#findmoyameehaa

Ahmed Rilwan (@moyameehaa)

Ahmed Rilwan Abdulla (@moyameehaa) a Maldivian Journalist has been missing since 8 August 2014. He was last seen on CCTV at the Hulhumale' ferry terminal.

He was wearing a black shirt, black trousers, black shoes with white soles and carrying a black backpack.
Rilwan is 28 years old, of medium build and 5 feet 10 inches tall, sporting a short beard and moustache.

ރިލްވާން ހޯދައިދިނުމަށް އާއިލާ އިން މަޖިލީހުގައި އެދިއްޖެ

މީގެ 17 ދުވަސް ކުރިން ވީނުވީއެއް ނޭނގި ގެއްލުނު މިނިވަން ނިއުސްގެ ޖާނަލިސްޓު އަހުމަދު ރިލްވާން ހޯދައިދިނުމަށް އެދި އާއިލާ އިން ރައްޔިތުންގެ މަޖިލީހަށް މިއަދު ސިޓީއެއް ހުށަހަޅައިފި އެވެ.

އެ ސިޓީ ހުށަހެޅުމަށް މިއަދު ރިލްވާންގެ މަންމަ އައިމިނަތު އީސާ، 67، އާއި އާއިލާގެ އެހެން މެމްބަރުންނާއި ހެޔޮއެދޭ ބައެއް ފަރާތްތަކުން ވަނީ މަޖިލިސް އިދާރާ ކައިރިއަށް އެއްވެފަ އެވެ. ރިލްވާން ހޯދައިދިނުމަށް އެދި ޝުއޫރުފާޅުކޮށްފައިވާ ލިޔުންތަކާ އެކު މަޖިލީސް ކައިރި އަށް އެއްވުމުން ފުލުހުން ވަނީ އެތަނުގައި ނުތިބެވޭނެ ކަމަށް ބުނެ އެ ސަރަހައްދުން އެ މީހުން ފޮނުވާލައިފަ އެވެ.

މަޖިލިސް ކައިރި އަށް އެއްވީ ރިލްވާންގެ މައްސަލަ މިހާރަށް ވުރެ ބޮޑަށް މަޖިލީހުގެ މެމްބަރުންގެ ވެސް ސަމާލުކަމަށް ގެނައުމަށް ކަމަށާއި އެތަނުގައި އަޑުގަދަކޮށް މުޒާހަރާ ނުކުރާނެ ކަމަށް އާއިލާ އިން ބުނަމުން ދަނިކޮށް ފުލުހުން ވަނީ އެތަނުގައި ތިބި މީހުން، ވެލާނާގޭ ފުރަގަހުން ޓްރެފިކް ލައިޓާ ދިމާލަށް ޖަހާފައިވާ ބެރިކޭޑާ ހަމައަށް ފަހަތަށް ޖައްސައިފަ އެވެ.

މަޖިލީހަށް ސިޓީ ހަވާލުކުރުމަށް ފަހު ރިލްވާންގެ މަންމަ އާއި އާއިލާގެ މެމްބަރުން ރޮނީ. –ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން
މަޖިލީހަށް ސިޓީ ހަވާލުކުރުމަށް ފަހު ރިލްވާންގެ މަންމަ އާއި އާއިލާގެ މެމްބަރުން ރޮނީ. –ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން
ސިޓީ ހުށަހެޅުމަށް ފަހު ރިލްވާންގެ ބޭބެ މޫސާ ރިލްވާން ބުނީ މަޖިލީސް ކުރާ ގޭ ދޮށަށް އެއްވީ ކޮއްކޮ ގެއްލިގެން އުޅޭ މައްސަލާގައި މަޖިލީހުން ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދިނުމަށް އެދި ސިޓީއެއް ހުށަހެޅުމުގެ އިތުރުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާ ބައްދަލުކުރުމަށް ކަމަށެވެ. އެހެން ނަމަވެސް އެ ފުރުސަތު ނުލިބުނު ކަމަށް ވެސް އޭނާ ބުންޏެވެ.

“މިހާތަނަށް 17 ދުވަސް ވެގެންދިޔައިރު އެއްވެސް އަލިމަގެއް އަޅުގަނޑުމެންނަކަށް ނުފެނުނު. އަޅުގަނޑުމެން މިބުނަނީ ސަރުކާރުން ވެސް ކުރެވެން ހުރި ކަމެއް ކޮށްދީގެން މަޖިލީހުން ވެސް މިކަމަށް ކުރެވެން ހުރި ކަމެއް ކޮށްދޭށޭ ކޮއްކޮ ހޯދައިދޭން،” އޭނާ ވިދާޅުވި އެވެ.

އޭނާ ބުނިގޮތުގައި ރިލްވާން ހޯދަން އެކަށީގެންވާ މަސައްކަތްތަކެއް ފުލުހުން ވެސް ކޮށްފައިވާ ކަމަކަށް އާއިލާ އަށް ގަބޫލެއް ނުކުރެވެ އެވެ. ރިލްވާން ގެއްލުމާ ގުޅޭގޮތުން ރައީސް އަބްދުﷲ ޔާމީނާ ބައްދަލުކުރުމުގެ ފުރުސަތަކަށް އެދުނު ނަމަވެސް އެ ފުރުސަތު އަދި ނުލިބޭ ކަމަށް ވިދާޅުވި އެވެ.

“އަޅުގަނޑުމެން މިތަނަށް މިއައީ އެއްގޮތަކަށް ވެސް މުޒާހަރާކޮށް ހަމަނުޖެހުން ހިންގާކަށެއް ނޫން. ރިލްވާން ގެއްލުމުން އާއިލާގެ ކަންބޮޑުވާކަން ހާމަކުރަން،” މޫސާ ރިލްވާން ބުންޏެވެ.

ފުލުހުން ބެރިކޭޑާ ހަމައަށް އެތަނުގައި ތިބި މީހުން ފަހަތަށް ޖެއްސުމުން، އެތަނުގައި ކުޑައިރުކޮޅަކު ތިބުމަށް ފަހު އާއިލާ ވަނީ އެނބުރި ގެއަށް ގޮސްފަ އެވެ.

ވީނުވީއެއް ނޭނގި ރިލްވާން ގެއްލިފައިވާއިރު، އޭނާގެ އާއިލާ އާއި މިނިވަން ނިއުސް އިން ވެސް ބުނެފައި ވަނީ ފަހަކަށް އައިސް ރިލްވާނަށް ވަރަށް ބޮޑެތި އިންޒާރުތަކާއި ޕްރެޝަރު އައިސްފައިވާ ކަމުގެ މައުލޫމާތު ލިބޭ ކަމަށެވެ. އަދި އޭނާ އަށް ބިރުދައްކާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން )އެޗްއާރުސީއެމް( އިން ވެސް ވަނީ ބުނެފަ އެވެ.

އަދި ރިލްވާން ގެއްލުނު ރޭ، ހުޅުމާލޭގައި އޭނާ ދިރިއުޅެމުން އަންނަ އެޕާޓްމެންޓް ކައިރިން ގަދަކަމުން މީހަކު ވެހިކަލަކަށް އަރުވައިގެން ގެންދިޔަ މަންޒަރު ދެ މީހަކަށް ފެނިފައިވެ އެވެ. ކާރަށް ގަދަކަމުން މީހަކު އަރުވައިގެން ދިޔައިރު، ވެއްޓުނު ކަމަށް ބެލެވޭ ވަޅިއެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް މަންޒަރު ދުށް މީހުން ވަނީ ބުނެފަ އެވެ.