August 31, 2014
މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހްމަދު ރިލްވާން، 28، ހޯދުމަށްޓަކައި އެމްޑީޕީ އަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް، އެ ޕާޓީގެ އާ ނާއިބު ރައީސް މުހައްމަދު ޝިފާޒު މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ޝިފާޒު ވިދާޅުވި ގޮތުގައި ރިލްވާން ގެއްލުނުތާ މިއަދަށް 23 ދުވަސްވެފައިވާ އިރު، އޭނާ އަށް ވީނުވީ ގޮތެއް ނޭނގުމަކީ ކަންބޮޑުވާ ކަމެކެވެ. ނަމަވެސް ދައުލަތުގެ އެއްވެސް ބަޔަކު މިކަމުގައި ކަންބޮޑުވެގެން މަސައްކަތްކުރާ ކުރާ ކަމުގެ އިހްސާސް ނުކުރެއްވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މަސައްކަތް ކުރިއަށް ގެންދިއުމަށާއި ރިލްވާން ހޯދުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނާއި އެހެން ގޮތްގޮތުން ވެސް ކުރެވެން ހުރި މަސައްކަތް އެމްޑީޕީން ކުރާނެ ކަމަށް ޝިފާޒު ވިދާޅުވި އެވެ. އެގޮތުން ރިލްވާން ގެއްލުނު މައްސަލައާ ގުޅިގެން އޭނާގެ އާއިލާ އިން ތައްޔާރުކުރަމުންދާ ޕެޓިޝަނަށް ސޮއި ހޯދުމަށް އެމްޑީޕީން މަސައްކަތް ކޮށްދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
“ގެއްލިގެން މިއުޅެނީ. ނިޒާމުގެ ތެރެއިން ގެއްލިގެން މި އުޅެނީ. މިއީ ދިވެހި ރައްޔިތެއް. މައެއްގެ ދަރިއެއް. އާއިލާއެއްގެ މެމްބަރެއް…. މިކަމުގައި އަޅުގަނޑުމެންނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން،” ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު ޝިފާޒު ވިދާޅުވި އެވެ.
މި މަހުގެ ހަތް ވަނަ ދުވަހުގެ ރޭ ގެއްލިފައިވާ ރިލްވާން ހޯދުމުގެ މަސައްކަތް ފުލުހުން ގެންދަނީ ކުރަމުންނެވެ. އަދި އެ މައްސަލައިގެ ތަހްގީގުގައި މިހާތަނަށް ހަތަރު މީހެއްގެ ޕާސްޕޯޓް ހިފަހައްޓާފައިވާ އިރު، ފުލުހުންގެ ބެލުމުގެ ދަށަށް ކާރެއް ވަނީ ގެންގޮސްފަ އެވެ. ނަމަވެސް މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރު ކުރި ކަމަށް ފުލުހުން ހާމައެއް ނުކުރެ އެވެ.
ރިލްވާން އެންމެ ފަހުން ފެނިފައިވަނީ މިމަހުގެ ހަތް ވަނަ ދުވަހުގެ ރޭ ދަންވަރު 12:45 ހާއިރު، ހުޅުމާލެ އަށް ދިއުމަށްޓަކައި ފެރީ ޓާމިނަލަށް ވަންނަނިކޮށެވެ. އޭނާ ހުޅުމާލެ އަށް ދިޔަކަން ކަށަވަރު ނުވި ނަމަވެސް، ހުޅުމާލޭގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓްގެ ކުރިމަތިން މީހަކު ގަދަކަމުން ކާރަކަށް އަރުވައިގެން ގެންދިޔަ މަންޒަރު އެރޭ މީހަކަށް ފެނިފައިވެ އެވެ. އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާއިރު، އެރޭ ކާރަށް އަރުވައިގެން ގެންދިޔައީ ރިލްވާން ކަމެއް ނޭނގެ އެވެ.