August 20, 2014
ނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން މިމަހުގެ ހަތް ވަނަ ދުވަހުގެ ރެއިން ފެށިގެން ވީނުވީއެއް ނޭނގި ގެއްލިފައިވާތީ އދ. އިން އެކަމާ ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރުގެ އޮފީހުން ނެރެފައިވާ ބަޔާނެއްގައިވަނީ ރިލްވާން ގެއްލިފައިވަނީ ރާއްޖޭގައި ހިންގި ގޭންގް ހަމަނުޖެހުންތަކާ ގުޅިގެން ނޫސްވެރިން ލިޔުނު ލިޔުންތަކާ ގުޅިގެން ބައެއް ނޫސްވެރިންނަށް މަރުގެ އިންޒާރު ދިން ފަހުން ކަމަށެވެ. އަދި މިހާރު ރިލްވާން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާތީ އޭނާ ވަރަށް އަވަހަށް ހޯދޭނެ ކަމަށް އުއްމީދުކުރާ ކަމަށް އެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން ނޫސްވެރިން އެ މީހުންގެ ޒިންމާ އަދާ ކުރުމުގެ ގޮތުން ކުރާ ކަންތައްތަކާ ގުޅިގެން ނޫސްވެރިންނަށް އިންޒާރު ދިނުން ހުއްޓާލުމަށް ވެސް ހުރިހާ ފަރާތްތަކަށް އެ ބަޔާނުގައި ގޮވާލާފައިވެ އެވެ. އަދި ނޫސްވެރިންނަށް އަންނަ އިންޒާރުތަކުގެ ހަގީގަތް ބަލައި އެކަންކަމާ މެދު ފިޔަވަޅު އެޅުމަށް ވެސް އެ ބަޔާނުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ގޮވާލާފައިވެ އެވެ.
“މޮޔަ މީހާ”ގެ ނަމުން ސޯޝަލް މީޑިއާގައި މަޝްހޫރުވެފައިވާ ރިލްވާނަށް ވީނުވީއެއް ނޭނގި ގެއްލިފައިވަނީ މިމަހުގެ ހަތް ވަނަ ދުވަހުގެ ރޭ އޭނާ ހުޅުމާލެ އަށް ދިއުމަށްޓަކައި ފެރީ ޓާމިނަލަށް ވަތް ފަހުންނެވެ. އެ ޓާމިނަލް ތެރޭގައި އޭނާ ހަރަކާތްތެރިވާ މަންޒަރު ފެންނަ ވީޑިއޯ ހުރި ނަމަވެސް އޭނާ ހުޅުމާލެ އަށް ދިޔަކަން މިހާތަނަށް އައިއިރު ވެސް ކަށަވަރެއް ނުކުރެވެ އެވެ.
އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި އޭނާގެ އާއިލާ އިން މިހާރު ދަނީ ކުރަމުންނެވެ.