August 28, 2014
ވީނުވީތަނެއް ނޭނގި ގެއްލިފައިވާ އަޙްމަދު ރިޟްވާން ޢަބްދުﷲ ހޯދުމަށާއި އޭނާގެ ތަޙުޤީޤުގެ މިހާތަނަށް 198 މީހަކާ ސުވާލުކޮށް 80 އަށްވުރެ ގިނަ މީހުންގެ ބަޔާން ނަގާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ މި މަސައްކަތުގައި ހުޅުމާލޭގައި ރިލްވާނު އެޕާޓްމަންޓުގެ ވަށައިގެންވާ ފްލެޓްތަކާއި އެޕާޓްމަންޓުތަކުގައި އުޅޭ ގިނަ ބައެއްގެ ފަރާތުން މަޢުލޫމާތު ހޯދައި އެއްކޮށްފައިވާ ކަމަށާއި ރިލްވާން ހޯދުމަށާއި މައްސަލަ ތަޙުޤީޤުކުރުމުގެ މަސައްކަތުގައި މާލެ އާއި ހުޅުމާލޭގެ އެކި ސަރަޙައްދުތައް ހިމެނޭ ގޮތުން 30 އަށްވުރެ ގިނަ ތަނަކުން 293 ގަޑިއިރުގެ ވީޑިއޯ ފުޓޭޖް ހޯދައި އެތަކެތި ދިރާސާކުރުމުގެ މަސައްކަތް ފަށާއި އެހެނިހެން މާއްދީ ހެކިތައް ހޯދައި އެތަކެތި އެނަލައިޒް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ފުލުހުން މިރޭ ބުނީ މިހާތަނަށް ހުޅުމާލޭގެ ޢާއްމު ހުރިހާ ސަރަޙައްދަކާއި ބަންދުކޮށްފައިވާ ސަރަޙައްދުތަކާއި ސިނާއީ މަސައްކަތްކުރާ ސަރަޙައްދުތައް ވެސް ފާސްކޮށްފައިވާއިރު ކޯޓް އަމުރާއެކު ހުޅުމާލޭ 50 އަށްވުރެ ގިނަ ތަންތަން ވެސް ބަލާފައިވާ ކަމަށެވެ.
ހުޅުމާލެއާ އެއް ފަޅެއްގައި ފަރުކޮޅުފުށި ދެ ފަހަރެއްގެމަތިން ވަނީ ބަލައި ފާސްކޮށް ވިލިމާލޭގެ ހަތަރު ގެއަކާއި އެ ރަށުގެ އެކި ސަރަޙައްދުތަކާއި މާލެއިން ބައެއް ތަންތަން ބަލައި ހުޅުމާލޭގެ ފަޅުތެރެއާއި ކަނޑުގެ ސަރަޙައްދާއި އުރަފަށާއި ހުޅުމާލޭ ފަޅުގައި ހުރި ގިނަ އުޅަނދުތައްވެސް ވަނީ ބަލައިފާސްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އަތޮޅުތަކުގެ ބައެއް ރަށްރަށް ބަލައި ފާސްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ތަހުގީގަށް ލިބޭ މަޢުލޫމާތަށް ބިނާކޮށް މައްސަލައާ ގުޅުންހުރި ކަމަށް ތުހުމަތުކުރެވޭ އެހެން މައްސަލަތައްވެސް ބަލަމުން އަންނަ ކަމަށާއި އެގޮތުން ރިލްވާން ގެއްލުނުކަމަށް ބެލެވޭ، މި މަހުގެ ހަތް ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ހިނގިކަމަށް ބުނާ ޙާދިސާއާއި ގުޅޭ ތިން ކާރެއް ބަލައި ފާސްކޮށް އެއިން ސާމްޕަލްނަގައި ފޮރެންސިކް ތަޙުލީލު ކުރުމުގެ މަސައްކަތް ވަނީ ފަށާފައިވާ ކަމަށެވެ. އަދި އެރޭގެ ޙާދިސާގައި ބޭނުންކުރިކަމަށް ބެލެވޭ ކާރެއް ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސް ދިރާސާ ކުރުމުގެ މަސައްކަތް ވެސް ވަނީ ފަށާފަ އެވެ.