August 18, 2014
ގެއްލިގެން ހޯދަމުން އަންނަ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގާ ވަރަށް ކަންބޮޑުވާ ކަމަށާއި ރިލްވާން ހޯދުމުގައި ކުރެވެން އޮތް ހުރިހާ ކަމެއް ކުރުމަށް ކަމާބެހޭ ފަރާތްތަކުގެ ކިބައިން އެދޭ ކަމަށް ނޫސްވެރިންގެ ހައްގުގައި މަސައްކަތްކުރީ ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ބުނެފި އެވެ.
އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް ކްރިސްޓޮފާ ޑެލޯރް ވިދާޅުވެފައިވަނީ ރާއްޖޭގައި ނޫސްވެރިއަކު ގެއްލިގެން އުޅޭތީ އެކަމާ އެ ޖަމިއްޔާއިން ވަރަށް ކަންބޮޑުވާކަމަށާއި ވީއެންމެ އަވަހަކަށް ރިލްވާން ހޯދުމަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރުމަށް ކަމާބެހޭ ފަރާތްތަކުގެ ކިބައިން އެދޭ ކަމަށެވެ.
ރިލްވާން ގެއްލިގެން އުޅޭ މައްސަލައިގާ މިނިވަން ނޫހުން އެންމެފަހުން ބުނެފައިވަނީ ރިލްވާން ހޯދުމަށް އެ ނޫހުން މިހާތަނަށް އެއްކުރި މައުލޫމާތަށް ބަލާއިރު ބަޔަކު އޭނާ “ވަގަށް ނެގީ” ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ. އަދި ރިލްވާން ގެއްލުނު ރޭ ދަންވަރު އޭނާ ދިރިއުޅޭ އެޕާޓްމެންޓްގެ ކައިރިން މީހަކަށް ބިރުދައްކައިގެން ވެހިކަލެއްގައި ގެންގޮސްފައިވާ އިރު، އެއީ ފެރީން ހުޅުމާލެ ދިއުމަށް ފަހު އޭނާ ގެއަށް ދެވޭނެ ގަޑިއެއް ކަމަށް އެ ނޫހުން ބުނެއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ރިލްވާންގެ ފޯންގެ ސިގްނަލް އެންމެ ފަހުން ލިބުނީ ހަތް ވަނަ ދުވަހުގެ ރޭ މެންދަމު 2:30 ގައި ހެންވޭރުގެ ސަރަހައްދަކުންނެވެ. އަދި އެންމެ ފަހުން ފޯން ކޯލެއް ކޮށްފައިވަނީ އެރޭ 10:19 ގަ އެވެ. ނަމަވެސް އެ ކޯލްކޮށްފައި ވަނީ ކާކަށް ކަމެއް ފުލުހުން ނުބުނެ އެވެ.
އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ އެ މައުލޫމާތެއް ފުލުހުންގެ އިމަޖެންސީ ނަމްބަރު 119 އަށް ނުވަތަ 3322111 ނަމްބަރާއި 9911099 ނަމްބަރަށް ގުޅައިގެން ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.