August 27, 2014
މިމަހުގެ ކުރީކޮޅު މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން އަބްދުﷲ ގެއްލުނު މައްސަލަ އާއި ގުޅިގެން ހަތަރު މީހެއްގެ ޕާސްޕޯޓް އިމިގްރޭޝަނުން ހިފަހައްޓައިފި އެވެ.
“ވަގުތަށް” ކަށަވަރުވެފައިވާ ގޮތުގައި ހަތަރު މީހަކު ރާއްޖެއިން ފުރުން މަނާކޮށް ޕާސްޕޯޓު ހިފަހައްޓާފައިވަނީ މިއަދު އެވެ.
ފުލުހުންގެ އެންގުމަކަށް ހަތަރު މީހެއްގެ ޕާސްޕޯޓު ހިފެހެއްޓިއިރު އެ ކަމާ ބެހޭ ގޮތުން ފުލުހުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.
ރިޟްވާން އަބްދުﷲ ގެއްލުނު މައްސަލައާ ގުޅިގެން ތަހުގީގު ކުރިއަށްދާ ގޮތާ ގުޅޭގޮތުން މައުލޫމާތު ސާފު ކުރުމަށް ހޯމް މިނިސްޓަރު އުމަރު ނަސީރާއި ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދު ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ އަށް ހާޒިރުކުރަން ވަނީ ފާސްކޮށްފައެވެ.
ގެއްލިގެން ހޯދަމުންދާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން އާއި ބެހޭ މައުލޫމާތެއް ދިން ފަރާތަކަށް 200،000 ރުފިޔާ ދޭން އޭނާގެ އާއިލާއިން ވަނީ ނިންމާފައެވެ.
މޮޔަ މީހާ” ގެ ނަމުން ސޯޝަލް މީޑިއާގައި މަޝްހޫރުވެފައިވާ ރިޟްވާން ގެއްލިފައިވަނީ މިމަހުގެ 7 ވަނަ ދުވަހު މާލޭގައި ހުންނަ ހުޅުމާލެ ފެރީ ޓާމިނަލަށް ވަތް ފަހުންނެވެ. ޓިކެޓު ނަގައިގެން ޓާމިނަލް ތެރެއަށް ރިޟްވާން ވަތް ސީސީޓީވީ ފޫޓޭޖް މިހާރު އާންމުވެފައިވާއިރު ރިޟްވާން ހުޅުމާލެއަށް ފޭބިކަން ފުލުހުންނަށް ކަށަވަރެއް ނުވެ އެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ރިޟްވާންގެ ފޯންގެ ސިގްނަލް އެންމެ ފަހުން ލިބުނީ ހަތް ވަނަ ދުވަހުގެ ރޭ މެންދަމު 2:30 ގައި ހެންވޭރުގެ ސަރަހައްދަކުންނެވެ. އަދި އެންމެ ފަހުން ފޯން ކޯލެއް ކޮށްފައިވަނީ އެ ރޭ 10:19 ގައި އެވެ.
އޭނާ ހޯދުމުގެ މަސައްކަތުގައި ހުޅުމާލޭގެ ބޮޑު ސަރަހައްދެއް ބަލާފައިވާ ކަން ފުލުހުން ހާމަކޮށްފައިވާއިރު ގިނަ އަދަދެއްގެ ސީސީޓީވީ ފޫޓޭޖްތައް ވެސް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ. އަދި އޭނާ ހޯދުމަށް އެމްއެންޑީއެފްއިން މިހާރު ދަނީ ހުޅުމާލެ ކައިރިން ކަނޑުގެ ސަރަހައްދު ބަލަމުންނެވެ.