August 26, 2014
މިމަހުގެ ހަތްވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ހޯދުމަށް ހިންގާ ތަހުގީގާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ހޯމް މިނސްޓަރު އުމަރު ނަސީރާ ޕޮލިސް ކޮމިޝަނަ ހުސައިން ވަހީދު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމިޓީއަށް ހާޒިރުކުރުމަށް އެކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
ކޮމިޓީން މިގޮތަށް ފާސްކޮށްފައިވަނީ ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި ނުވަ މެންބަރުންގެ އިއްތިފާގުންނެވެ.
ރިލްވާންގެ ތަހުގީގުގެ މައްސަލައާ ގުޅޭގޮތުން ހޯމް މިނިސްޓަރު އަދި ސީޕީ ކޮމިޓީއަށް ހާޒިރުކުރުމަށް ހުށަހެޅުއްވީ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު އެވެ. އޭނާގެ މި ހުށައެޅުއްވުމަށް ތާއީދުކުރެއްވީ ޕީޕީއެމްގެ ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލު އުސްމާން އެވެ.
ގައުމީ ސަލާމަތުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އަބްދުﷲ ރިޔާޒު (ވ) ގައި ވާހަކަދައްކަވަނީ — ވީފޮޓޯ: ރުޝްދާ ރަޝީދު
އަބްދުﷲ ރިޔާޒު ވިދާޅުވީ ހޯމް މިނިސްޓަރާ ސީޕީގެ އިތުރުން މިމައްސަލައިގެ ތަހުގީގުއި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކެއް ކޮމިޓީއަށް ހާޒިރުކުރުމަށް ހުށަހަޅުއްވާ ކަމަށާއި، މި މައްސަލައިގެ ތަހުގީގު މިހާރު ހިނގަމުން ދާތީ ކޮމިޓީގެ މި މަސައްކަތް ސިއްރުކުރުމަށް ހުށައަޅުއްވާ ކަމަށެވެ. އެހެންނަމަވެސް ކޮމިޓީ ސިއްރުކުރުމަށް ރިޔާޒު ހުށައެޅުއްވި ހުށަހެޅުއްވުމަށް ވޯޓަށް އަހާފައެއް ނުވެ އެވެ.
“ތަހުގީގުގައި މަސައްކަތް ކުރާ ފަރާތްތަކާ ސުވާލުކުރުން އެންމެ ރަގަޅުގޮތަކީ، އަދި ހިނގަމުންދާ ތަހުގީގެއް ވީމަ ސިއްރު މައްސަލައެއް ގޮތުގައި މައްސަލަ ބެލުމަކީވެސް މުހިއްމު ކަމެއް” ކުރީގެ ސީޕީ ރިޔާޒު ވިދާޅުވި އެވެ.
ކޮމިޓީ ބައްދަލުވުމުގައި އެމްޑީޕީގެ މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ ހުށަހެޅުއްވީ މިމައްސަލަ އާންމު ރައްޔިތުންނަށް ފެންނާނެހެން ހާމަކަން ބޮޑުގޮތެއްގައި ކުރިއަށް ގެންދިއުމަށެވެ.
މާރިޔާ ވިދާޅުވީ މިމައްސަލައަކީ ރައްޔިތުންނާ ވަރަށް ބޮޑަށް ގުޅުންހުރި މަައްސަލައަކަށް ވާތީ މިމައްސަލައާ ގުޅޭގޮތުން ކުރެވޭ މުއާމަލާތްތައް ރައްޔިތުންނަށް އިނގެންޖެހޭނެ ކަމަށެވެ.
ގައުމީ ސަލާމަތުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މާރިޔާ ވާހަކަދައްކަވަނީ — ވީފޮޓޯ: ރުޝްދާ ރަޝީދު
މާރިޔާގެ ހުށައެޅުމަށް ތާއީދުކުރެއްވީ އެމްޑީޕީގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ދީދީ އެވެ. އެހެންނަމަވެސް މިހުށަހެޅުމަށްވެސް މިއަދުގެ ބައްދަލުވުމުގައި ވޯޓަށް އަހާފައެއް ނުވެ އެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ރިލްވާންގެ މައްސަލަ ކޮމިޓީއަށް އެޖެންޑާކުރުން ލަސްވުމާއި ގުޅިގެން ޖުމްހޫރީ ޕާޓީއާ އެމްޑީޕީގެ މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
އެގޮތުން ޖުމްހޫރީ ޕާޓީގެ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދު ވިދާޅުވީ ދިވެހި ނޫސްވެރިޔަކު ގެއްލިގެން ދިވެހިން ކަންބޮޑުވުން ފާޅުކުރަމުންދާ މިދަނޑިވަޅުގައި ބޭކާރު މަސައްކަތްތަކަށް ވަގުތު ދުއްވާނުލައި މިމައްސަލައަށް އިސްކަންދީގެން ކުރިއަށް ދިއުމަކީ މުހިއްމު ކަމެއް ކަމަށެވެ.
ގައުމީ ސަލާމަތުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އަބްދުﷲ އަހްމަދު (ވ) ގައި ވާހަކަދައްކަވަނީ — ވީފޮޓޯ: ރުޝްދާ ރަޝީދު
އަބްދުﷲ އަހްމަދު ވިދާޅުވީ ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުންް ހަދަންޖެހޭ ގަވާއިދުތައް ހަދާ އާންމުކޮށްފައި ނުވާތީ މިމައްސަލައާ ގުޅޭގޮތުން ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމްއާ ސުވާލު ކުރުމަށް ކޮމިޓީއަށް މިއަދު ހާޒިރު ކުރުމުން ތަކުރާރުކޮށް އެއް ސުވާލުތަކެއް ޕީޕީއެމްގެ މެންބަރުން އޭނާއާ ކުރައްވަމުން ގެންދެވުމާއި ގުޅިގެންނެވެ.
“މިއުޅެނީ ދިވެހި ރައްޔިތަކު ގެއްލިގެން. މިއީ ބޮޑު މައްސަލައެއް. އެހެންވީމަ ބޭކާރު ގޮތުގައި ވަގުތު ދުއްވާ ނުލައި މިމައްސަލައިގެ ތަހުގީގައް ބެލުމަކީ އިސްކަމެއް ދޭންޖެހޭ ކަމެއް” އަބްދުﷲ އަހްމަދު ވިދާޅުވި އެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ޕީޕީއެމްގެ ބައެއް މެންބަރުން ވިދާޅުވީ ނޫސްވެރިޔަކު ގެއްލިގެން އުޅޭ މައްސަލައަކީވެސް ބޮޑު މައްސަލައެއް ކަމަށާއި، އެހެންނަމަވެސް އެޖެންޑާގެ ކުރީގައި އެހެން މައްސަލަތަކެއް ހިމަނާފައި ވަނިކޮށް އެމައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އަދި މީގެ ކުރިންވެސް މީހުން ގެއްލިގެން އުޅޭ މައުލޫމާތު ލިބޭ ކަމަށާއި، އެކަންކަން ކޮމިޓީން އެހާ އިސްކަމެއް ދީގެން ބަލާފައި ނުވާ ކަމަށްވެސް ޕީޕީއެމްގެ މެންބަރުން ވިދާޅުވި އެވެ.
ގައުމީ ސަލާމަތުގެ ކޮމިޓީގައި ހިމެނޭ ޕީޕީއެމްގެ ޖަމީލް އުސްމާން އާއި ސައުދު ހުސައިން ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި — ވީފޮޓޯ: ރުޝްދާ ރަޝީދު
ރިލްވާން ގެއްލުނު މައްސަލަ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ އިތުރުން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ވެސް އިދިކޮޅު އެމްޑީޕީން ވަނީ ހުށަހަޅާފަ އެވެ.