August 20, 2014
ރިލްވާން ގެއްލުމާމެދު އެއްޗެއް ވިދާޅުވާން ބޭނުންފުޅު ނުވާކަމުގައި ރައީސް ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ޗައިނާއިން ވަޑައިގެން އެއާޕޯޓުގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ އެމަނިކުފާނު ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ ދިވެހި ރައްޔިތަކު ގެއްލިގެން އުޅޭއިރު އެމަނިކުފާނު އެކަމާމެދު އެއްޗެއް ވިދާޅުނުވަނީ ކީއްވެތޯ ރާއްޖެއެމްވީން ސުވާލު ދެންނެވުމުންނެވެ.
“އަޅުގަނޑު އެއާ މެދު އެއްޗެއް ނުބުނާނަން. ތިބާވަތުގެ ކަންކަމާމެދު އެއްޗެއް ބުނާނީ ފުލުހުން” ރައީސް ޔާމީން ވިދާޅުވިއެވެ.
މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިލްވާން ގެއްލިގެން އުޅޭ މައްސަލައިގައި އެއްޗެއް ވިދާޅުވާން ރައީސް ޔާމީން ބޭނުންފުޅު ނުވިއިރު، މީގެކުރިން ހިނގާފައިވާ އެކި މާރާމާރީ ފަދަ ހާދިސާތަކުގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވާފައިވާކަން ފާހަގަ ކުރެވެއެވެ.
ރައީސް ޔާމީންގެ މިވާހަކަފުޅާ ގުޅިގެން ގިނަ ބަޔަކަށް ވަނީ ކުއްލި ހައިރާންކަމެއް ލިބިފައެވެ.