August 25, 2014
ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ އާއިލާގެ އެކި މެންބަރުން އިލްތިމާސްގެ ގޮތުގައި މިއަދު ވީޑިއޯއެއް އާންމު ކުރި އިރު އެއާއިލާގެ ބައެއް ތުއްތު ކުދިން ވެސް ވަނީ ވާހަކަ ދައްކާފަ އެވެ. އޭގެ ތެރެއިން އެއްކުއްޖަކު ބުނެ އެވެ؛ “ޕްލީޒް ކަމް ކުޑަ ކުޑަ ބޭބޭ…. ބޯޅަ އާއި ޑްރަމް ކުޅެން އާދެބަލަ،!
ރިލްވާންގެ އާއިލާއަށް ނިސްބަތްވާ ކުދިން ގޮވާލުމަކީ ގެއްލިފައިވާ އެ ކުދިންގެ ބޭބޭ ގަދަވެ ސަލާމަތުން އަވަހާ އައުމަށެވެ. އެކީގައި ކުޅެ ޖޫސްޕެޓީ ބޯން ދިއުމަށެވެ.
“މިނިވަން ނިއުސް” ގެ ނޫސްވެރިޔާ ރިލްވާން ގެއްލިފައިވާއިރު އާއިލާއިން އިން އާންމު ކުރި ވީޑިއޯ އިލްތިމާސްގައި އާއިލާގެ މެންބަރު ބުނާ ގޮތުގައި ރިލްވާނަކީ ކުޑަ ކުދިންނަށް ވަރަށް ލޯބި ކުރާ މީހެކެވެ. އަބަދުވެސް ގޭގައި އުޅޭ ކުޑަކުދިންނާއިއެކު ކުޅެ، އެ ކުދިން ބޭނުންވާ ކަންކަން ކޮށްދޭން ބާރު އަޅަ އެވެ.
” އަބަދުވެސް އެ މީހުން [ކުދިން] ބުނާ އެއްޗަކަށް ލަވައެއް ހަދާދޭނެ،” ޔޫޓިއުބްގައި މިހާރު ޝާއިއުކޮށްފައިވާ ވީޑިއޯގައި އާއިލާގެ ފަރާތުން ބުނެއެވެ. މީގެ އިތުރުން އެ ވީޑިއޯައި ރިލްވާންގެ އާއިލާއިން ބުނެފައި ވަނީ ރިލްވާނަކީ އިންސާނީ ހައްގުތަކަށް ވަރަށް ލޯބި ކުރާ ޒުވާނެއް ކަމަށާއި އޭނާ ގެ އެންމެ ހާއްސަ ކަމަކީ އެއްވެސް މީހަކަށް ދެރައެއް ލިބެން ނޭދުން ކަމަށެވެ.
“އޭނާގެ އެންމެ ހާއްސަ ކަމަކީ އޭނާގެ ފަރާތުން އިންސާނަކަށް އެއްވެސް ދެރައެއް ލިބެން ނޭދުން،” އާއިލާގެ މެންބަރަކު ބުނެލަ އެވެ.
އެ ވީޑިއޯގައި ރިލްވާންގެ މަންމަ ބުނެފައި ވަނީ ރިލްވާން ގެއްލުނުރޭ އޭނާ އެޕާޓްމަންޓަށް ދިޔައީ ރޭގަނޑު ކައިގެން ކަމަށާއި އަދި އޭނާ ގެއްލުނު ވާހަކަ އިވުމުން “ޝޮކެއް ލިބުނު” ކަމަަށެވެ.
“ގެއަށް އައިސް ކައިގެން އެރޭ ދިޔައީ…. ޝޮކެއް ޖެހިފަ މިހިރީ ކުރާނެ ކަމެއް ނޭނގިފަ. އެއީ ވަރަށް ރަނގަޅު ކުއްޖެއް!” ހިތާމައިން ފުރިގެންވާ އަޑަކުން ރިލްވާންގެ މަންމަ ބުނެ އެވެ.
ރިލްވާން ގެއްލި މިހާތަނަށް ހޯދި ހޯދުމުން އޭނާ ވަނީ ނުފެނިއެވެ. އާއިލާއާއި ފުލުހުންނާއި ނޫސްވެރިންވެސް އޭނާ ހޯދުމަށް އެކި ގޮތް ގޮތުން ދަނީ މަސައްކަތް ކުރަމުންނެވެ. އާއިލާއިން ބުނާ ގޮތުގައި ރިލްވާނަކީ ވަރަށް ސަކަ މިޒާޖެއްގެ މީހެކެވެ. އަބަދުވެސް ކޮންމެވެސް މަޖާ ވާހަކައެއް ދައްކާ ކަމަށް އާއިލާއިން ބުނެއެވެ. އަދި އޭނާއާއެކު ފިނިއަށި ތަކުގައި ދައްކާ ހެއްވާ މަޖާ ވާހަކަތައް ވަރަށް ހަނދާންވާ ކަމަށް ވެސް އާއިލާއިން ބުނެއެވެ.
ރިލްވާން ގެ އާއިލާގެ ބައެއް މެންބަރުން ބުނާ ގޮތުގައި އެ މީހުން އެދެނީ އަވަހަށް އައިސް އެކުގައި “ޖޫސްޕެޓީއެއް” ބޯން ދިއުމަށެވެ: “މިސްވަނީ ދެ މީހުން ފިނި ކޮށްލަން ތިބޭ އިރުވެސް ދައްކާނެ ވަރަށް މަޖާ ވާހަކަތައް!” އާއިލާގެ ފަރާތުން ވީޑިއޯގައި ވާހަކަ ދައްކާ މީހަކު ބުނެއެވެ. “ޖޫސް ޕެޓީބޯން ހިނގާށޭ އަބަދު ކިޔާނީ، [އޭނާއަށް] ވަރަށް މީރު އެއްޗެއް އެއީ،” އާއިލާއިން ބުނެއެވެ.
އެ އާއިލާގެ އުންމީދަކީ ރިލްވާން ސަލާމަތުން ހުރެ އެނބުރި އާއިލާ ކައިރިއަށް އުމެވެ. އެކުގައި ކުޅެ ސަމާސާ ކުރުމަށެވެ ޖޫސްޕެޓީ ބޮއެ ސަކަރާތްގަތުމަށެވެ.
” ރިލްވާން އައީމަ އެންމެ ފުރަތަމަވެސް ދާނީ އޭނާއާއި އެކު ޖޫސްޕެޓީ ބޯން!” އާއިލާގެ ޒުވާން ކުއްޖަކު ބުންޏެވެ.
އާއިލާއިން ބުނެފައި ވަނީ ރިލްވާން އެނބުރި އައުމުން އޭނާ ދެކެ އާއިލާ ލޯބިވާ މިންވަރު އެނގިގެން ދާނެ ކަމަށާއި އަ އުންމީދަކީވެސް ރިލްވާން ސަލާމަތުން ހުރެ އާއިލާ ކައިރިއަށް އައުން ކަމަށެވެ.