August 21, 2014
މިނިވަން ނޫހުގެ ރިޕޯރޓަރ އަޙްމަދު ރިޟުވާން ޢަބްދުﷲ ގެއްލުނު ފަހުން އަދި ވެސް އޭނާ ފެނިފައިނުވާ މައްސަލާގައި ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމަށް މީޑިއާ އިން ދެންނެވުނު ސުވާލަކަށް ޖަވާބުދެއްވުމުގައި އެކަމުގައި އެމަނިކުފާނުގެ އެއްވެސް ކަންބޮޑުވެވަޑައިގަތުމެއް އަދި އަހުމިއްޔަތުކަމެއް ނެތްކަން ދޭހަވާ މޭރުމުން ޖަވާބުދެއްވާފައިވާތީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އެމަނިކުފާނުގެ އެ ޒިންމާދާރުކަން ކުޑަ ޢަމަލުފުޅު ކުށްވެރިކުރަމެވެ.
އަޙްމަދު ރިޟުވާން ޢަބްދު ﷲ ގެއްލުނު ފަހުން އަދި ވެސް އޭނާ ފެނިފައިނުވާ މައްސަލާގައި ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ރެއާ ހަމައަށް އެއްވެސް ބަސްފުޅެއް ވިދާޅުވެފައި ނުވާހިނދު، ރޭގައި މީޑިއާއިން އެމަނިކުފާނާ ސުވާލު ދެންނެވުމުން ވެސް އެމަނިކުފާނު ވަރަށް ޒިންމާދާރުކަން ކުޑަގޮތެއްގައި ޖަވާބު ދެއްވާފައިވާކަން ހިތާމައާއެކު ފާހަގަކުރަމެވެ. މީޑިއާއިން ދެންނެވުނު ސުވާލަށް އެމިނިކުފާނު ޖަވާބު ދެއްވުމުގައި ވިދާޅުވެފައިވަނީ އެކަމުގައި އެމަނިކުފާނު އެއްޗެއް ވިދާޅުނުވާނޭކަމަށެވެ. އަދި ގެއްލިފައިވާ ނޫސްވެރިޔާ ހޯދުމުގެ މަސައްކަތް ކުރާނޭކަން އެމަނިކުފާނަށް ޔަޤީންވެވަޑައިގަތުމުގެ ބަދަލުގައި އެކަން އެމަނިކުފާނަށް ހަމައެކަނި “ހީފުޅުވާކަމަށް” ވިދާޅުވެ، އެކަމުގައި އެމަނިކުފާނުގެ އެއްވެސް އަހުމިއްޔަތުކަމެއް ނެތްކަން ދޭހަވާގޮތަށް ޖަވާބުދެއްވާފައިވާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. އަދި އެންމެ ކުޑަމިނުން އަޙްމަދު ރިޟުވާން ޢަބްދުﷲ ގެއްލުނު މައްސަލާގައި ރައީސުލްޖުމްހޫރިއްޔާގެ ޙައިސިއްއްޔަތުން އެމަނިކުފާނުގެ ކަންބޮޑުވެވަޑައިގަތުމެއް އޮތްކަން ހާމަކުރައްވާފައި ވެސް ނުވާކަން ހިތާމައާއެކު ފާހަގަކުރަމެވެ.
އަޙްމަދު ރިޟުވާން ޢަބްދުﷲ ގެއްލުނު މައްސަލައާ ގުޅިގެން ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން، މިފަދަ ޒިންމާދާރުކަން ކުޑަގޮތަކަށް ވާހަކަފުޅު ދައްކަވައި އެ މައްސަލާގައި އަހުމިއްޔަތުކަން ކުޑަކުރައްވާފައި ވީނަމަވެސް އެ މައްސަލައަކީ ރާއްޖޭގެ ގިނަ ރައްޔިތުންނާއި، ރައްޔިތުންގެ މަޖިލީހުންނާއި، ސިޔާސީ ޕާރޓީތަކުންނާއި، ރާއްޖޭގެ ނޫސްވެރިންނާއި އަދި ބައިނަލް އަޤުވާމީ ނޫސްވެރިންގެ ޖަމިއްޔާތަކުންނާއި އަދި އދ. ގެ ފެންވަރުގައި ވެސް ކަންބޮޑުވުން ފާޅުކޮށް، އެ މައްސަލަ ސީރިއެސް މައްސަލައެއްގެ ގޮތުގައި ތަޙްޤީޤުކުރުމަށް ސަރުކާރަށް ގޮވާލަމުންދާ މައްސަލައެއްކަން ފާހަގަކުރަމެވެ.
ދިވެހި ނޫސްވެރިޔަކު ގެއްލިފައިވުމާއި އަދި އޭނާ ވަގަށް ނަގާފައިވާކަމަށް ޤަބޫލުކުރެވޭ ގިނަ ހެކިތަކެއް ލިބިފައިވުމާއި އަދި އެކަމުގެ ކަންބޮޑުވުން ރާއްޖެއާއި އަދި ދުނިޔޭގެ ފަރާތްތަކުން ފާޅުކުރަމުންދާއިރު، ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިނާ ރޭގައި ސުވާލު ދެންނެވުމުން ވެސް އެކަމުގެ ކަންބޮޑުވުމެއް ފާޅުކުރައްވާފައި ނުވާއިރު، ހަމަ ރޭގައި އެމެރިކާގެ ނޫސްވެރިޔަކު ވަގަށްނަގައި މަރާލި މައްސަލައެއްގައި އެމެރިކާގެ ރައީސް ވަނީ އެމެރިކާގެ ރައްޔިތުންނާ މުޚާތަބުކޮށް އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައިކަން ފާހަގަކުރަމެވެ. ޑިމޮކްރެޓިކް ޤައުމުތަކުގައި ރައްޔިތުން ކަންބޮޑުވާ އެބާވަތުގެ މައްސަލަތަކުގައި ރައީސުލް ޖުމްހޫރިއްޔާގެ ޙައިސިއްޔަތުން ރައްޔިތުންގެ ކުރިމަތީގައި ޖަވާބުދާރީވެ ވަޑައިގަންނަވަނީ މިފަދައިންކަން ފާހަގަކޮށްލަމެވެ.
އެހެންކަމުން ރައްޔިތުން ކަންބޮޑުވާ އެބާވަތުގެ މައްސަލަތަކުގައި ރައީސުލްޖުމްހޫރިއްޔާގެ ޙައިސިއްޔަތުން ޒިންމާދާރުކަން ކުޑަގޮތަކަށް ޢަމަލުނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމަށް މި ޕާރޓީން އިލްތިމާސްކުރަމެވެ.
21 އޯގަސްޓް 2014
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް