August 23, 2014
ގެއްލިގެން ހޯދަމުން އަންނަ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟްވާނާ ބެހޭ މައުލޫމާތެއް ދޭ ފަރާތަކަށް 50،000 ރުފިޔާ ދިނުމަށް އޭނާގެ އާއިލާއިން ނިންމައިފި އެވެ.
‘ސަން’ އަށް މައުލޫމާތު ދެމުން ރިޟްވާންގެ އެއްބަނޑު އެއްބަފާ ބޭބެ މޫސާ ރިޟްވާން މިއަދު ބުނީ ރިޟްވާން ވީ ތަނަކާ ބެހޭ މައުލޫމާތު ނުވަތަ ރިޟްވާނަށް ވީ ކިހިނެތް ކަން އެނގޭނެ ފަދަ އެއްވެސް މައުލޫމާތެއް ދިން ފަރާތަކަށް 50،000 ރުފިޔާ ދިނުމަށް އެ އާއިލާއިން ނިންމާފައިވާ ކަމަށެވެ.
“އެފަދަ މައުލޫމާތެއް ދީފިނަމަ އަޅުގަނޑުމެން ބަލާނަން އެއީ ތެދެއްތޯ ޕޮލިހަށް ލީޑެއް ލިބޭ ކަމެއްތޯ. ރިޟްވާން ހޯދަން އަޅުގަނޑުމެން މުޅި ހުޅުމާލެ ބަލައިފިން. އެއްވެސް ޚަބަރެއް މިހާތަނަށް ނުވޭ،” މޫސާ ރިޟްވާން ބުންޏެވެ.
ރިޝްވާނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެމައުލޫމާތު އާއިލާއާ ހިއްސާކޮށްދިނުމަށް އޭނާ ވަނީ އެދިފަ އެވެ.
“ރިޟްވާން ވީ އެއްވެސް ތަނެއް އަދިވެސް ނޭންގެ. ރާއްޖޭން ބޭރަށް ފުރާފައިނުވާ ކަމަށް އިމިގްރޭޝަނުން އެބަބުނޭ،” މޫސާ ރިޟްވާން ބުންޏެވެ.
ރިޟުވާން ގެއްލިގެން އާއިލާ އިން މިމަހުގެ 13 ވަނަ ދުވަހު ގެ ރޭ ފުލުހުންނަށް ރިޕޯޓް ކުރިފަހުން ހުޅުމާލެ އާއި މާލޭގެ އިތުރުން ކަނޑުގެ ސަރަހައްދުތައް ބަލައި ފާސްކުރުމުގެ މަސައްކަތް ފުލުހުންނާއި އެމްއެންޑީއެފް އިން އަންނަނީ ކުރަމުންނެވެ.
ރިޝްވާން ގެއްލުނު ހާދިސާއާ ގުޅޭ ގޮތުން ފުލުހުން ބުނެފައިވަނީ އޭނާ ފެރީ އަށް އެރިތަން ދުށް ކަމަށް މައުލޫމާތު ދިން އެކަކު ބުނެފައިވާ ކަމަށެވެ. ނަމަވެސް ހުޅުމާލެއަ ހިސާބަށް ދިޔަކަމެއް ކަމެއް އަދި ކަށަވަރު ނުކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.