August 23, 2014
ރާއްޖޭގައި ޖިނާއީ ތަހުގީގު ކުރުމުގެ ބާރު ލިބިފައިވާ ފަރާތަކީ މޯލްޑިވްސް ޕޮލިސް ސާރވިސް އެވެ. ރާއްޖޭގެ ފުލުހުންނަކީ ތަހުގީގުތަކުގައި އާދައިގެ ބައެކޭ ދެންނެވޭކަށް ނެތެވެ. ތަފާތު މައްސަލަތަކުގައި ބޮޑެތި ކުރިއެރުންތައް ހޯދާފައި އެބަހުއްޓެވެ. ޚާއްޞަކޮށް ފުލުހުންގެ ތަހުގީގް ޓީމާއި އޭގެތެރޭގައި ހިމެނޭ އިންޓެލިޖެންސް ޓީމާއި ފޮރެންސިކް ޓީމަކީވެސް ކަމުގެ ތަޖުރިބާއާއި އިލްމާއި ހުނަރު ލިބިތިބި ގާބިލް ބައެކެވެ.
މިބީދައިން ރާއްޖޭގައި ހިނގާ ބޮޑެތި ކަންތައްތަކުގައި ފުލުހުންގެ ބަހަކަށް ވެފައި އޮންނަނީ ވަރަށް ޚާއްޞަ ކަމެއް ދީގެން އެހިނގި ކަމެއްގެ ޙަޤީގަތް ދެނެގަތުމަށްޓަކައި މަސައްކަތް ކުރާ ކަމަށެވެ. ފުލުހުންގެ ބަހުންނަމަ ކަމެއް ދެނެގަތުމަށް ނުފޮރޮޅާ އެއްވެސް ގައު ކޮޅެއް ނުބާއްވާނެއެވެ.
ރާއްޖޭގެ ނޫސްވެރިއަކު ގެއްލުނުތާ މިއަދަށް މިވީ 17 ދުވަހެވެ. ނޫސްވެރިއަކަށް ވުމަށްވުރެ ބޮޑަށް ގެއްލިގެން މިއުޅެނީ ދިވެހި ރައްޔިތެކެވެ. ދިވެހިންގެ ތެރެއިންވާ ދިވެހިންގެ އަޚެކެވެ. ހާދިސާ ހިގައިގެން މިއުޅެނީ ކުޑަކުޑަ ގައުމެއްގައެވެ. ކުޑަ އާބާދީއެއްގެ ތެރޭގައެވެ. އަޖައިބަކީ، ފުލުހުން އެކަމަށް ވަރަށް ޚާއްޞަ އިސްކަމެއް ދީގެން ކުރިއަށް ގެންދާ ތަހުގީގުގެ އިތުރުން ގެއްލިފައިވާ އަހުމަދު ރިލްވާންގެ އާއިލާއިން މުޅި ހުޅުމާލޭގައި އެތައް ފަހަރަކު އަތްފުނާ އަޅައިފިއެވެ. ނޫސްވެރިންގެ ޓާސްކް ފޯހަކުން ލައްކަ ބެލުންތައް ބަލައިފިއެވެ. މިހާތަނަށް އަދި ރިލްވާނެއް ނުފެނެއެވެ. ވީގޮތެއްވެސް ނޭގެއެވެ.
ކަންކަން ހޯދައި ލިބެން ހުރި މައުލޫމާތު ވެރިފައިކޮށް ޢާއްމުންނަށް ގެނެސްދިނުމުގައި ރާއްޖެ ޓީވީއާއި ރާއްޖެ އެމްވީގެ ނޫސްވެރިންވެސް ކެނޑިނޭޅި ދަނީ މަސައްކަތް ކުރަމުންނެވެ. ޚާއްޞަކޮށް ކިތައްމެ ދަތިވިނަމަވެސް އަދި ކިތައްމެ އުނދަގޫނވި ނަމަވެސް އިންވެސްޓިގޭޓިވް ޖާނަލިޒަމްގެ ތެރެއިން މިކަމުގެ ތެރޭގައި ފީނެން އޮތް މިންވަރަކަށް ފީނޭތޯ ދަނީ ކުރެވެން ހުރި މަސައްކަތްތައް ކުރަމުންނެވެ.
އެގޮތުން މިފަހަރު މި ރިޕޯޓުގައި މި ބަލާލަނީ ރިލްވާން ހޯދުމުގައި ތަހުގީގީ ލެންސަކުން މައްސަލައަށް ނަޒަރު ހިންގާލާއިރު ފެނުން އެކަށީގެންވާ ކަންތައްތަކުގެ ވާހަކައެވެ. މިއީ ރޮކެޓް ސައިންސެއް ނޫނެވެ. މިއީ މިކަމަށް ޝައުގުވެރި ކަމުގެ ނަޒަރަކުން މަސައްކަތްކޮށްފިނަމަ ހޯދޭނެ މައުލޫމާތެވެ. ޓެކްނޮލޮޖީއާއި މުއާސަލާތީ ވަސީލަތްތަކުގެ ތަޖްރިބާކާރުންނާއި ތަހްގީގު ކުރުމުގެ ތަޖްރިބާކާރުންގެ ވާހަކަތަކުން ރިލްވާން ހޯދުމަށް ދިވެހި ފުލުހުންނަށް ކުރެވެން ހުރި ފުރުސަތުތައް މަދެކޭ ދެންނެވޭކަށް ނެތެވެ.
ރިލްވާންގެ ފޯނުގެ މުއާމަލާތްތައް ބެލުން
ރިލްވާން ގެންގުޅުނީ ކޮންހަލަ ފޯނެއްތޯ ބެލިދާނެއެވެ. އަދި އޭނާ ބޭނުން ކުރަމުން ދިޔައީ ކޮން ނެޓްވާރކެއްގެ ސިމްއެއްތޯ ބެލިދާނެއެވެ.
އެއަށްފަހު އެފޯނުން ކޮށްފައިވާ އެންމެފަހުގެ މުއާމަލާތައް ބެލިދާނެއެވެ. އެގޮތުން ފޯނުން ކޮށްފައިވާ ތިންމަހާއި ހަމަހާއި ދެމެދުގެ ހުރިހާ މުއާމަލާތަކީ ރެކޯޑް ކުރެވިފައި ހުންނާނެ ތަކެއްޗެވެ. އޭގެތެރޭގައި ފޯނުކުރުމާއި އެސްއެމްއެސް ކުރުމާއި އެމްއެމްއެސް ކުރުން އަދި އިންޓަރނެޓް ބޭނުން ކޮށްގެން ވައިބަރ ފަދަ ތަކެއްޗަކީ ޚިދުމަތްދޭ ފަރާތުގައި ރެކޯޑް ނުކުރެވޭ ގޮތައް ދެވޭނެ އެއްޗެއް ނޫނެވެ. އެކަން ޔަޤީންވާ ހެއްކަކީ ދިރާގު ވިއަސް އަދި އުރީދޫ ވިއަސް، މީހަކު އެތަނަކުން ލިބިގަންނަ ފޯނުގެ ޚިދުމަތާއި ޑޭޓާ ޔޫސޭޖްގެ ޚިދުމަތައް އެއްވެސް އުނިއިތުރެއް ނުގެނެސް ބިލްކޮށް ފައިސާ ނެގެނީ އެރެކޯޑް ތަކަށް ބަލައިގެންނެވެ. އަދި މިތަކެއްޗަކީ އެމީހެއްގެ ފޯނުން ޑިލީޓް ކުރިއަސް ރިކަވަރކޮށްގެން ހޯދޭނެ ތަކެއްޗެވެ.
ފުލުހުންނަށް އެތަކެތި ބެލިދާނެތަ.؟
ދުނިޔޭގެ ގިނަ ޤައުމުތަކުގައި މުއާސަލާތީ ޚިދުމަތްދޭ އެއްވެސް ބަޔަކަށް އެމީހުން އެދޭ ޚިދުމަތް އެޤައުމުގެ ސަލާމަތީ ބާރުތަކަށް މޮނިޓަރ ނުކުރެވޭ ގޮތަކަށް ދުލެއް ނުކުރެވެއެވެ. ރާއްޖޭގައި މިޚިދުމަތް ރެގިއުލޭޓް ކުރާ ފަރާތަކީ މޯލްޑިވްސް ޓެލެކޮމިއުނިކޭޝަން އޮތޯރިޓީއެވެ. މިއީ ސީދާ ސަރުކާރުގެ ބާރުގެ ދަށުގައިވާ ސަރުކާރުގެ މުއައްސަސާއެކެވެ. ފުލުހުންނާއި ސިފައިންނަކީ ޤައުމުގެ ސަލާމަތީ ބާރެވެ. މިއީވެސް ސަރުކާރުގެ ތެރޭގައި ހިމެނޭ ދެ މުއައްސަސާއެވެ. އެހެން ކަމުން ޤާނޫނެއްގައި ލިޔެފައި ނެތަސް އެހުރިހާ ބާރެއް އެވަނީ ސަލާމަތީ ބާރުތަކަށް ލިބިދީފައެވެ. އެހެން ކަމުން ރާއްޖޭގައި ކުރެވޭ މުއާސަލާތީ އެއްވެސް މުއާމަލާތަކީ ޤައުމުގެ ސަލާމަތީ ބާރުތަކަށް މޮނިޓަރ ނުކުރެވޭގޮތައް ޤާއިމް ވެފައި ހުންނާނެ އެއްޗެއް ކަމަކަށް ނުބެލެވެއެވެ. އަދި ބައެއް ކަންކަން ހޯދުމުގައި މިހާރުވެސް ފުލުހުން ގެންދަނީ އެވަސީލަތް ބޭނުން ކުރަމުންނެވެ. ފުލުހުން ވަނީ އެގޮތުން ތަފާތު ކޭސްތަކުގެ ޙަޤީޣަތް ހޯދާފައެވެ. އެހެން ކަމުން ފުލުހުންގެ އަތުގައި މިކެޕޭސިޓީ ހުރިކަން ދޭހަވެއެވެ.
ފުލުހުންނަށް މިފަދަ ތަހުގީގެއްގައި ފޯނުތަކުގެ މުއާމަލާތް ބެލިދާނެތަ؟
ފުލުހުންގެ ތަހުގީގަކީ ކަމެއްގެ ޙަޤީގަތް ހޯދުމަށް ހިންގޭ ޚާއްޞަ ހަރަކާތެކެވެ. އެކަމުގައި ތަފާތު ވަސީލަތްތަކާއި ތަފާތު އުކުޅުތައް ބޭނުން ކުރެވިދާނެވެ. މިސާލަކަށް މަސާޖް ޕާލާއެއް ރޭޑް ކުރުމުގައި ފުލުހުންގެ ތެރެއިން ބަޔަކު އެޚިދުމަތް ލިބިގަންނަ ކަސްޓަމަރުންނަށް ވާފަހަރު އާދެއެވެ. ދެން އޮތީ މިކަމަށް ފޯނުތަކެއް ބެލިދާނެތޯ ކުރެވޭ ސުވާލެވެ. ދުނިޔޭގައި މިފަދަ ތަހުގީގެއްގައި ބޭނުންކުރި މިސާލަކަށް ބަލާލާނަމެވެ. މަޝްހޫރު ލަވަކިއުންތެރިޔާ މައިކަލް ޖެކްސަންގެ މަރާ ގުޅިގެން އޭނާގެ ޑޮކްޓަރުގެ ފޯނުގެ މުއާމަލާތްތައް ވަނީ ބަލާފައެވެ. އަދި އެކަމުގެ ބައެއް ހަޤީގަތްތައް ހޯދުމަށް އެއިން ވަނީ އެހީތެރިކަން ލިބިފައެވެ.
ރިލްވާންގެ ފޯނުގެ މުއާމަލާތުން ހޯދިދާނެ ކަންތައްތައް
އޭނާއަށް އެއްވެސް ވަރެއްގެ އިންޒާރެއް ނުވަތަ އޭނާ ގެއްލުމަށް މެދުވެރިވެދާނެ ސަބަބަކާ ގުޅޭ މުއާމަލާތެއް ހިންގާފައި ހުރިތޯ ބެލިދާނެއެވެ. އަދި އެފަދަ ވާހަކަތައް ދައްކާފައިވާ ފޯނު ނަންމަބަރުތަކުގެ ވެރިންނަކީ ކޮންބައެއްތޯ ބެލިދާނެއެވެ. އެހެން މީހުންގެ ނަމުގައި ނަގާފައިވާ ނަންބަރުތަކެއް ނަމަވެސް އެނަންބަރުތަކުގެ ވެރިންނާ ސުވާލުކޮށް އެނަންބަރު ބޭނުންކުރާ މީހާ ހޯދައި އެމީހުންނަކީ މިމައްސަލައިގާ ހިމެނޭ ‘ސަސްޕެކްޓެޑް ޕޫލެއް’ގެ ގޮތުގައި ފާހަގަ ކުރެވިދާނެއެވެ. އަދި އެމީހުން ނުވަތަ އެނަބަރުތަކުން އެރޭ (ރިލްވާން ގެއްލުނު ދުވަހުގެރޭ) އެއްވެސް މުއާމަލާތެއް ހިންގާފައިވޭތޯ ބެލިދާނެއެވެ. އަދި އެރޭ އެމީހުން ނުވަތަ އެ ނަމްބަރުތައް ރިލްވާނާއެކު އެއް ހިސާބެއްގައި އުޅެފައި ހުރިތޯ މުވާސަލާތީ ވަސީލަތްތަކުގެ އެހީގައި ބެލިދާނެއެވެ.
މިގޮތުން ރިލްވާންގެ ފޯނު ބޭނުންކޮށްގެން އެރޭ އޭނާ އުޅުނު މުޅި ރޫޓް ބެލިދާނެއެވެ. އެކަން އެނގޭނެ ގޮތަކީ ކޮންމެ ފޯނަކަށްވެސް ޚިދުމަތް ލިބެނީ އެފޯނަކާ އެންމެ ގާތުގައި ހުންނަ އެމީހަކު ގެންގުޅޭ ސިމްއަކަށް ޚިދުމަތްދޭ ބައެއްގެ އޭރިޔާ ދަނޑިއެއް މެދުވެރިކޮށް ކަމަށް ވާތީއެވެ. އެގޮތުން ރިލްވާނުގެ ފޯނަކީ އުރީދޫ ނަންބަރަކަށް ވާނަމަ އޭނާގެ ފޯނާއެކު އޭނާ އެއްވެސް ތާކަށް ދާނަމަ އޭނާ އެހުރި އެންމެ ކައިރި ހިސާބެއްގެ އޭރިޔާ ދަނޑިއަކަށް އެނަންބަރު އަރަމުންދާނެއެވެ. އަދި އޭނާ ހުރި ހިސާބެއް ފާހަގަ ކުރެވޭނެއެވެ. އެގޮތުން އޭނާ މާލޭގައި ހުރެފައި ހުޅުމާލެއަށް ދެވުމުން އޭނާގެ ނަންބަރު އަރާފައިވަނީ ހުޅުމާލެ އެންޓަނާއަކަށެވެ. މާލެއިން އެންޓަނާއަކަށް އެނަންބަރު އެރުމަށްފަހު މާލޭގެ އެހެން ތަނަކަށް ނަމްބަރު ނާރާ އަދި ހުޅުމާލޭގެ އެންޓަނާއަކަށްވެސް ނަމްބަރު ނާރާނަމަ އޭނާގެ ޚަބަރެއް ނުވެފައިވަނީ ކަނޑުމަތިން ކަމަށް ބެލެވިދާނެއެވެ. ހުޅުމާލެއަށް ހިޓް ވުމަށްފަހު ހުޅުމާލޭގައި އޭނާ ދަތުރުކޮށްފައި ހުރި ތަންތަން ދާނީ ނަމްބަރު އަރަމުންދާ އެންޓަނާގެ ޒަރީއާއިން އެނގެމުންނެވެ
ހަމަ މިގޮތައް އޭނާއަށް އިންޒާރުދީ ހަދާފައިވާކަމަށް ކުރިން ފާހަގަ ކުރެވުނު ބަޔަކު އެގަޑީގައި އޭނާއާއެކު ހަމަ އެއް އޭރިޔާ ދަނޑިތަކަކަށް އެމީހުންގެ ނަމްބަރުތައް އަރަމުން ގޮސްފައިވާނަމަ އެމީހުންނާމެދު ކުރެވޭ ޝައްކަށް އިތުރު ބާރެއްވެސް ލިބުނީއެވެ.
މިހާރު ހޯދިފައިވާ ފުޓޭޖް ތަކުން ކުރެވޭނީ ކޮންކަމެއް؟
މިހާރު ލިބިފައިވާ ނުވަތަ ހޯދިފައިވާ ސީސީ ޓީވީ ފުޓޭޖްން ފެންނަ އެންމެންނަކީ ކޮންބައެއްތޯ ބަލައި އައިޑީކާޑް ޔުނިޓުން އެމީހުންގެ ފޮޓޯއާއި އެހެނިހެން މައުލޫމާތު އެއްކޮށްގެން އެމީހުން ހޯދައި އެމީހުންނާ ސުވާލު ކުރެވިދާނެއެވެ. މިކަމުގައި ފޭސް ރިކޮގްނިޝަން ސޮފްޓްވެއަރއެއް ނުވަތަ އެފްބީއައިގެ އެހީ ހޯދިދާނެއެވެ. މިގޮތުން ހަމަ އެއްވެސް މީހަކު ދޫކޮށް ނުލައި އެންމެންނާ ސުވާލު ކުރެވިދާނެއެވެ. އޭގެ ތެރޭގައި ފެރީ ކައުންޓަރުގައި ތިބި މީހުންނާއި އޭނާއާއިކު ފެރީ ޓަރމިނަލްއަށް ވަންނަ މީހުންނާ އެފެރީގައި ދަތުރުކުރި މީހުންނާއި، ފެރީ ކެޕްޓަނުންނާ ފަޅުވެރިންނާ ސުވާލުކޮށް އޭނާ ދުށިންތޯއާއި އެނާ ފެރީން ހުޅުމާލެއަށް ދިޔަތޯ އެހިދާނެއެވެ.
ހަމަ މިގޮތައް ފެރީ ހުޅުމާލެއަށް ޖައްސާ މީހުން ފައިބަމުންދާއިރު ދެން އެކޮޅުން ނައްޓާލަން އޮތް ފެރީއަށް އަރަމުންދިޔަ މީހުންނާ އެވަގުތު އެފެރީގެ ކެޕްޓަނާއި އެތަނުގައި އެވަގުތު ޑިއުޓީއަށް ތިބި އެންމެނާ ސުވާލު ކުރެވިދާނެއެވެ. މީގެ ތެރެއިންވެސް އެއްކަލަ ނަންބަރުތަކުން ފާހަގަވެގެން ނެގި ސަސްޕެކްޓެޑް ޕޫލްގައި ހިމެނޭ މީހުން ތިބިތޯ ބެލުމުގެ އިތުރުން ފަހުން ބެލުނު ގޮތުން ހޯދުނު ބައެއް މީހުންވެސް އެ ސަސްޕެކްޓެޑް ޕޫލަށް އިތުރު ކުރެވިދާނެއެވެ.
ހުޅުމާލެ
ހުޅުމާލެއަށް ރިލްވާން ދިޔަކަން ރިލްވާންގެ ފޯނުގެ މުއާމަލާތުން އެނގޭނެއެވެ. އަދި ފޯނު އެތަނުގެ މުވާސަލާތީ އެންޓަނާއަކަށް އެރި ނަމަވެސް އެކަން އެނގޭނެއެވެ. އޭގެ އިތުރުން ހުޅުމާލޭގައި ހުންނަ އެންޓަނާތަކަށް އެރޭ އަރާފައިވާ ނަންބަރުތައް ބެލިދާނެއެވެ. ޚާއްޞަކޮށް ފެރީ ޓަރމިނަލްއާ އެންމެ ގާތް ނުވަތަ ރިލްވާނުގެ ފޯނު ހުޅުމާލެއިން އެރި އެންޓަނާއަށް އަރާ އެހެން ނަންބަރުތަކަށް ބެލިދާނެއެވެ.
އެގޮތުން އެރި ނަންބަރުގެ ވެރިފަރާތް ހޯދިދާނެއެވެ. އޭގެ ތެރޭގައި އެކި ކުށްތަކުގައި ޝާމިލްވާ ނުވަތަ އެފަދަ ޝައްކުތައް ކުރެވޭ އަދި ރިލްވާން ފޯނުގެ ޑޭޓާތަކުން އޭނާއަށް އިންޒާރެއްދީ ހަދާފައި ވުމުގެ ސަބަބުން ކުރިން ސަސްޕެކްޓެޑް ޕޫލްއަށް އަރާފައިވާ މީހުންވެސް ހިމެނިދާނެއެވެ. މީގެ އިތުރުން ޢާއްމުކޮށް އެއެންޓަނާއަށް ނަމްބަރު ނާރާ މީހަކު އެރޭ އެގަޑީގައި ނަމްބަރު އަރާފައިވާ ނަމަ އެމީހުންވެސް ސަސްޕެކްޓެޑް ޕޫލް ތެރެއަށް ލެވިދާނެއެވެ. އަދި އޭގެތެރެއިން އަންލިސްޓެޑް ނަންބަރސް ނުވަތަ ބޭރު މީހުންގެ ނަމުގައި ނަގާފައިވާ ނަންބަރުތަކެއްވެސް އެރުން އެކަށީގެންވެއެވެ. މިނަންބަރުތައް ސަސްޕެކްޓެޑް ޕޫލް ތެރެއަށްލާ އެނަބަރުތައް ވިއްކި ރީޓެއިލް ފިހާރަތަކަށް ގޮސް އެމީހުން ހޯދައި އެމީހުންނާވެސް ސުވާލު ކުރެވިދާނެއެވެ.
ހުޅުމާލޭގައި އުޅުނު ކަމަށް ނަމްބަރު ރެކޯޑް ވި ފަހުން އެރޭ ހުޅުލެއަށްގޮސް ފުރާފައިވާ މީހުން ހޯދައި އެމީހުންނާވެސް ސުވާލު ކުރެވިދާނެއެވެ.
އެސަރަހައްދުގައި ހުރި ފިހާރައިގައި ބަޔަކު ތިބިތޯ ބަލައި އެމީހުންނާ ސުވާލުކޮށްގެން އެރޭ ތަފާތުކަމެއް ހިނގިތޯއާއި ތަފާތު ބަޔަކު ފެނުނުތޯ އެހިދާނެއެވެ. ނަމަވެސް އެގޮތައް އެއްޗެއް އެނޭގޭނީ ރިލްވާން ގެއްލުނު ރޭގެ ފަހު ދުވަހު އަހައިގެން ކަމަށް ވިސްނެއެވެ.
ސަސްޕެކްޓެޑް ޕޫލްގައި ހިމެނޭ މީހުންގެ މޫވްމަންޓް
މިހާތަނަށް ސަސްޕެކްޓެޑް ޕޫލްގައި ހިމެނޭ މީހުންނާ އެރޭ ރިލްވާންގެ ނަމްބަރު އެރި އެންޓަނާއަށް ނަމްބަރު އެރި އެހެން މީހުން ޚާއްޞަކޮށް ހުޅުމާލެ ފެރީ ޓާރމިނަލް ކައިރިން ނަމްބަރުއެރި މީހުންގެ ފޯނުގެ މުއާމަލާތްތައް ބެލިދާނެއެވެ. އެމީހުންގެ ރޭވުމާއި އެމީހުން ކޮށްފައިވާ މުއާމަލާތާއި ދައްކާފައިވާ ވާހަކަތައް އެއިން ފެނިދާނެއެވެ. އެއިންވެސް އެމީހުންނާ ރިލްވާނާ ބެހޭ މައުލޫމާތުވެސް ހޯދިދާނެއެވެ.
ސެޓްލައިޓް ބޭނުންކުރުން
އެންމެ ފަހުކަމެއްގެ ގޮތުގައި އެފްބީއައި ނުވަތަ ސީއައިއޭގެ އެހީތެރިކަން ހޯދިދާނެއެވެ. އެމީހުންގެ އެހީތެރިކަމާއެކު އެރޭ ރާއްޖެ ކަވަރކުރި ޚާއްޞަކޮށް ހުޅުމާލެ ސަރަހައްދު އެންމެ ގާތުން ކަވަރކުރި ވީޑިއޯ ކުރެވޭ ސެޓްލައިޓް ބެލިދާނެއެވެ. އެހެނީ އަބަދުވެސް އެފަދަ ބައިވަރު ސެޓްލައިޓްތައް ދަތުރުކުރަމުންދާނެއެވެ. އެފްބީ އައި ނުވަތަ ސީއައިއޭއިން ވަގުތުން ވަގުތަށް އެއީ ކޮން ސެޓްލައިޓް ތަކެއްތޯއާއި ވީޑިއޯތައް އެމީހުން ހޯދައިދޭނެއެވެ. އެ ވީޑިއޯ ތަކުގެ އެހީގައި އެރޭ ހުޅުމާލޭގެ ހުރިހާ ތަނެއްގެ މޫވްމަންޓް ބެލިދާނެއެވެ. އާދަޔާ ޚިލާފް ކަމެއް ފާހަގަ ކުރެވުމާއެކު އެކަމަކަށް ޚާއްޞަ ސަމާލުކަމެއް ދީގެން އެތަހުގީގު ފުޅާ ކުރެވިދާނެއެވެ
މިކަންކަމަކީ ކަންހިނގުމަށްފަހު ރެކޯޑްވެ ނިމިފައި ހުންނާނެ ކަންތައްތަކެވެ. އެއީ ބަދަލު ކުރެވޭނެ އެއްޗެއްސެއް ނޫނެވެ.
އިސާހިތަކު މިކަންކަމަށް ބަލައިގެން ރިލްވާނަށް ވީގޮތެއް ބެލިދާނެކަމަށް އަދި ހޯދިދާނެ ކަމަށް ބެލެވެއެވެ. އަދި ޤަބޫލުކުރެވެނީ ފުލުހުން މިހާރު ވާނީ އެމައުލޫމާތުތައް ހޯދާފައި ކަމަށެވެ. އަދި މިހާރު ފުލުހުން ގެންދާނީ އެކަން ދިރާސާ ކުރަމުންނެވެ.
އިރާދަ ކުރެއްވިއްޔާ މާލަސްތަކެއް ނުވެ ފުލުހުން އެހަޤީގަތްތައް ހާމަ ކުރާނެއެވެ.