ އެކަމަކާ ގުޅޭ އިދާރާއަކުން އެކަމަކަށް ހައްލު ހޯދައިދިނުން. މުއައްސަސާތައް ގާއިމްކުރެވިފައި ވަނީ ދިވެހި ރައްޔިތުންނަށްޓަކައި،”
އޭނާ ވިދާޅުވީ ރާއްޖޭގެ ޒުވާނުންގެ ތަރައްގީ އާއި ދުޅަހެޔޮ ކަމަށްޓަކައި ސަރުކާރުން ގިނަ މަޝްރޫއުތަކެއް ވަނީ ރާވާފައި ކަމަށެވެ. އަދި އެކަންތައްތައް ފަށަން ސަރުކާރުން ކުރަން ޖެހޭ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ދާ ކަމަށް ވެސް ވިދާޅުވި އެވެ.
ރިލްވާން ގެއްލުނު މައްސަލައާ ބެހޭ ގޮތުން ވިދާޅުވާނީ ކީކޭތޯ ބުރާސްފަތިދުވަހުގެ ރޭ ނޫސްވެރިޔަކު ދެންނެވުމުން ރައީސް ވިދާޅުވީ؛ “ތިޔަކަށް އަޅުގަނޑު އެއްޗެއް ނުބުނާނެ ދެއްތޯ؟ ދެން ތިކަހަލަ ކަންތައްތަކުގައި މީގެ ކުރިން ވެސް ޕޮލިހުން ނުވަތަ ހޯމް މިނިސްޓްރީން މިހާތަނަށް އެއްޗެހި ބުނެފައި ހުންނާނީ،” މިހެންނެވެ.
“ދެން ނޫސްވެރިޔަކު ގެއްލުނީ. އަޅުގަނޑަށް ހީވަނީ ދެން ނޫސްވެރިޔަކު ހޯދުމުގެ މަސައްކަތް ހިނގާނެ ދެއްތޯ؟ އެހެންވީމަ ދެން ހަމަ އެ މަސައްކަތް އިރާދަކުރެއްވިއްޔާ ކާމިޔާބު ވެސް ވާނެ،” ރައީސް ޔާމީން ވިދާޅުވި އެވެ.