#findmoyameehaa

Ahmed Rilwan (@moyameehaa)

Ahmed Rilwan Abdulla (@moyameehaa) a Maldivian Journalist has been missing since 8 August 2014. He was last seen on CCTV at the Hulhumale' ferry terminal.

He was wearing a black shirt, black trousers, black shoes with white soles and carrying a black backpack.
Rilwan is 28 years old, of medium build and 5 feet 10 inches tall, sporting a short beard and moustache.

ރިލްވާން ހޯދުމަށް އޭނާގެ އާއިލާއިން މަޖިލީހުގެ އެހީތެރިކަމަށް އެދިއްޖެ

ގެއްލިގެން ހޯދަމުންދާ އަހްމަދު ރިލްވާން ހޯދުމަށް މަޖިލީހުގެ ތެރެއިން އެޅެން ހުރި ހުރިހާ ފިޔަވަޅުތަކެއް އަޅުއްވައި ދެއްވުމަށާއި މިމައްސަލައިގައި ހަގީގަތް އޮޅުން ފިލުއްވައިދިނުމަށް އެދި އޭނާގެ އާއިލާ އިން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ ކިބައިން އެދިވަޑައިގެންފި އެވެ.

ރިލްވާންގެ އާއިލާއިން މިކަމަށް އެދުނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް މިއަދު އެ އާއިލާގެ ފަރާތުން ރިލްވާންގެ މަންމަ ފޮނުވި ސިޓީއެއްގަ އެވެ. ރިލްވާންގެ އާއިލާ އިން ބޭނުންވީ މި ސިޓީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އަތްޕުޅަށް އެރުވުމަށެވެ. ނަމަވެސް އާއިލާއަށް އެ ފުރުސަތު ނުލިބުމުން މިސިޓީ ވަނީ މަޖިލީހުގެ އިދާރާއަށް ފޮނުވާފަ އެވެ.

މިސިޓީގައި ބުނެފައިވަނީ އުމުރުން 28 އަހަރުގެ ރިލްވާން މިމަހުގެ އަށްވަނަ ދުވަހުން ފެށިގެން ވީނުވީ ތަނެއް ނޭނގި ގެއްލިފައިވާތީ މިމަހުގެ 13 ވަނަ ދުވަހު އެމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ރިލްވާނަކީ މިނިވަން ނޫހުގެ ނޫސްވެރިއެކެވެ. އަދި އަމިއްލަ ހައިސިއްޔަތުން ދިވެހިރާއްޖޭގެ އިންސާނުންގެ ހައްގުތަކުގެ ހާލަތާއި ބެހޭގޮތުން ލިޔުންތައް ލިޔާ ސޯޝަލް މީޑީއާގެ އެކްޓިވިސްޓެކެވެ.

ރިލުވާންގެ މަންމަގެ ސިޓީގައި ބުނެފައިވަނީ އޭނާގެ ލިޔުންތަކާއި ހިޔާލުތަކާއި ގުޅިގެން ވޭތުވެދިޔަ ތަނުގައި ގޮތްނޭނގޭ ފަރާތްފަރާތުން އޭނާއަށް މަރުގެ އިންޒާރު ފޮނުވާފައިވާ ކަމަށާއި މިފަދަ މައުލޫމާތާއި ރިލުވާންގެ ދިރިއުޅުމާ ބެހޭ މައުލޫމާތުތައް އާއިލާގެ ފަރާތުން ފުލުހުންނާ ހިއްސާކޮށްފައިވާނެ ކަމަށެވެ.

“މިކަންކަމާއެކުގައި ރިލްވާން މިހާ ދިގު މުއްދަތަކަށް ގެއްލިގެން ގޮސްފައިވުމަކީ ރިލްވާނުގެ މައިންބަފައިންނާއި އާއިލާ އަދި ރަހުމަތްތެރިން އަދި މުޖުތަމައުން އިންތިހާއަށް ކަންބޮޑުވެ ބިރުގަންނަ ކަމެކެވެ. އަދި ރިލްވާން ހޯދުމަށްޓަކައި އޭނާގެ ރައްޓެހިންނާއި އާއިލާއާއި ހެޔޮއެދޭ ފަރާތްތަކުން މިހާރުވެސް ހުއްޓުމެއްނެތި އެތައް މަސައްކަތެއް ކުރަމުން އެބަ ގެންދެއެވެ،” ސިޓީގައިވެ އެވެ.

ސިޓީގައި ބުނެފައިވަނީ ރިލްވާންގެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުން އެމައްސަލަ ބަލަމުންދާ ކަމަށް އާއިލާއަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް މިހާލަތުގެ ސީރިއަސްކަމާއި، މިއަދުގެ މުޖުތަމައުގައި ޒުވާނުންނާ ދޭތެރޭ ހިންގޭ “އަދުލުކުޑަ” މާރާމާރީއާއި. މަރާލުމުގެ ހާދިސާތަކާއި، ރަހީނު ކުރުމުގެ ހާދިސާތަކާއި، ޒުވާން ލިޔުންތެރިންނަށާއި ނޫސްވެރިންނަށް ގޮތްނޭނގޭ ފަރާތްތަކުން ފޮނުވާ މަރުގެ އިންޒާރުތަކާއެކުވެސް މިމައްސަލައިގެ ތަހުގީގައި އިތުރު ކުރިއެރުމެއް ލިބިފައިވާކަމެއް ނުވަތަ އެދެވޭ މަސައްކަތްތަކެއް ކުރެވެމުންދާކަމުގެ ތަފްސީލް ފުލުހުންގެ ފަރާތުން އާއިލާއާ ހިއްސާކޮށްފައި ނުވާ ކަމަށް ވެސް ސިޓީގައިވެ އެވެ.

ރިލްވާންގެ މައްސަލައިގައި އިދިކޮޅު އެމްޑީޕީން މަޖިލީހުގައި މިހާތަނަށް ކޮށްފައިވާ މަސައްކަތްތައް ވެސް ސިޓީގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން އެމްޑީޕީގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހްމީ ރިލްވާންގެ މައްސަލައިގައި މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައާއި މަޖިލީހުގެ ތިން ކޮމިޓީއަކަށް ހުށަހެޅި މައްސަލަ ފާހަގަކޮށްފައިވެ އެވެ.

“ވީމާ ރައްޔިތުންގެ މަޖްލިސްގެ ރައީސްގެ ހައިސިއްޔަތުން މަޖްލިސް މެދުވެރިކޮށް މިމުހިއްމު މައްސަލައަށް އިސްކަމެއް ދެއްވާ ދިވެހި ރައްޔިތުންގެ ހައްގުގައްޓަކާ މިމައްސަލައިގެ ހަގީގަތްތައް އޮޅުންފިލުވުމަށްޓަކައި ދިވެހިރާއްޖޭގެ ޕޮލިސް ކޮމިޝަނަރާ ސުވާލުކުރައްވާ، އަޅުގަނޑުމެންގެ ދަރިފުޅު އަހްމަދު ރިލުވާންގެ ހާލު ސާފުކޮށްދެއްވުމަށް އާދޭހާއެކު ދަންނަވަމެވެ. އަދި މިކަމުގައި މަޖްލީހުގެ ތެރެއިން އެޅެންހުރި ހުރިހާ އަވަސް ފިޔަވަޅުތައް އެޅުއްވުމަށް އެދި ދަންނަވަމެވެ،” ސިޓީ ނިންމާލަމުން ބުނެފައިވެ އެވެ.