August 23, 2014
ނޫސްވެރިންނަށް ބިރު ދައްކައި، ހަމަލާދިނަސް ފަހަތަށް ނުޖެހޭނެ ކަމަށާއި ނޫސްވެރިންގެ ހައްގު ހޯދަން ކުރަންޖެހޭ ކޮންމެ ކަމެއް ކުރާނެ ކަމަށް ރާއްޖޭގެ މީޑިއާތަކުން ބުނެފި އެވެ.
މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލިފައިވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ރާއްޖޭގެ އެކި މީޑިއާތައް ގުޅިގެން މިއަދު ނެރެފައިވާ ބަޔާނެއްގައިވަނީ ހައްދު ފަހަނަ އަޅާފައިވާ ފިކުރުތަކާއި ގްރޫޕްތަކުގެ ނުރައްކާ ކުރިމަތިވިޔަސް ނޫސްވެރިން ތިބީ ފަހަތަށް ޖެހޭ ގޮތަކަށް ނޫން ކަމަށެވެ. އަދި ނޫސްވެރިން ތިބީ ގަލަން ދޫކޮށްލައި ފިކުރާއި ދޫ ބަންދުކުރާ ފަދަ ވިސްނުމެއް ނޫން ކަމަށާއި ހައްގު ހޯދަން ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި ވަނީ ނޫސްވެރިންނަށް އޮތް ނުރައްކާ ބޮޑުވެ، ނޫސްވެރިންނާއި ނޫސް އިދާރާތަކަށް ގެއްލުން ދެމުންދާއިރު ވެސް އެފަދަ އަމަލުތައް ކުރާ ފަރާތްތަކަށް ހައްގު އަދަބު ދިނުން ލަސްވަމުން ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި ރިލްވާން ގެއްލުނު މައްސަލައިގެ ތަހުގީގު ދިގުލައިގެން ގޮސް، އެ މައްސަލައިގެ މައުލޫމާތު އެކަށީގެންވާ ގޮތުގައި މިހާތަނަށް ހާމަކޮށްފައި ނުވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
“ދިރިއުޅުމުގެ ހައްގާއި މަސައްކަތް ކުރުމުގެ ހައްގަކީ އެއްވެސް ބިރުވެރިކަމެއް ނެތި ބިރު ދެއްކުމެއް ނެތި ނުވަތަ ކަށަވަރުވެފައި އޮންނަޖެހޭނެ ހައްގެކެވެ. އެ ހައްގު ކޮންމެ ރައްޔިތަކަށް ފުރިހަމައަށް ލިބި ދިނުމަށް ހަދަންޖެހޭ ގާނޫނުތަކާއި ސިޔާސަތުތަކާއި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ދައުލަތުގެ ޒިންމާއެކެވެ،” އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައިވަނީ އެ ތަހުގީގުގެ މައުލޫމާތު ފުލުހުން އާންމު ނުކުރި ނަމަވެސް މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު ރިލްވާން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ކަމަށެވެ.
އެ ބަޔާނުގައި އިތުރަށް ވަނީ މީހުން ވަގަށް ނެގުމާއި ވީނުވީއެއް ގޮތެއް ނޭނގި ގެއްލިގެން ދިއުމަކީ ހަމައެކަނި ނޫސްވެރިންނަށް ލިބޭ ގެއްލުމެއް ނޫން ކަމަށެވެ. އަދި އޭގެ ގެއްލުން އާއިލާތަކާއި މުޖްތަމައަށް ކުރާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. ގާނޫނު އަސާސީން ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަން ލިބިދޭއިރު މީހަކު ފާޅު ކުރާ ޚިޔާލަކުން އެ މީހަކަށް އިންޒާރު ދިނުމާއި ހަމަލާ ދިނުމަކީ ކުރަންޖެހޭނެ ކަމެއް ކަމަށް ނުބެލެވޭ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ރިލްވާން ގެއްލުމާ ގުޅިގެން އެކަމާ ދެކޮޅަށް ހަރަކާތްތަކެއް ހިންގުމަށް މީޑިއާތައް ގުޅިގެން ވަނީ ކޮމެޓީއެއް އެކުލަވާލައިފަ އެވެ.
މިމަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ވީނުވީއެއް ނޭނގި ގެއްލިފައިވާ ރިލްވާން ހޯދުމުގެ މަސައްކަތް ފުލުހުން އަދިވެސް ދަނީ ކުރަމުންނެވެ.