#findmoyameehaa

Ahmed Rilwan (@moyameehaa)

Ahmed Rilwan Abdulla (@moyameehaa) a Maldivian Journalist has been missing since 8 August 2014. He was last seen on CCTV at the Hulhumale' ferry terminal.

He was wearing a black shirt, black trousers, black shoes with white soles and carrying a black backpack.
Rilwan is 28 years old, of medium build and 5 feet 10 inches tall, sporting a short beard and moustache.

ރިލްވާން ގެއްލި، ހުޅުމާލޭގެ އަނދިރި މާހައުލު ބިރުވެރިވެފައި!

ގާތްގަނޑަކަށް 30،000 މީހުންގެ އާބާދީއެއް އޮތް މިރަށުގެ ރޭގަނޑުގެ މާހައުލަށް ފަތުރާލާފައި އޮންނަ ހަމަހިމޭންކަން ބޮޑުވެގެންދަނީ ރޭގަނޑު މުޅި ރަށުގެ މައްޗަށް ވެރިވެގަނެގެން އޮންނަ އަނދިރިކަމޭ ބުނެވިދާނެ އެވެ. ރަށަށް އަރައިގެންދާއިރު ފެންނަ ސަރާސަރު ބޮޑު މައި މަގަށް ބަލައިމުން އެކަނި ވެސް އެކަން ވަޒަންކޮށްލެވެ އެވެ. އެ އަނދިރި ކަމަކީ އެ ރަށުގައި ދިރިއުޅޭ މީހުން ހާސް ކުރުވާ ކަމަކަށް ވެއެވެ. ނަމަވެސް އެ ހާސްކަމުގެ ތެރެއިން މިހާރު ވަނީ މާ ބޮޑު ހާސް ކަމެއް ކުރިމަތިކުރުވާފަ އެވެ. ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނު ހިސާބުން ފެށިގެނެވެ. މިރަށުގެ 21 ނަންބަރު ފްލެޓްގައި އެކަނި ދިިރިއުޅެމުން އައި ރިލްވާން ގެއްލުނުތާ މިއަދަށް މިވީ 22 ދުވަހެވެ؛ އޭނާ “ވަގަށް ނެގީ” ހުޅުމާލޭގެ އަނދިރި ކަމުގެ ތެރޭގައި ކަމަށް ތުހުމަތިވި ހިސާބުން ފެށިގެނެވެ. ރިލްވާން ގެއްލުުމުގެ ކުރިން ވެސް ރޭ ވުމުން މިރަށުގައި އޮންނަ އަނދިރި މާހައުލު މިހާރު ވަނީ އިތުރަށް “ކަޅު” ވެ މިރަށުގެ އާބަދީއަށް ބިރުވެރި މާހައުލަކަށް ވެފައެވެ.

މިރަށުގައި ދިރިއުޅޭ ވަރަށް ގިނަ މީހުން ބުނާ ގޮތުގައި ބިޔަ ރަށުގެ އެކި ހިސާބުތަކުގައި މީހުން އާބާދުވެފައިވާއިރު، އެއް ސަރަހައްދުން އަނެއް ހިސާބަށް ދިއުމުގައި އަބަދުވެސް އެންމެ ބޮޑު ބިރަކަށްވެފައިވަނީ ވެސް މަގުތަކުގައި އަލިކަމެއް ނެތުމެވެ. ވާހަކަ ދައްކައިލެވުނު އެންމެން ވެސް ގާތްގަނޑަކަށް އެކަމަށް އިއްތިފާގުވެ އެވެ.

“ތަންތަން ހޯދައި އުޅެން ވެސް ވަރަށް އުނދަގޫވޭ މިރަށް އަނދިރިވީމަ. މިރަށަށް އައިސް މަގުތައް ވެސް ހޯދަން ޖެހެނީ ކޮންމެވެސް ރައްޓެއްސަކަށް ގުޅައިގެން. މިއަށްވުރެ ބޮޑަށް އަލިކޮށް ދިއްލާފައި ހުންނަ ނަމަ ފަސޭހަ ވާނެ،” ބާރަށް ތަރައްގީވަމުން އަންނަ މިރަށަށް އައިސް އުޅުނު ޒުވާނަކު ބުންޏެވެ.
ހުޅުމާލޭގެ ފްލެޓެއްގެ ދޮރުތަކުން ބޭރަށް އަލި ފޭދިފައި: ރަށުގެ މާހައުލަކީ އަނދިރިކަން ބޮޑު މާހައުލެއް — ފޮޓޯ: ވީނިއުސް

އަނދިރި ނަމަވެސް މިރަށުގެ ރޭގަނޑުގެ މާހައުލަކީ ގިނަ ބަޔަކު ނުކުމެ އުޅޭ މާހައުލެކެވެ. ހާއްސަކޮށް މާލެއިން ރޭގަނޑު އަންނަ މީހުންނެވެ. އެހެން ނަމަވެސް އެއްކަމެއް މިހާރު ފާހަގަ ކުރެވެ އެވެ. “މޮޔަ މީހާ” ގެ ނަމުން މަޝްހޫރުވެފައިވާ ނޫސްވެރިޔާ ގެއްލުމާއެކު ކުރިއާ ޚިލާފަށް މި ރަށުގެ މަގުތަކަށް ރޭގަނޑު މީހުން ނުކުމެ އުޅުން ވަނީ މަދުވެފަ އެވެ.

“[ރިލްވާން ގެއްލުމާއެލު] ރޭގަނޑު 11:00 އިގެ ފަހުން ކޮންމެހެން ނުކުންނަން ޖެހިގެން ނޫނީ، މަގުމައްޗަށް މީހުން ނުނުކުމޭ! މިރަށުގެ އަނދިރިކަން ހިތުރަށް އަނދިރިވެއްޖެހެން ހީވޭ. އަދި އެ ހާދިސާ ހިނގައި ދިޔަ ގޮތް ކަމަށް ބުނާ ވާހަކަތަކާއެކު ރޭގަނޑު ބޭރަށްދާން ފަސްޖެހޭ. އެހެންވަނީ ރަށުތެރޭގެ އަނދިރިކަމާއި ބިރުވެރިކަންއިތުރުވެ، އަދި ބައެއް ފަހަރަށް މަގުމަތިން މީހުންނާއި ދިމާކުރާ މަންޒަރު ފެންނާތީވެސްމެ،” މި ރަށުގައި ދިރިއުޅޭ މީހަކު ބުންޏެވެ. ހުޅުމާލޭގެ މި އަނދިރި ކަމުގެ ތެރޭގައި އޭނާ ދިރިއުޅޭތާ 10 އަހަރުވެއްޖެ އެވެ. “އަނދިރިވީމަ އަސްލު ޖެހިލުންވޭ މަގުމައްޗަށް ނުކުމެ އުޅެލަން… ވަރަށް ފަސްޖެހޭ. ވަރަށްމަދުން ފެންނަނީ ފުލުހުން ޚާއްސަކޮށް ދަން ގަޑީގައި ފުލުހުން ވަރަށް ނުފެނޭ،”

ސަރާސަރު ބިން އޮންނަ މި ރަށުގެ އެކި ސަރަހައްދުތަކުގައި ދުރުދުރުން ދިއްލާފައިވާ ހޮޅިބުރިތަކުން ބިޔަ ބޮޑު ސަރަހައްދުތަކަށް އެކަށީގެންވާ އަލިކަން ފަތުރައެއް ނުދެ އެވެ. މީހުން ދިރިއުޅޭ ސަރަހައްދުތައް ހިސާބަކަށް އަލިވެފައި އޮންނަނީ ވެސް ގޭގޭގައި ދިއްލާފައި ހުންނަ ބޮކިތަކުގެ އައްޔާއެކުވެގެނެވެ. މީހުން ދިރިނުޅޭ އަދި ދުރު ހިސާބުން އެހެން ސަރަހައްދުތަކަށް ދާން ބޮޑެތި ދިގު މަގުތަކާއެކު ވާވެސް އޮންނަ އިރު އަލިކަމެއް އެއްވެސް ވަރަކަށް ނެތް ހިސާބު ވެސް މިރަށުގައިވެއެވެ.

“ޑިއުޓީ ނިންމާފަ އެކަނި ދާ ގަޑީގައި ވަރަށް އުނގަދޫވޭ މަގުތަކާއި ތަންތަން އަނދިރިކޮށް އޮންނާތީ. ވަރަށް ބިރުގަނޭ، ރިލްވާން ހާދިސާއަށްފަހު މާ ބިރުގަންނަން ފަށައިފި!” މަސައްކަތް ނިންމާފައި ގެއަށްދިއަ ޒުވާން އަންހެން ކުއްޖަކު ބުންޏެވެ.

މިރަށުގައި ގިނަ އަދަދެއްގެ ބިދޭސީން ވެސް އުޅެ އެވެ. ސިނާއީ ސަރަހައްދުގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ މީހަކު ބުނި ގޮތުގައި މާ ބޮޑަށް އަނދިރިކޮށް އޮންނާތީ ކުށްކުރާ މީހުނަށް ވެސް ކުށްއްތަކަށް އަރައިގަންނަން މިރަށުގައި ފަސޭހަ އެވެ. އޭގެ ސަބަބުން ވެސް މީހުން ރޭގަނޑު މަގުމައްޗަށް ނުކުމެ އުޅެން ޖެހިލުވާއިރު “މޮޔަ މީހާ” ގެއްލުނު ހިސާބުން ވަރަށް ގިނަ ބައެއްގެ ހިތް ވަނީ ބިރުގެންފަ އެވެ.

އޭނާ އަދި ބުންޏެވެ: “އަނދިރިވަނީމަ ސަކަރާތް ތިބެނީ! ގިނަ މީހުން ކުޑަ ޕާޓޭ މީހުން އުނދަގޫ ކޮށްލާނެ ދޯ. ގެއްލުނީވެސް އެ ކުރީގައި ބުނަނީ ދޯ ކޮންމެސް ނިއުސްކުރާ މީހަކު ގެއްލެނީއޭ. ގިނަ މީހުން ބުނަނީ އޭނާ ފެނުނިއްޔާ ބުނާއްޗޭ. އެވައްތަރުވީމަ ބިރު ގަންނާނީ ދޯ؟ ރާއްޖޭގެ މީހުން އެވައްތަރުވީމާ ބޭރުމީހާ ބުރުގަންނަނީނު!”

ހުޅުމާލޭގެ ރޭގަނޑުގެ މާހައުލު: އަލިކަން ނޯންނާތީ މީހުން ޝަކުވާ ކުރޭ — ފޮޓޯ: ވީނިއުސް

ހުޅުމާލޭގެ މަގުމަތި: ރިލްވާން ގެއްލުނު ފަހުން ރަށުގެ ބިރުވެރިކަން ވަނީ މައްޗަށް ގޮސްފައި — ފޮޓޯ: ވީނިއުސް

މި ރަށުގައި ބޮޑެތި އެކްސިޑެންޓް ތައް ހިނގަ އެވެ. މަގުމަތީގައި ހިންގާފައިވާ އަންހެން ކުދިން ރޭޕްކުރެ އެވެ. މާރާމާރީއާއި މަސްތުވާތަކެތީގެ މައްސަލަތައް ގިނަ އެވެ. ބަދުއަހުލާގީ މައްސަލަތައް ހިނގަ އެވެ. އެކަންކަމުގެ ބިރުވެރި ކަމުގެ ތެރެއިން ރޭގަނޑެއްގެ ފުރަ މެންދަމު މި ރަށުން މީހަކު “ވަގަށް ނެގި” ހާދިސާ އައުމުން މި ރަށުގެ މާހައުލުގެ ބިރުވެރިކަން ވަނީ އިންތިހާއަށް ގޮސްފަ އެވެ. މި ރަށުގެ ޒުވާން ކުއްޖަކު ބުނި ގޮތުގައި އެންމެ އުނދަގޫވަނީ “ރޭގަނޑު ހުޅުމާލެ އަނދިރިވެ ބިރުވެރި ކަމުން” ނެވެ. އެ ޒުވާނާ ބުނާ ގޮތުގައި ވަޅި ހެރުމާއި ރޭޕް ކުރުން ފަދަ ކަންކަން އާންމުވެފައިވާތީ ބިރުވެރިކަން، އަނދިރިކަމުގެ ތެރޭގައި އިތުރަށް ބޮޑުވެ އެވެ.

“މިތާ ކޮންމެ ތަނަކަށް ވަދެ ކޮންމެފަދަ ކަމެއް ކުރެވިދާނެ. އެމީހަކު ކުރާނެ ކަމެއް ކުރަންވީ. މިހާރުވެސް މިއުޅެނީ މީހަކު ގެއްލިގެން، [ބަޔަކު] އަހަރެންވެސް ގެންގޮސްފާނެ. އެ ބިރުވެރިކަން އޮވޭ،” ޒުވާން އެކުއްޖާ ބުންޏެވެ.

ވެރިރަށް މާލޭގެ މި އަވަށުގައި މީހުން އާބާދުވިތާ 10 އަހަރުވެފައިވާއިރު، އެކަށީގެންވާ އަލިކަން ނެތުމަކީ މިރަށުގެ އާބާދީގެ ޝަކުވާއެކެވެ. އެ ޝަކުވާ އަށް ހައްލު ލިބި، އަލިކަން ނައިސް އުޅެނިކޮށް “މޮޔަ މީހާ” ގެއްލި މިރަށުގެ އަނދިރިކަން ވަނީ ބިރުވެރި ކަމެއްގެ ގޮތުގައި މިރަށުގެ މީހުން ވަށައިލާފަ އެވެ.