#findmoyameehaa

Ahmed Rilwan (@moyameehaa)

Ahmed Rilwan Abdulla (@moyameehaa) a Maldivian Journalist has been missing since 8 August 2014. He was last seen on CCTV at the Hulhumale' ferry terminal.

He was wearing a black shirt, black trousers, black shoes with white soles and carrying a black backpack.
Rilwan is 28 years old, of medium build and 5 feet 10 inches tall, sporting a short beard and moustache.

ރިލްވާނުގެ މަންމަ އާއި އާއިލާ: ސުވާލުތަކަށް ޖަވާބު ބޭނުންވެފައި

ދަރިއަކަށް ވީނުވީއެއް ނޭނގި ގެއްލުމުން ކޮންމެ މަޔަކުވެސް ކަރުނަ އަޅާ ދަރިފުޅަށް ވީނުވީއެއް ހޯދައިދިނުމަށް އެދި އާދޭސް ކުރަމުން ދާނެއެވެ. އާއިލާ ކިތަންމެ ނިކަމެތިވިޔަސް، ޝާހީ ހާންދާނަށް ނިސްބަތް ނުވިޔަސް މައެއް ދަރިއެއް ދެކެ ވާ ލޯތްބަކީ އެހެން އެއްޗަކާއި އަޅާ ނުކިޔޭނެ ފަދަ ބާރުގަދަ އެއްޗެކެވެ.

އިއްޔެ އަޅުގަނޑުމެންނަށް ފެނުނީ އެފަދަ މަންޒަރެކެވެ. މިިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެއްލިގެން އެކަމުގެ ވާހަކަ ދޭސީންނާއި ބިދޭސީން މިދަނީ ދައްކަމުންނެވެ. ނޫސްވެރިންގެ ހައްގުތައް ހިމާޔަތްކޮށް، މިނިވަން ނޫސްވެރިކަމަށް ބާރުއަޅާ ޖަމިއްޔާ ޖަމާއަތްތަކުން ވެސް ވަނީ ރިލްވާނު ގެއްލިގެން ކަންބޮޑުވުން ފާޅުކޮށް އޭނާ ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ސާރުކާރަށް ގޮވާލާފައެވެ.

ރިލްވާނުގެ ރަށްޓެހިންނާއި އާއިލާގެ އިތުރުން ސަލާމަތީ ބާރުތަކުން ވެސް ދަނީ އޭނާ ހޯދުމަށް އެކި ހިސާބުތަކުގައި އަތް ފުނާ އަޅަމުންނެވެ. ރަށްޓެހިންނާ އާއިލާ އިން ދަނީ ދަންނަ މީހުންނާއި ނުދަންނަ މީހުން ކައިރީ އޭނާ އަށް ވީގޮތެއް އެނގޭތޯ އާދޭސް ކުރަމުންނެވެ. ނަމަވެސް އެންމެ ހަގު ދަރިއަށް ވީނުވީއެއް ނޭނގިގެން އައިމިނަތު އީސާ އިހުސާސް ކުރަމުންދާ ހިތާމައަކީ އަޅުގަނޑަށް މިހެން ލިޔުމަކުން ބަޔާން ކޮށްދެވޭނެ ވަރުގެ ހިތާމައެއް ނޫނެވެ.

އުމުރުން 28 އަހަރުގެ ރިލްވާނުއަށް ވީނުވީއެއް ނޭނގި ގެއްލުނުތާ 18 ދުވަސްވީ އިރު އޭނާގެ އާއިލާ އާއި އެކުވެރިންނާއި ހެޔޮ އެދޭ ފަރާތްތަކުން އިއްޔެ ވަނީ ރައްޔިތުންގެ މަޖިލީސް ކައިރިއަށް އެއްވެ އެމީހުންގެ އިހުސާސްތައް ރައްޔިތުންގެ މަންދޫބުންނަށް އަޑު އިއްވާފައެވެ. އެއްބަޔަކު ހިފައިގެން ތިބި ބެނާ ތަކުގައި “މަޖިލިސް ޒިންމާދާރުވޭ”، “ދެން ގެއްލޭނީ އަހަރެންބާ؟”، “ރައްޔިތުންނަށް ސަލާމަތްތެރިކަން ކަށަވަރުކޮށްދީ”، “އަހަރެންގެ ރަހްމަތެރިޔާ ހޯދައިދީ ތަހުގީގު އަވަސްކުރޭ” އަދި “ފުލުހުން ޖަވާބުދާރީކުރުވާ” ލިޔެފައިވެއެވެ.

ރިލްވާނުގެ މަންމަ އައިމިނަތު އީސާ ވެސް ވަނީ އޭނާގެ ހިތުގެ ޝުއޫރު ރައްޔިތުންގެ ހާދިމުންނާއި ހަމައަށް ފޯރުކޮށްދީފައެވެ. އެ ތާނގައި ހުރެ ރިލްވާނުގެ މަންމަ ވަނީ ހިތާމަފާޅުކޮށް، ގިސްލަމުން އޭނާގެ ދަރިފުޅު ވީތަނަކުން ހޯދައިދިނުމަށް ސަރުކާރުގައި އާދޭސްކޮށްފަ އެވެ. ރިލްވާންގެ މަންމަ ރޮމުން ބުނީ ފަސް އަންހެން ދަރިންނާއި ހަތަރު ފިރިހެން ކުދިން ބަލައި ބޮޑުކުރީ އެކަނި ކަމަށާއި ރިލްވާނަކީ އާއިލާގެ އެންމެ ހަގު ކުއްޖާ އަށް ވާތީ އޭނާ އާއި އޮންނަ ގުޅުން އެހެން ކުދިންނަށް ވުރެ ބޮޑު ކަމަށެވެ.

މީގެ އިތުރުން ގިސްލަމުން ރިލްވާނުގެ މަންމަ ވަނީ ދަރިފުޅަށް ވީނުވީ ގޮތަކާއި ބެހޭ ގޮތުން ކޮންމެވެސް އެއްޗެއް ބުނެދިނުމަށް ފުލުހުންގެ ގާތުގައި އާދޭސްކޮށްފައެވެ. “ތިހެން ނުހައްދަވާ، އަޅުގަނޑުމެންނަށް މިކަންތައް ކޮށްދެއްވާ. ހެޔޮ ނުވާނެ، އެ ކުއްޖާ ވީތަނެއް އެނގެނީކީއެއް ނޫން. ދުނިޔޭގައި ހުރި ކަމެއް އެނގެނީކީއެއް ނޫން މަރާލީ ނޫން ކަމެއް ވެސް އެނގެނީކީއެއް ނޫން. ކޮންމެވެސް ހިތްހަމަޖެހޭ އެއްޗެއް އަޅުގަނޑުމެންނަށް ބުނެދީބަލަ. ހެޔޮނުވާނެ، އާދޭސްކޮށްފައި އަޅުގަނޑު މި ދަންނަވަނީ،”

މަޖިލީހުގެ އިދާރާ ހުންނަ ހިސާބަކީ އެއްވުން މަނާ ސަރަހައްދަކަށްވާތީ އެތާ އެއްވެ ތިބި މީހުން ފޮނުވާލުމަށް ފުލުހުން ފެށުމާއެކު ރިލްވާނުގެ މަންމަ ވަނީ އެތާ ބަހައްޓައި ދިނުމަށް ފުލުހުންގެ ގާތު އާދޭސް ކޮށްފައެވެ. އޭނާ ބުނަމުންދިޔައީ މަޖިލިސް އިދާރާ ކައިރި އަށް އެއްވީ ދަރިފުޅުގެ ހައްގުގައި ކަމަށާއި ސަރުކާރާ ދެކޮޅަށް ނުވަތަ ވެރިންނާ ދެކޮޅަށް އެއްވެސް ކަމެއް ކުރަން ނޫން ކަމަށާއި އެ އާއިލާ އަކީ އެއަށްވުރެ ނިކަމެތި އާއިލާއެއް ކަމަށެވެ.

“އަޅުގަނޑު ނޫޅެމޭ މިތަނުގައި ދެކޮޅަށް ކަމެއް ކުރާކަށް. އަޅުގަނޑު މިތާ ބަހައްޓަދީބަލަ، ހެޔޮނުވާނެ! މި ހުރިހާ ދުވަހަކު ވެސް ކެތްތެރިކަމާ އެކު ގޭގައި މިއިނީ. އެކަމަކު މިއަދު މިތަނަށް މިއައީ އެ ކުއްޖާ ހޯދަން އާދޭސްކުރަން،” އައިމިނަތު ބުންޏެވެ.

ރިލްވާނާއި ބެހޭގޮތުން ތަފާތު އެކިވާހަކަތައް ދެކެވެމުންދާއިރުވެސް އޭނާގެ މަންމަ އާއި އާއިލާ އިން ތިބީ އޭނާ ފެންނާނެ ކަމުގެ އުންމީދުގައެވެ. ދަރިފުޅު ގައިގައި ބައްދާލެވޭނެ ކަމުގެ އުންމީދުގައެވެ. ކޮއްކޮ އާއިއެކު ޖޫސްޕެޓީއެއް ބޯލަން ދެވޭނެ ކަމުގެ އުންމީދުގައެވެ. ބޭބެ އާއިއެކު ބެރު ޖަހާލެވޭނެ ކަމުގެ އުންމީދުގައެވެ. މިއީ އާއިލާއެއްގެ އުންމީދެވެ. ރަށްޓެހިންނާއި ހެޔޮ އެދޭ ފަރާތްތަކުގެ އުންމީދެވެ. ރިލްވާނު ގެއްލުނުތާ 18 ދުވަސްވެފައިވާއިރު އޭނާގެ އާއިލާ އާއި ރަށްޓެހިންގެ އިތުރުން މުޅި ގައުމަށް ޖަވާބުތަކެއް އެބަ ބޭނުންވެއެވެ.