August 17, 2014
މިމަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދާ މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ، ހުޅުމާލެއަށް ދިއުމަށްޓަކައި ޓިކެޓް ގަތުމަށް ފަހު ފެރީ ޓާމިނަލަށް ވަދެފައިވާ މަންޒަރު ފެންނަ ވީޑީއޯއެއް މިނިވަން ނިއުސްއިން އާންމުކޮށްފި އެވެ.
މިނިވަން ނިއުސް އިން ރޭ ހާމަކުރި އެމްޓީސީސީގެ ފެރީ ޓާމިނަލްގެ ސީސީޓިވީގެ ފުޓޭޖާބެހޭ ގޮތުން އެ ވެބްސައިޓްގައި ބުނެފައިވާ ގޮތުގައި ރިލްވާނު ހުރީ ކަޅު ކުލައިގެ ގަމީހަކާއި ފަޓްލޫނެއް ލައިގެން އަދި ދަބަހެއް އަޅުވައިގެންނެވެ.
މި މަހުގެ ހަތް ވަނަ ދުވަހުގެ ރޭ 12:45 ގައި ރިލްވާން ފެރީ ޓާމިނަލްގެ ކައުންޓަރުން ޓިކެޓް ގަތުމަށް ފަހު ހިނގާފައި ގޮސް، ފާޚާނާ އަށް ވަންނަ މަންޒަރު ވީޑިއޯއިން ފެނެ އެވެ. އެއަށް ފަހު އޭނާގެ ޓިކެޓް އެމްޓީސީސީގެ މުވައްޒަފާ ހަވާލުކުރެ އެވެ.
ރިލްވާން ފެނުނު ކަމަށް ބުނާ ބައެއް މީހުންނާ ހަވާލާދީ މިނިވަން ނިއުސް އިން ކުރިން ބުނެފައި ވަނީ، އޭނާ އެންމެ ފަހުން ލައިގެން ހުރި ކަމަށް ވަނީ ޓާކޮއިސް ކުލައިގެ ޓީޝާޓަކާއި ކަޅު ކުލައިގެ ފަޓްލޫނެއް ކަމަށެވެ. އަދި އޭނާ ފެރީ ޓާމިނަލަށް ވަންނަ މަންޒަރު ސީސީޓީވީން ނުފެންނަ ކަމަށް އެ ނޫހުން ކުރިން ވަނީ ބުނެފަ އެވެ. އެހެންވެ އެ ކަމަށް ނޫހުން ރޭ ވަނީ މައާފަށް އެދިފަ އެވެ. މިނިވަން ނިއުސް އިން ބުނިގޮތުގައި ސީސީޓީވީ ފުޓޭޖުން ރިލުވާން ކުރިން ފާހަގަކުރެވިފައި ނުވަނީ ޓާކޮއިސް ކުލައިގެ އެއްޗެއް ލައިގެން ހުރި މީހަކު ފެނޭތޯ ބަލާފައިވާތީ އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ރިލްވާން އެންމެ ފަހުން ފެނިފައިވަނީ ފެރީންނެވެ. ނަމަވެސް އޭނާ ހުޅުމާލެއަށް ފޭބިކަން ކަށަވަރުވެފައި ނެތް ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ވިއްސަކަމަށް މިނެޓުން ފެރީގައި ހުޅުމާލެއަށް ދެވޭއިރު، ރިލްވާން އެންމެ ފަހުން ވައިބާ މެސެޖެއް ކޮށްފައި ވަނީ ހަތް ވަނަ ދުވަހުގެ ރޭ ދަންވަރު 1:42 ގައި ކަމަށް މިނިވަން ނިއުސް އިން ވަނީ ބުނެފަ އެވެ. ނަމަވެސް އެ މެސެޖް ފޮނުވާފައި ވަނީ ކާކަށް ކަމެއް އަދި ކޮން ތަނެއްގައި އޭނާ ހުރެގެން ކަމެއް ފުލުހުންގެ އިތުރުން މިނިވަން ނިއުސް އިން ވެސް ބުނެފައެއް ނެތެވެ.
ސޯޝަލް މީޑިއާގައި “މޮޔަމީހާ”ގެ ނަމުން މަޝްހޫރުވެފައިވާ ރިލްވާން ރާއްޖޭން ބޭރަށް ގޮސްފައި ނެތް ކަމަށް ފުލުހުން ބުނެ އެވެ.
ދީނީ ގޮތުން ހަރުކަށި ވިސްނުމުގެ “ޑޮޓް” ޖަމާއަތާއެކު ކުރިން އުޅުނު ރިލްވާން މި ގެއްލުނީ މަރުގެ އިންޒާރާއި ބިރު ދެއްކުންތައް އޭނާއަށް ލިބިފައި ވަނިކޮށެވެ. ނަމަވެސް މި ފަހަކަށް އައިސް އެފަދަ އިންޒާރެއް އައިސްފައި ނެތް ކަމަށް އޭނާގެ އެކުވެރިން ބުނެ އެވެ.
ރިލްވާނަކީ ޑިޕްރެޝަނަށް ފަރުވާ ހޯދަމުންދާ މީހެއް ކަމަށް އާއިލާއިން ބުނެ އެވެ.