#findmoyameehaa

Ahmed Rilwan (@moyameehaa)

Ahmed Rilwan Abdulla (@moyameehaa) a Maldivian Journalist has been missing since 8 August 2014. He was last seen on CCTV at the Hulhumale' ferry terminal.

He was wearing a black shirt, black trousers, black shoes with white soles and carrying a black backpack.
Rilwan is 28 years old, of medium build and 5 feet 10 inches tall, sporting a short beard and moustache.

ބިރު ދެއްކިޔަސް ދިވެހި ނޫސްވެރިން ފަހަތަށް ނުޖެހޭނެ: ނޫސްވެރިން

ދިވެހި ނޫސްވެރިން ތިބީ ދޭ އިންޒާރާއި ދައަކާ ބިރަށް ފަހަތަށް ޖެހި، ގަލަން ދޫކޮށްލާ ގޮތަކަށް ނޫން ކަމަށް ރާއްޖޭގެ މިޑިއާ އިދާރާތަކާއި ނޫސްވެރިން ބުނެފި އެވެ.

ނޫސްރިން މިހެން ބުނެފައިވަނީ، މިނިވަން ނިއުސްގެ ނޫސްވެރިޔާ، އަހްމަދު ރިލްވާން އަބްދުﷲ ގެއްލުމާއި ގުޅިގެން، ރާއްޖޭގެ ކަންބޮޑުވުން ފާޅުކޮށް، ނޫސްވެރިންނަށް ހުރި ނުރައްކަލާއި ބިރުވެރިކަން ފާހަގަކޮށް ރާއްޖޭގެ މީޑިއާގެ ހުރިހާ އިދާރާއެއް ގުޅިގެން ނެރުނު ބަޔާނެއް މެދުވެރިކޮށެވެ.

އެ ބަޔާނުގައި ރާއްޖޭގެ ނޫސްތަކާއި ރޭޑިއޯތަކާއި ޓީވީ ޗެނެލްތަކުގެ ޒިންމާދާރު ވެރިން ސޮއި ކުރައްވާފައި ވެއެވެ.

ގުޅިފައިވާ ބަޔާނުގައި ބުނެފައިވަނީ، ރިލްވާން ގެއްލުމަކީ އިންތިހާ ދަރަޖަޖައަށް ކަންބޮޑުވާ ކަމެއް ކަމަށާއި މީހުން ވަގަށް ނެގުމާއި ވީނުވީ ގޮތް ނޭނގި ގެއްލުން ފަދަ ނުރައްކަލާއި ބިރުވެރިކަން ގޮސް ހުއްޓެނީ ހަމައެކަނި ނޫސްވެރިންނާ ހަމައެއްގައި ނޫންކަމަށާއި، އެއީ ކޮންމެ ދިވެއްސަކަށް އަދި ކޮންމެ ދިވެހި އާއިލާއަކަށާއި މުޅި މުޖުތަމައަށް ކުރިމަތިވެފައިވާ ނުރައްކާތެރި ބިރުވެރި ކަމެއް ކަމަށެވެ

ގާނޫނު އަސާސީގެ 27 ވަނަ މާއްދާ އާއި 28 ވަނަ މާއްދާ އިން، ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ކަށަވަރުކޮށްދޭއިރު، މީހަކު ބުނާ ބަހަކުންނާއި ފާޅުކުރާ ހިޔާލަކުންނާއި ލިޔާ ލިޔުމަކުން އަދި ކުރާ އިޝާރާތަކުން އެމީހަކަށް އިންޒާރު ދިނުމާއި ހަމަލާ ދިނުމަކީ ކުރަންޖެހޭނެ ކަމެއް ކަމަށް ގަބޫލެއް ނުކުރާ ކަމަށާއި ނޫސްވެރިންގެ ގަލަން ހުއްޓުވުމަށާއި ދޫ ބަންދުކުރުމަށް އެކި ފަރާތްތަކުން އަބަދުވެސް މަސައްކަތް ކުރަމުންދާކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

“… ނޫސްވެރިންގެ ގަލަން ހުއްޓުވުމަށާއި ދޫ ބަންދުކުރުމަށް އެކި ފަރާތްތަކުން އަބަދުވެސް މަސައްކަތް ކުރެ އެވެ. އެތައް ނޫސްވެރިޔަކަށް ހަމަލާ ދީފައިވެ އެވެ. މަރުގެ ހަމަލާތައް ވެސް ދީފައި އެބަ ހުއްޓެވެ. ޓީވީއެމް އާއި ދިޓީވީއަށް ގެއްލުން ދިނެވެ. ވީޓީވީ އާއި ރާއްޖެ ޓިވީ ރޯކޮށްލި އެވެ. އެންމެ ފަހުން ވީނުވީއެއް ނޭނގި ނޫސްވެރިޔަކު މި ގެއްލުނީ އެވެ. މިހާތަނަށް އަޅުގަނޑުމެންނަށް އެއްކުރެވިފައިވާ މައުލޫމާތުތަކަށް ބަލާއިރު، ބަޔަކު މީހުން، ރިލްވާން ވަގަށް ނެގީ ކަމަށް ގަބޫލު ކުރުމުގެ ޖާގަ ވަރަށް ބޮޑެވެ. ނޫސްވެރިންނަށް އޮތް ނުރައްކަލާއި ބިރުވެރިކަން ބޮޑުވަމުންދާއިރު، ނޫސްވެރިންނާއި ނޫސް އިދާރާތަކަށާއި ނޫސްވެރިންގެ ތަކެއްޗަށް ގެއްލުން ދެމުންދާ ފަރާތްތަކަށް ހައްގު އަދަބު ދިނުން ލަސްވުމަކީ އަޅުގަނޑުމެން ނުހަނު ކަންބޮޑުވާ ކަމެކެވެ. ރިލްވާންގެ މައްސަލާގައި ތަހުގީގު ދިގުލައި، އަދި މައްސަލައާ ބެހޭ މައުލޫމާތު މީޑިއާ އަށާއި އާންމުނަށް އެކަށީގެންވާ ގޮތުގައި މިހާތަނަށް ހާމަކޮށްފައި ނުވާކަން ފާހަގަކުރަމެވެ.” ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި ބުނަނީ ދިރިއުޅުމުގެ ހައްގާއި މަސައްކަތް ކުރުމުގެ ހައްގަކީ އެއްވެސް ބިރުވެރިކަމެއް އަދި ބިރު ދެއްކުމެއް ނެތި ކަށަވަރުވެފައި އޮންނަންޖެހޭނެ ހައްގެއް ކަމަށާއި އެ ހައްގު ކޮންމެ ދިވެހި ރައްޔިތަކަށް ފުރިހަމައަށް ލިބިދިނުމަށް ހަދަންޖެހޭ ގާނޫނުތަކާއި ސިޔާސަތުތަކާއި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަކީ ދައުލަތުގެ ޒިންމާއަކަށް ވިޔަސް މުޖުތަމައުގައި ހުރި ނުބައިވަމުންދާ “ފާރުގަނޑުތަކަށް” އެއްވެސް ފަރުވާއެއް ނުލިބި އިތުރަށް ގޯސްވަމުން ދާ ކަމަށެވެ. އަދި އޭގެ ސަބަބުން ހަރުކަށި ފިކުރުތަކުގެ ހަރުކަށިކަން އިތުރަށް ވަރުގަދަވެފައިވާ ކަމަށެވެ.

“ނޫސްވެރިކަމުގައި އެކި އިދާރާތަކުގެ އެޑިޓޯރިއަލް ސިޔާސަތު ތަފާތު ވިޔަސް، އަޅުގަނޑުމެން ހުރިހާ ނޫސްވެރިންނަކީ އެއް އާއިލާއެކެވެ. ހަރުކަށިކަމުގައި ހައްދު ފަހަނަ އަޅާފައިވާ ފިކުރުތަކާއި ގްރޫޕްތަކުގެ ނުރައްކާ އަޅުގަނޑުމެންނަށް ކުރިމަތިވަމުން ދިޔަސް، މިއީ އަޅުގަނޑުމެންނަށް އެކަނި އޮތް ނުރައްކަލެއް ނޫނެވެ. އަދި އަޅުގަނޑުމެން މިތިބީ ދައްކަމުންދާ ބިރުތަކަށް ފަހަތަށް ޖެހި، ގަލަން ދޫކޮށްލާ ގޮތަކަށް ނޫއެވެ. އަދި އަޅުގަނޑުމެން ފިކުރާއި ދޫ ބަންދުކުރުމަކަށް ވެސް ނޫނެވެ. އަޅުގަނޑުމެންގެ ހައްގު ހޯދުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނަމެވެ.” އެބަަޔާނުގައި ވެއެވެ.

މި ބަޔާން ނެރުނު އިރު ރިލްވާން މައްސަލައިގަ އާއި ރާއްޖޭގެ މިޑިއާ އަށާއި ނޫސްވެރިންނަށް އޮތް ބިރުވެރި ކަމާ ދެކޮޅަށް ހާއްސަ ހަރަކާތްތަކެއް ހިންގަން ވެސް ވަނީ ނިންމާފަ އެވެ.

އެގޮތުން މީޑިއާގެ ކޮންމެ އިދާރާއަކު އިސް ވެރިޔަކު ހިމެނޭ ކޮމެޓީއެއްގެ ދަށުން މި ކެމްޕޭން ހިންގާނެ އިތުރު ކޮމެޓީއެއް ވެސް ވަނީ ނަގާފަ އެވެ. އެ ކޮމެޓީގައި ހިމެނެނީ މިނިވަން ނިއުސްގެ ޑެޕިއުޓީ އެޑިޓަރު ޒަހީނާ ރަޝީދާއި ހަވީރު ނޫހުގެ އެސިސްޓެންޓް އެޑިޓަރު ހުސައިން ފިޔާޒް މޫސާ އާއި ވީ އޮންލައިންގެ އެޑިޓަރު މުންޑޫ އާދަމް ހަލީމެވެ.