#findmoyameehaa

Ahmed Rilwan (@moyameehaa)

Ahmed Rilwan Abdulla (@moyameehaa) a Maldivian Journalist has been missing since 8 August 2014. He was last seen on CCTV at the Hulhumale' ferry terminal.

He was wearing a black shirt, black trousers, black shoes with white soles and carrying a black backpack.
Rilwan is 28 years old, of medium build and 5 feet 10 inches tall, sporting a short beard and moustache.

ރިލްވާން އަކީ ކާކު؟ ވީ ކިހިނެއް؟

“އޭނާ އަމިއްލަ އަށް ފިލީ ކަމަކަށް ގަބޫލެއް ނުކުރެވޭ. އަދި ބަޔަކު އޭނާގެ ދުވަސް ދުއްވާލަން ޖެހޭނެ ވަރުގެ ސަބަބެއް އޮތް ކަމަކަށް ވެސް ގަބޫލެއް ނުކުރަން،” މި މަހު ހަތް ވަނަ ދުވަހުގެ ރޭ ދަންވަރުން ފެށިގެން ގެއްލިގެން ހޯދަމުންދާ މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހްމަދު ރިލުވާން އަބްދުﷲ އާ ބެހޭގޮތުން އޭނާގެ އެންމެ ގާތް އެއް އެކުވެރިޔާ، އަދި ދާދި ފަހަކާ ޖެހެންދެން އޭނާއާ އެއް އެޕާޓްމަންޓަގައި ދިރިއުޅުނު މަހްމޫދު ޒިޔާއު ބުންޏެވެ.

އުމުރުން 28 އަހަރުގެ މި ޒުވާނާ އަށް، އެހެންވިއްޔާ މިވީ ކޮން ގޮތެއް ހެއްޔެވެ؟ ކިޑްނެޕް ކުރީ ހެއްޔެވެ؟ މަރާލީ ހެއްޔެވެ؟ ނުވަތަ އަމިއްލަ އަށް މަރުވީ ހެއްޔެވެ؟ އޭނާ ގެއްލުމުގެ ފަހަތުގައި ވަނީ ކޮން ކަންކަމެއް ހެއްޔެވެ؟ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން މިކަން ބަލަމުންދާއިރު، މި ސުވާލުތަކަށް ޖަވާބު ލިބޭ ވަރަށް، ތަހްގީގުގެ ހޯދުންތައް އަދި ތިލައެއް ނުކުރެވެ އެވެ. އެހެންވެ މިކަމުގެ ކަންބޮޑުވުމާއި ބިރުވެރިކަން ދަނީ ބޮޑުވަމުންނެވެ.

ރިލްވާން އަކީ ކާކު؟
ޓްވިޓާގައި އޭނާ މަޝްހޫރުވެފައި ވަނީ “މޮޔަމީހާ” ނަމުގަ އެވެ. ނަމަވެސް އެއީ “މޮޔައެއް” ނޫނެވެ. އޭނާގެ ގާތް އެކުވެރިންނާއި އާއިލާގެ މީހުން ސިފަކުރާ ގޮތުގައި ރިލުވާން އަކީ ޖެހިލުން ކުޑަ، މިނިވަން ހިޔާލުގެ ޒުވާނެކެވެ. އެކަން އޭނާގެ ޓްވީޓްތަކުން ވެސް ފާހަގަ ކުރެވެ އެވެ. ޓްވީޓަތަކަށް ބަލާއިރު އޭނާ އެމްޑީޕީ އަށް ތާއީދުކުރެ އެވެ. ނަމަވެސް އެމްޑީޕީގެ އިތުރުން ސިޔާސީ އެހެން ފިކުރުތަކުގެ މީހުންނަށް ވެސް އޭނާ ފާޑުކިޔަ އެވެ. ދީނާ ގުޅުން ހުރި ބައެއް މައްސަލަތަކަށް ވެސް ފާޑުކިޔަ އެވެ.

މަޖީދިއްޔާ ސްކޫލުން ކިޔެވުމަށް ފަހު، ނޫސްވެރިކަމުގެ ދާއިރާއިން އިންޑިއާގެ މައިސޫރުގައި ކިޔަވާފައިވާ ރިލްވާން މިނިވަން ނިއުސްގެ ޓީމާ ގުޅުނީ މިދިޔަ ޑިސެމްބަރުގަ އެވެ. އޭގެ ކުރިން އެޗްއާރުސީއެމްގައި އޭނާ އުޅުނެވެ. ގިނަ ދުވަސްތަކެއް ވަންދެން މިއަދު ނޫހުގެ އިނގިރޭސި ރިޕޯޓަރަކަށް ވެސް އުޅުނެވެ. އަދި ޖަޒީރާ ނޫހުގައި ވެސް އުޅުނެވެ.

އަލަތު ކައިވެނި ރޫޅިފައިވާ ރިލްވާނުގެ ދަރިއަކު ނެތެވެ. އަދި ލޯބިވެރިޔަކު ވެސް ނުހުރެ އެވެ. ސަކަ މިޒާޖެއްގެ ރިލްވާނަކީ، އޭނާގެ އެކުވެރިންނާއި ތިމާގެ މީހުން ބުނި ގޮތުގައި، އެކަނި ދިރިއުޅުމަށް ލޯބިކުރާ މީހެކެވެ. މީގެ ދެތިން އަހަރު ކުރިން ފެށިގެން ވެސް ހުޅުމާލެ އަށް ބަދަލުވީ އެހެންވެގެނެވެ. އޭނާއާ އެއް އެޕާޓްމެންޓެއްގައި އުޅުމަށް ފަހު، މިދިޔަ މަހު ފަހުކޮޅު އޭނާގެ އެކުވެރިޔާ ޒިޔާއު މާލެ ބަދަލުވުމުން އެ އެޕާޓްމެންޓްގައި އުޅެމުންދަނީ ރިލްވާން އެކަންޏެވެ.

އޭނާގެ އެންމެ ފަހުގެ ހަރަކާތްތައް
ރިލްވާންގެ ތިމާގެ މީހުންނާއި އެކުވެރިންނަށް އެންމެ ފަހުން އޭނާ ފެނިފައިވަނީ މިމަހުގެ ހަތް ވަނަ ދުވަހުގެ ރޭގަ އެވެ. ފުލުހުން ބުނި ގޮތުގައި އޭނާ އެންމެ ފަހުން ފެނިފައިވަނީ މިމަހުގެ ހަތް ވަނަ ދުވަހުގެ ރޭ ހުޅުމާލެ އަށް ފައިބަނިކޮށެވެ. ނަމަވެސް އެ މައުލޫމާތަށް އެހާ ބޮޑަށް އިތުބާރު ނުކުރެވޭ ކަމަށް ފުލުހުން ފަހުން ބުންޏެވެ. އަދި މިނިވަން ނިއުސް އިން ބުނިގޮތުގައި އެ ނޫހުން ސީސީޓީވީ ފުޓޭޖް ބެލި އިރު، އެ ރޭ މެންދަމާއި ދަންވަރު 3:00 އާ ދެމެދު ރިލްވާން މާލޭ ފެރީ ޓާމިނަލަށް ވަދެފައެއް ނުވެ އެވެ.

އޭގެ އިތުރުން، އުރީދޫ ތެރެއިން ނުރަސްމީކޮށް ލިބުނު މައުލޫމާތުތަކަކާ ހަވާލާދީ މިނިވަން ނިއުސް އިން ބުނީ ރިލްވާންގެ ފޯނުން އެންމެ ފަހުން ޑޭޓާ ބޭނުންކޮށްފައި ވަނީ ހަތް ވަނަ ދުވަހުގެ ރޭ 2:36 ގައި މާލޭގެ ހެންވޭރުގައި ކަމަށެވެ.

މިހާތަނަށް ފެންނަން ހުރި ކަންކަމަށް ބަލާއިރު، ރިލްވާނަށް ވީގޮތެއް ވެފައިވަނީ ހަތް ވަނަ ދުވަހުގެ ރޭ ހުޅުމާލެ އަށް ދިއުމަށްޓަކައި އޭނާ ސައިކަލް ޕާކްކުރި ފަހުންނެވެ. އޭނާގެ ރަތް ކުލައިގެ ޗިއާސް ސައިކަލް، ކާނިވާ ކުރިމަތީގައި ހުންނަ އެފްއެސްއެމްގެ ޕެޓްރޯލް ޝެޑް ކައިރީގައި ޕާކްކޮށްފައި އެބަ ހުއްޓެވެ. އަދި ހުޅުމާލެ އަށް ދާ ވާހަކަ އާއި ފިލްމީ ތަރި ޔޫސުފް ޝަފީއު (ޔޫއްޕެ) ފެނުނު ކަމަށް އެރޭ އޭނާ ޓްވީޓްކޮށްފައިވެ އެވެ. އެއީ އޭނާ ގެއްލުމުގެ ކުރިން، އެންމެ ފަހުން އެރޭ ކުރި އެއް ޓްވީޓެވެ. އެ ޓްވީޓް އެރޭ 1:02 ގައި ކުރުމަށް ފަހު، 1:14 ގައި ވެސް ޓްވީޓެއް ކޮށްފައިވެ އެވެ. އެ ޓްވީޓްގައި، ސަރުކާރުން ތެޔޮހޯދުމަށް ކުރާ މަސައްކަތަށް ފާޑުކިޔާފައިވެ އެވެ. އެންމެ ފަހުން އޭނާ ފޭސްބުކް އަޕްޑޭޓްކޮށްފައި ވަނީ މި މަހު ހަ ވަނަ ދުވަހުގެ ވަގުތެއްގަ އެވެ.

މިނިވަން ނިއުސްގެ ޑެޕިއުޓީ އެޑިޓަރު ޒަހީނާ ރަޝީދު ވިދާޅުވި ގޮތުގައި، ޔޫއްޕެ ފެނުނު ކަމަށް ޓްވީޓްކޮށްފައި ވާތީ އެކަމުގައި އެ މީހުން ޔޫއްޕެއާ ވާހަކަ ދެއްކި އެވެ.

“އެ ޓްވީޓާ ގުޅިގެން އަޅުގަނޑުމެން ޔޫއްޕެއާ ވެސް ވާހަކަ ދެއްކިން. ޔޫއްޕެ އަށް ރިލޭއަކީ ކާކު ކަމެއް ނޭނގޭ. އެހެންވެ އޭނާ އަށް ފާހަގައެއް ނުކުރެވުނު ފެރީގައި ހުރި ކަމެއް ނުވަތަ ނެތް ކަމެއް ވެސް،” އޭނާ ވިދާޅުވި އެވެ.

ނަމަވެސް އޭނާގެ ތިމާގެ މީހުންނާއި އެކުވެރިންނަށް އަދި ސޯޝަލް މީޑިއާގައި އުޅޭ މީހުންނަށް ވެސް ޔަގީންވާ އެއް ކަމެއް އެބަ އޮތެވެ. އެއީ “މޮޔަމީހާ” ގެ ފޯނު ސަލާމަތުން އޮތް ނަމަ، ނުވަތަ އޭނާ ސަލާމަތުން ހުރި ނަމަ ޓްވީޓްކުރާނެ ކަމުގެ ޔަގީން ކަމެވެ. ނުވަތަ ފޭސްބުކް އަޕްޑޭޓްކުރާނެ ކަމެވެ.

ރިލްވާން ގެއްލުނު ރޭ އޭނާއާ އެންމެ ފަހުން ދިމާވި އެކަކީ އޭނާގެ އެކުވެރިޔާ ލީވާން ޝަރީފެވެ. އެރޭ ރިލްވާނާއި ލީވާން، މ. ޝައިނިން ސްޓާ (މާލޭގައި ހުންނަ ރިލްވާނުގެ މައިންބަފައިންގެ ގެ) އަށް ދިޔައެވެ. އޭގެ ފަހުން ބްރޭކްވޯޓާ ކެފޭ އަށް ގޮސް ކޮފީ ވެސް ބުޔެވެ. އަދި ބައިބަލާ ކުޅޭ ތަނަށް ވެސް ދިޔައީ އެ ދެ އެކުވެރިން އެކުގަ އެވެ.

“ބައިބަލާ ކުޅުނު ތަނުން ނުކުމެގެން ދެ މީހުން ވަކިވީ. އޭގެ ފަހުން ވެސް ސައިކަލްގައި ދަނިކޮށް މުންނާރު ކައިރިން ދިމާވި. އެތަނުން ދިމާވެގެން ހޮނިހިރު ދުވަހު ދިމާކުރަންވާނޭ ވެސް ރިލޭ ބުނި،” ލީވާން ކިޔައިދިނެވެ.

އެ ތަނުން ދިމާވުމަށް ފަހު ރިލްވާން ދިޔައީ ހުކުރު މިސްކިތާއި ސިފައިންގެއާ ދެމެދު އޮންނަ ގޯޅިންނެވެ. އަދި ރައީސް އޮފީހުގެ ކުރިމަތިން ކަމަށް ވެސް އޭނާ ބުންޏެވެ. އެއީ އެރޭ 12:45 ހާއިރެވެ. ސައިކަލްގައި އޭނާ އެކަނި އެ ދިޔައީ ހުޅުމާލެ އަށް ދިއުމަށް ކަމަށް ލީވާން ގަބޫލުކުރެ އެވެ.

ރިލްވާންގެ ސައިކަލް
ރިލްވާންގެ ސައިކަލް މިއަދު ޕެޓްރޯލް ޝެޑް ކައިރީ ޕާކްކޮށްފައި

 

 

 

 

 

ނަމަވެސް އޭގެ ފަހުން ރިލްވާންގެ އެއްވެސް ހަބަރެއް ނުވެ ހުރުމަށް ފަހު، މިދިޔަ ހޮނިހިރު ދުވަހު ލިބުނު ހަބަރަކީ އޭނާ ގެއްލިގެން ހޯދާ ވާހަކަ އެވެ. ވީގޮތެއް އަދިވެސް ނޭނގެ އެވެ. ލީވާންގެ އިތުރުން ރިލްވާންގެ އާއިލާގެ މީހުން ވެސް ބުނި ގޮތުގައި، ފަހަކަށް އައިސް އާދަޔާ ހިލާފު އެއްވެސް ކަމެއް އޭނާ އަށް ދިމާވެފައެއް ނެތެވެ. އަދި އެފަދަ ވާހަކައެއް ވެސް ހިއްސާކޮށްފައެއް ނެތެވެ.

“އޭނާއަކީ ވަރަށް އެކަހެރިކޮށް އުޅުމަށް ލޯބިކުރާ ކުއްޖެއް. ގިނަ ހަފުތާބަންދުތަކުގައި ފޯނު ނުވެސް ނަގާނެ އަދި ފޯނު ނިއްވާލާފައި ވެސް އޮވޭ. އެހެންވެ އަޅުގަނޑުމެން ވެސް މިދިޔަ ހަފުތާގެ ބަންދުގައި މާބޮޑަށް އަޅައެއް ނުލަން. އާދީއްތަ ދުވަހު ވެސް ހަބަރެއް ނުވޭ. އަދި ފޯނު ވެސް އޮންނަނީ ނިއްވާލާފައި. ޓްވީޓް ވެސް ނުކުރާތީ އަޅުގަނޑުމެން ހުޅުމާލެ އަށް ގޮސް އޭނާ އުޅޭތަން ބެލީ. ބެލިއިރު އެތަނުގައި އޭނާ ނެތުމުން ޕޮލިހަށް ރިޕޯޓްކުރީ،” ރިލްވާންގެ އެއްބަނޑު ދައްތަ، ފާތުމަތު ޝެހެނާޒު ބުންޏެވެ.

ރިލްވާން ގެއްލުނުކަން އާއިލާއިން ރިޕޯޓްކުރީ އަންގާރަ ދުވަހު އެވެ. އޭގެ ފަހުން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންގެ އިތުރުން އާއިލާއިން ވެސް ދަނީ ކުރަމުންނެވެ.

ލިބުނު އިންޒާރުތައް
ނޫސްވެރިންނަށް ވަރަށް ފަހުން މަރުގެ އިންޒާރުގެ އެސްއެމްއެސްތަކެއް ލިބުނު ނަމަވެސް، އެ މެސެޖެއް ރިލްވާނަށް އަދި މިނިވަން ނޫހުގެ އެއްވެސް ނޫސްވެރިއަކަށް ނުލިބޭ ކަމަށް ޒަހީނާ ވިދާޅުވި އެވެ. ނަމަވެސް މީގެ ކުރިން ދީނީ ހަރުކަށި މީހުންގެ ފަރާތުން މަރުގެ އިންޒާރާއި ބިރު ދެއްކުން ރިލްވާނަށް ލިބިފައި އެބަހުއްޓެވެ.

“އަޅުގަނޑަށް އެނގިފައިވާ ގޮތުގައި އެންމެ ފަހުން އޭނާ އަށް އިންޒާރެއް ލިބިފައިވަނީ މޭ މަހު 28 ގައި. އެއީ ސީރިއާގައި ޖާނުން ފިދާވެގެން ހަމަލާދިން ދިވެހި މީހާގެ މައްސަލައާ ބެހޭ ގޮތުން އޭނާ މިނިވަން ނިއުސްގައި ލިޔުނު ލިޔުމަކާ ގުޅިގެން. އެފަހަރު އެ ޖަމާއަތުން (ބިލާދު އައްޝާމް) އޭނާ އަށް އިންޒާރު ދިން،” ލީވާން ބުންޏެވެ.

ދީނީ ގޮތުން ހަރުކަށި ފިކުރުގެ “ޑޮޓް” ގްރޫޕާ، ރިލްވާން ގުޅުން ވެސް އޮތެވެ. ނަމަވެސް އެ ގުޅުން މީގެ އަހަރުތަކެއް ކުރިން ފެށިގެން ކެނޑިފައިވާ ކަމަށް އޭނާގެ އެކުވެރިންނާއި ތިމާގެ މީހުން ބުންޏެވެ. އޭނާ ޑޮޓް ގްރޫޕުން ވަކިވީ، އެ ގްރޫޕްގެ ބައެއް އުސޫލްތައް މާބޮޑަށް ހަރުކަށިކަމުން، އެކަން ގަބޫލު ނުކުރެވިގެން ކަމަށް ލީވާން ބުންޏެވެ.

“އެއަށް ފަހު އެ މީހުންގެ ފަރާތުން އެކި އިންޒާރުތައް އާދޭ. އަދި ރިލޭގެ ޓްވީޓްތަކާއި ބްލޮގްތައް ހުންނަ ގޮތުން، އޭނާއަކީ އެތީސްޓެއް ކަމަށް ބައެއް މީހުން ބުނޭ. އެހެންވެ މަރުގެ އިންޒާރު ވެސް ދޭ. ބިރުވެސް ދައްކާ،” ލީވާން ބުންޏެވެ.

ދީނީ ގޮތުން މިފަދަ ތުހްމަތުތައް ކުރިއަސް، ރިލްވާނަކީ އިސްލާމް ދީނަށް ލޯބިކުރާ، ބަރާބަރަށް ނަމާދު ވެސް ކުރާ މީހެއް ކަމަށް ލީވާނުގެ އިތުރުން އާއިލާއިން ވެސް ބުންޏެވެ.

“[ނަމަވެސް] އޭނާއަކީ ކެޕިޓަލް ޕަނިޝްމަންޓާ [މަރުގެ އަދަބު] ދެކޮޅު މީހެއް. ހިއުމަން ރައިޓްސް އަށް ލޯބިކުރާ މީހެއް. އެހެންވެ، ކެޕިޓަލް ޕަނިޝްމަންޓާ ދެކޮޅު ވާހަކަތައް ލިޔާނެ. އެކަމާ ބައެއް މީހުން އޭނާ ދެކެ ރުޅިއާދޭ. ނަމަވެސް އެއީ އޭނާ ގެއްލުމުގެ ސަބަބެއް ކަމަކަށް އަޅުގަނޑު ނުދެކެން،” ލީވާން ބުންޏެވެ.

ރިލްވާންގެ ޑިޕްރެޝަން ހުރޭ
އޭނާގެ އާއިލާ އާއި ބައެއް އެކުވެރިން ބުނި ގޮތުގައި ރިލްވާނަކީ ޑިޕްރެޝަނަށް ބޭސް ވެސް ކުރާ މީހެކެވެ. އަދި ގޭސްޓްރިކަށް ވެސް ފަރުވާ ހޯދައެވެ.

“އެ ދެ ކަންތަކަށް ވެސް އޭނާ ދަނީ ބޭސް ބޭނުން ކުރަމުން. އެކަން ވެސް އެނގުނީ ވަރަށް ފަހުން،” އޭނާގެ ދައްތަ ފާތުމަތު ޝެހެނާޒު ބުންޏެވެ.

ނަމަވެސް މަރުވެދާނެ ފަދަ ކަމެއް އޭނާ އަމިއްލަ އަށް ނުކުރާނެ ކަމަށް އޭނާގެ އެންމެ އެކުވެރި ލީވާނާއި، ޒިޔާއު ވެސް ގަބޫލުކުރެ އެވެ.

“ޑިޕްރެޝަން ހުއްޓަސް މި ފަހަކަށް އައިސް އެ ކަހަލަ ކަމެއް ދިމާ ނުވާތާ ދުވަސް ގަނޑެއް ވެއްޖެ. އާންމުކޮށް ޑިޕްރެޝަނަށް ދަނީ ވެސް، ބިރު ދެއްކުން ކަހަލަ ކަންކަން ކުރިމަތިވީމާ. އެކަމަކު އޭނާ ސުއިސައިޑެއް ނުވާނެ ކަން ޔަގީން،” ލީވާން ކިޔައިދިނެވެ.
ރިލްވާން: އޭނާ ގެއްލުނުތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސްވަނީ ވެފައި. –ފޮޓޯ: ޕޮލިސް
ރިލްވާން: ކުރިން “ޑޮޓް” ގްރޫޕުގައި އުޅުނު.

ތަހްގީގު
ފުލުހުން ބުނި ގޮތުގައި ރިލްވާން ހޯދުމުގެ މަސައްކަތް ވަރަށް ހާއްސަ ސަމާލުކަމެއް ދީގެން ފުލުހުން ދަނީ ކުރަމުންނެވެ. އޭނާ އެންމެ ފަހުން ފޯނުން ކޮށްފައިވާ މުއާމަލާތްތައް ބަލަމުން ދާއިރު، އޭނާ އެންމެ ފަހުން އުޅުނު ސަރަހައްދުތަކުގެ ސީސީޓީވީ ފުޓޭޖްތައް ހޯދަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުންގެ ކުރީގެ ސީނިއާ އޮފިސަރަކު ވިދާޅުވި ގޮތުގައި ރިލްވާން ކިޑްނެޕްކޮށްފައި ވުން އެކަށީގެންވެ އެވެ. މި ހާލަތުގައި ބަލަން ޖެހޭނީ މީހަކު މަރާލިކަމުގެ މައްސަލައެއް ތަހްގީގުކުރާ އުސޫލުން ކަމަށާއި ރިލްވާން އެންމެ ފަހުން ފޯނުން މުއާމަލާތް ކޮށްފައިވަނީ ކޮން ސަރަހައްދެއްގައި ހުރެގެން ކަން ވެސް ހޯދޭނެ ގާބިލްކަން ފުލުހުންގެ ތެރޭގައި ހުންނާނެ ކަމަށް އޭނާ ބުންޏެވެ.

“މުވާސަލާތީ ޓެކްނޮލޮޖީގެ ކުރިއެރުން ހުރި ވަރުން ރިލްވާން އެންމެ ފަހުން މެސެޖްކޮށްފައިވަނީ އަދި ފޯން ކޮށްފައިވަނީ މާލޭގެ ކޮން ހިސާބަކުން ކަން ފުލުހުންނަށް ހޯދޭނެ. އެއީ ވެސް ތަހްގީގަށް ލިބޭނެ ކުރިއެރުމެއް،” އޭނާ ވިދާޅުވި އެވެ.

މިމަހުގެ ހަތް ވަނަ ދުވަހުގެ ރޭ ރިލްވާން ހުޅުމާލެ އަށް ދިޔަ ކަމެއް ކަށަވަރެއް ނުކުރެވެ އެވެ. އޭނާގެ އާއިލާއިން ވެސް ބުނި ގޮތުގައި އެރޭ އޭނާ ފެރީއަށް އަރާފައެއް ނެތެވެ. ޝެހެނާޒު ބުނީ ފެރީ ޓާމިނަލްގެ ސީސީޓިވީ ކެމެރާތަކުގެ ފުޓޭޖް އެ އާއިލާއިން ވެސް ވަނީ ބަލައިފާ ކަމަށެވެ.

“އެހެންވެ އަޅުގަނޑުމެން މި ތިބެނީ އޭނާ އަށް ވީ ގޮތެއް ނޭނގިގެން، ފިކުރު ބޮޑުވެފައި. އަޅެ އޭނާ ހޯދައިދީބަލަ،” ރޮވިފައި ޝެހެނާޒު ބުނެލި އެވެ.

ރިލްވާން ހޯދުމަށްޓަކައި އޭނާގެ އާއިލާ އާއި އެކުވެރިން އިއްޔެ ހެނދުނުން ފެށިގެން އިރު އޮއްސެންދެން ހުޅުމާލޭގައި ވެސް އަތްފުނާ އެޅި އެވެ. ނަމަވެސް “އެއްވެސް ތަނެއްގައި އޭނާ ނެތް” ކަމަށް ޝެހެނާޒު ބުންޏެވެ.

މިއީ މިފަދަ ގޮތަކަށް މީހަކު ގެއްލުނު ފުރަތަމަ ފަހަރެވެ. އަދި ނޫސްވެރިޔަކަށް ކުރިމަތިވި މިފަދަ ފުރަތަމަ ހާދިސާއެވެ. ރިލްވާންގެ އާއިލާ އާއި އެކުވެރިންގެ އެދުމަކީ އޭނާ ސަލާމަތުން އެނބުރި އައުމެވެ. އަދި ބަޔަކު އޭނާ ކިޑްނެޕްކޮށްފައި ވާނަމަ، އެ މީހުންގެ އާދޭހަކީ އޭނާ ދޫކޮށްލަ ދިނުމެވެ.