August 20, 2014
މިނިވަން ނިއުސްގެ ޖާނަލިސްޓް އަހުމަދު ރިލްވާން ހޯދުމަށް ފުލުހުން ކުރަމުން އަންނަ މަސައްކަތް ފުޅާކޮށް ހުޅުމާލޭގެ ކަނޑުގެ ސަރަހައްދު މިއަދު ބަލަން ފަށާފައިވާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
ރިލްވާން ގެއްލުނުތާ ދެ ހަފްތާ ވާން ކައިރިވެފައި ވާއިރު އޭނާ ހޯދުމަށް ސަރުކާރުން ކުރާ މަސައްކަތާ ގުޅޭ ގޮތުން ނޫސްވެރިންނާ ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ ފުލުހުންގެ ހުރިހާ ވަސީލަތްތަކެއް އޭނާ ހޯދުމުގެ މަސައްކަތުގައި މިހާރު ބޭނުން ކުރަމުން އަންނަ ކަމަށާއި އެ މައްސަލަ މިހާރު ބަލަމުން އަންނަނީ ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ކަމަށެވެ. އަދި ފުލުހުންގެ ތަހުގީގަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލައި، އެމްއެންޑީއެފްގެ ޑައިވަރުންނާއި ފުލުހުންގެ ޓީމެއް ގުޅިގެން ހުޅުމާލޭގެ އުރަފަށް ކައިރިން ކަނޑުގެ ސަރަހައްދު މިއަދު ބަލަން ފަށާފައިވާ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
“މިކަމުގައި ފުލުހުންގެ މުއައްސަސާގައި ތިބި އެންމެ ގާބިލް 40 ބޭފުޅުންގެ ޓީމެއް ހަރަކާތްތެރިވެ ވަޑައިގަންނަވާ. އެމްއެންޑީއެފްގެ ޑައިވަރުންގެ އެހީތެރިކަމާ އެކު އަޅުގަނޑުމެންގެ ސާޗް އޮޕަރޭޝަން މިހާރު މިވަނީ ފުޅާ ކުރެވިފައި. ތަހުގީގުގެ ތެރެއިން ހުޅުވޭ ދޮރުތަކަށް ބަލައި ފުލުހުންގެ އިންވެސްޓިގޭޝަން މި އަންނަނީ އެ ހުރިހާ ދިމާލަކަށް ފުޅާކުރަމުން،” ހޯމް މިނިސްޓްރީގައި ބޭއްވި ނިއުސް ކޮންފަރެންސްގައި އުމަރު ވިދާޅުވި އެވެ.
ރިލްވާން ގެއްލުނު މައްސަލާގައި ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.—ހަވީރު ފޮޓޯ: ނިޝާން އަލީ
ރިލްވާން ގެއްލުނު މައްސަލާގައި ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.—ހަވީރު ފޮޓޯ: ނިޝާން އަލީ
އޭނާ ވިދާޅުވީ ހުޅުމާލެ އާއި މާލޭގެ ވަރަށް ގިނަ ތަންތަން ފުލުހުން މިހާރު ބަލާ ހޯދާފައިވާ އިރު، އެ މައްސަލައާ ގުޅުން ހުރި ބައެއް ތަންތަނަށް ކޯޓު އަމުރެއްގެ ދަށުން ރެ އާއި އިއްޔެ ވެސް ފުލުހުން ވަދެ ފާސްކޮށްފައިވާ ކަމަށެވެ. މިއަދު ވެސް ބައެއް ތަންތަނަށް ފާސްކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މި މައްސަލައާ ގުޅިގެން ސަރުކާރުގެ ފަރާތުން އެޅެން ހުރި ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަގީންކަން ހޯމް މިނިސްޓަރު ދެއްވި އެވެ.
“މިކަމުގައި ސަރުކާރަށް ދެވެން އޮތް އެންމެ ބޮޑު އިސްކަމެއް ދޭނަން. މިކަމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރާނެ ކަމެއް. މި މައްސަލައާ ގުޅިގެން ސަރުކާރުގެ ކަންބޮޑުވުންތައް ވަރަށް ބޮޑު،” އުމަރު ވިދާޅުވި އެވެ.
ރިލްވާންގެ މައްސަލައިގައި މައުލޫމާތު ލިބޭނެ ހުރިހާ ދިމާލެއް ފުލުހުން ބަލާކަން ފާހަގަ ކުރައްވާ އުމަރު ވިދާޅުވީ ރިލްވާނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ އެކަން ފުލުހުންނާ ވީ އެންމެ އަވަހަކަށް ހިއްސާ ކުރުމަށެވެ. އަދި އެ މައުލޫމާތެއް އާންމު ކުރުމުގެ ކުރިން ފުލުހުންނާ އެކަން އެންމެ ފުރަތަމަ ހިއްސާ ކުރުމަށް ވެސް އުމަރު އެދިވަޑައިގެންނެވި އެވެ.
މި މަހުގެ ހަތް ވަނަ ދުވަހުގެ ރެއިން ފެށިގެން ރިލްވާން ގެއްލިފައިވާ އިރު އޭނާ އެންމެ ފަހުން ފެނިފައި ވަނީ ހުޅުމާލޭ ފެރީ ޓާމިނަލަށް ވަންނަނިކޮށް އެރޭ 12:45ގަ އެވެ. އެއީ ޓާމިނަލްގެ ސީސީޓީވީ ފުޓޭޖުންނެވެ.