August 15, 2014
ގެއްލިގެން ހޯދަމުން އަންނަ “މިނިވަން ނިއުސް”ގެ ޖާނަލިސްޓް، މ. ޝައިނިން ސްޓާ، އަހުމަދު ރިލްވާން އަބްދުﷲ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ހުޅުމާލެ އަށް ފައިބަނިކޮށް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ރިލްވާންގެ އާއިލާ އިން ބުނެފައިވާ ގޮތުގައި ހުޅުމާލޭގައި އެޕާޓްމަންޓެއް ކުއްޔަށް ހިފައިގެން އެކަނި ދިރިއުޅޭ ރިލްވާނާ އެންމެ ފަހުން ބައްދަލުވީ ބުރާސްފަތި ދުވަހުގެ ރޭ 10:00 ހާއިރު މާލެއިންނެވެ. އޭގެ ފަހުން އޭނާގެ ފޯނަށް ނުގުޅޭއިރު އޭނާގެ ހަބަރެއް ނުވެ އެވެ.
ފުލުހުން ބުނީ ރިލްވާން ގެއްލިގެން އާއިލާ އިން ހުށަހެޅި ރިޕޯޓަކާ ގުޅިގެން އޭނާ ހޯދަމުން އަންނައިރު، ރިލްވާން އެންމެ ފަހުން ފެނިފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ 2:00 ގައި ފެރީން ހުޅުމާލެ އަށް ފައިބަނިކޮށެވެ. އޭނާގެ ސައިކަލް މާލޭ ފެރީޓާމިނަލް ސަރަހައްދުގައި ޕާކުކޮށްފައި ހުއްޓާ ވަނީ ފެނިފަ އެވެ.
ފުލުހުން ބުނީ ރިލްވާން އެންމެ ފަހުން ލައިގެން ހުރީ މަޑުފެހިކުލައިގެ ގަމީހަކާއި ކަޅު ފަޓްލޫނެއް ކަމަށެވެ. އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ އެ މައުލޫމާތެއް ފުލުހުންގެ އިމަޖެންސީ ނަމްބަރު 119 އަށް ނުވަތަ 3322111 ނަމްބަރާއި 9911099 ނަމްބަރަށް ގުޅައިގެން ހިއްސާކުރުމަށް އެދިފައިވެ އެވެ.
ގިނަ މީހުންނަށް ރިލްވާން އެނގެނީ ސޯޝަލް މީޑިއާގައި “މޮޔަމީހާ” ގެ ނަމުންނެވެ.
ވީނުވީއެއް ނޭނގި ރިލްވާން ގެއްލިފައިވާއިރު، އޭނާގެ އާއިލާ އާއި މިނިވަން ނިއުސް އިން ވެސް ބުނެފައި ވަނީ ފަހަކަށް އައިސް ރިލްވާނަށް ވަރަށް ބޮޑެތި އިންޒާރުތަކާއި ޕްރެޝަރު އައިސްފައިވާ ކަމުގެ މައުލޫމާތު ލިބޭ ކަމަށެވެ. އަދި އޭނާ އަށް ބިރުދައްކާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ވެސް ވަނީ ބުނެފަ އެވެ.