August 25, 2014
“ތިހެން ނުހައްދަވާ، އަޅުގަނޑުމެންނަށް މިކަންތައް ކޮށްދެއްވާ! ހެޔޮ ނުވާނެ، އެ ކުއްޖާ ވީތަނެއް އެނގެނީކީއެއް ނޫން. ދުނިޔޭގައި ހުރި ކަމެއް އެނގެނީކީއެއް ނޫން. މަރާލީ ނޫން ކަމެއް ވެސް އެނގެނީކީއެއް ނޫން. ކޮންމެވެސް ހިތްހަމަޖެހޭ އެއްޗެއް އަޅުގަނޑުމެންނަށް ..ބުނެދީބަލަ! ހެޔޮނުވާނެ، އާދޭސްކޮށްފައި އަޅުގަނޑު މި ދަންނަވަނީ،” ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަންމަ އައިމިނަތު އީސާ ރޮމުން ފުލުހުންގެ ގާތު މިއަދު އާދޭސްކުރަމުން ދިޔަ އެވެ.
ރިލްވާން، 28، ގެއްލުނުތާ 17 ދުވަސްވީއިރު ވެސް އޭނާ އަށް ވީގޮތެއް ސާފުނުވުމުން، ކަންބޮޑުވުންފާޅުކޮށް މަންމަ އާއި އާއިލާ މެމްބަރުން މިއަދު ހެނދުނު ވަނީ ރައްޔިތުންގެ މަޖިލިސް އިދާރާ އަށް ސިޓީއެއް ހުށަހަޅައިފަ އެވެ. ރިލްވާން ހޯދުމަށް މަޖިލިސް ތެރެއިން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދިނުމަށް އެ ސިޓީގައި އެދިފައިވެ އެވެ.
މަޖިލީހުގެ އިދާރާއާ ސިޓީ ހަވާލުކުރުމަށް ފަހު، އެތަނުގެ ބޭރުގައި ހުރެ ރިލްވާންގެ މަންމަ ވަނީ ހިތާމަފާޅުކޮށް، ގިސްލަމުން އޭނާގެ ދަރިފުޅު ވީތަނަކުން ހޯދައިދިނުމަށް ސަރުކާރުގައި އާދޭސްކޮށްފަ އެވެ.
ބޮޑެތި އިންޒާރުތަކަކަށް ފަހު ރިލްވާން ގެއްލިފައިވާއިރު، ހުޅުމާލޭގައި އޭނާ ދިރިއުޅޭ އެޕާޓްމެންޓް ކައިރިން މީހަކު ކާރަކަށް އަރުވައިގެން ދިޔަ މަންޒަރު ދެ މީހަކަށް ފެނުނު ހާދިސާ އިން އެ އާއިލާގެ ކަންބޮޑުވުން އިތުރަށް ވަނީ ބޮޑުވެފަ އެވެ. އެ ހާދިސާ އެގޮތަށް ހިނގާފައިވާއިރު އެއީ ކިހިނެއް ހިނގައިދިޔަ ކަމެއްތޯ ފުލުހުން އާއްމުކޮށްފައި ނުވާތީ، ރިލްވާން ހޯދަން ފުލުހުން އެކަށީގެންވާ މަސައްކަތެއް ކުރާ ކަމަކަށް އާއިލާ އިން ގަބޫލެއް ނުކުރެ އެވެ.
މާލެ: އޯގަސްޓް 7، 2014 އިން ފެށިގެން ވީނުވީއެއް ނޭނގި ގެއްލިފައިވާ މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަންމަ އައިމިނަތު މޫސާ އޯގަސްޓް 25، 21014 ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކައިރީގައި—ހަވީރު ފޮޓޯ: މުހަައްމަދު ޝަރުހާން
މަޖިލިސް އިދާރާ ކައިރީގައި ރިލްވާންގެ މަންމަ އާއި ދައްތަ ހިތާމަފާޅުކުރަނީ. ރިލްވާން ގެއްލުނުތާ 17 ދުވަސް ވަނީ ވެފައި. –ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން
“އަޅުގަނޑުމެން ކިތަންމެ ނިކަމެތިކޮށް އުޅުނަސް ދަރިން ގެންގުޅެނީ ނުލާހިކު ލޯބިންނޭ،” އައިމިނަތު، 67، ބުންޏެވެ. “[ފުލުހުންނާ ދިމާލަށް އިޝާރާތްކޮށް] ކަލޭމެން ތިތިބެނީ ތިބޭ ތަނުގައި ހަމަޖެހިލާފައި. ނިކަމެތިންނަށް އޮތީ ނިކަމެތި ގޮތް.”
ރިލްވާންގެ މަންމަ ރޮމުން ކިޔައިދިންގޮތުގައި، އޭނާގެ ފަސް އަންހެން ދަރިންނާއި ހަތަރު ފިރިހެން ކުދިން ބަލައި ބޮޑުކުރީ އެކަންޏެވެ. ރިލްވާނަކީ އާއިލާގެ އެންމެ ހަގު ކުއްޖާ އަށް ވުމާއެކު ރިލްވާން އާއި އޭނާގެ މަންމައާ އޮންނަ ގުޅުން ބޮޑެވެ.
“އެއީ ވަރަށް ރަނގަޅު ކުއްޖެއް،” އަސަރާއެކު ރިލްވާންގެ މަންމަ ބުންޏެވެ.
މަޖިލީހަށް ސިޓީ ހުށަހެޅުމަށް ފަހު އެ އިދާރާގެ ބޭރުގައި މަޑުކޮށްގެން ތިއްބައި، އެތަނުގައި ނުތިބެވޭނެ ކަމަށް ބުނެ ފުލުހުން ދުރަށް ޖައްސަން ފެށުމުން ވެސް ރިލްވާންގެ މަންމަ ވަނީ އެތަނުގައި އޭނާ އިރުކޮޅަކު ބެހެއްޓުމަށް އެދި އާދޭސްކޮށްފަ އެވެ.
“އަޅުގަނޑު ނޫޅެމޭ މިތަނުގައި ދެކޮޅަށް ކަމެއް ކުރާކަށް. އަޅުގަނޑު މިތާ ބަހައްޓަދީބަލަ، ހެޔޮނުވާނެ! މި ހުރިހާ ދުވަހަކު ވެސް ކެތްތެރިކަމާ އެކު ގޭގައި މިއިނީ. އެކަމަކު މިއަދު މިތަނަށް މިއައީ އެ ކުއްޖާ ހޯދަން އާދޭސްކުރަން،” އައިމިނަތު ބުންޏެވެ.
އޭނާ ބުނިގޮތުގައި ރާއްޖެ އަކީ ވެރިން ތިބި ގައުމަކަށް ވިޔަސް އޭނާގެ ދަރިފުޅު ގެއްލިގެން އުޅޭ މައްސަލާގައި ސަރުކާރުން މާބޮޑަކަށް އަޅާލާ މަންޒަރެއް ނުފެނެ އެވެ. މި ގައުމުގައި ހިނގާފައިވާ އެހެން ކަންކަން ހޯދާފައިވާ ފަދައިން “ހޯދަން އުޅެފި ނަމަ ރިލްވާނަށް ވީގޮތެއް ވެސް ހޯދޭނެ” ކަމަށް އޭނާ ދެކެ އެވެ.
ދަރިފުޅުގެ ހައްގުގައި މަޖިލިސް އިދާރާ ކައިރި އަށް އެއްވީ ސަރުކާރާ ދެކޮޅަށް ނުވަތަ ވެރިންނާ ދެކޮޅަށް އެއްވެސް ކަމެއް ކުރަން ނޫން ކަމަށާއި އެ އާއިލާ އަކީ “އެއަށްވުރެ ނިކަމެތި އާއިލާއެއް” ކަމަށް އައިމިނަތު ފުލުހުން ގާތު ބުނަމުންދިޔަ އެވެ. ނަމަވެސް މަޖިލިސް އިދާރާ ކައިރީގައި ތިބުމުގެ ފުރުސަތު ނުދީ ފުލުހުން ވަނީ، އެތަނަށް އެއްވެ ތިބި މީހުން މުލިއާގެއާ ހިސާބުގައި ޖަހާފައިވާ ބެރިކޭޑުގެ ފަހަތަށް ޖައްސައިފަ އެވެ. އެއީ އެ ސަރަހައްދަކީ އެއްވެ އުޅުން މަނާ ސަރަހައްދަކަށް ވާތީ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ރިލްވާން ހޯދުމަށް މާލެ އާއި ރަށްރަށުގެ އިތުރުން ކަނޑުގައި އަޅާފައިވާ އުޅަނދުތަކާއި މީހުން ދިރިއުޅޭ އެޕާޓްމެންޓްތައް ވެސް ފުލުހުން އަންނަނީ ޗެކްކުރަމުންނެވެ. އޭނާ އެންމެ ފަހުން ފެނުނީ، ފުލުހުން ބުނާގޮތުގައި، މި މަހުގެ ހަތް ވަނަ ދުވަހުގެ ރޭ ހުޅުމާލެ އަށް ދާން މާލޭ ފެރީޓާމިނަލް ތެރޭގައި ހުއްޓަ އެވެ.