#findmoyameehaa

Ahmed Rilwan (@moyameehaa)

Ahmed Rilwan Abdulla (@moyameehaa) a Maldivian Journalist has been missing since 8 August 2014. He was last seen on CCTV at the Hulhumale' ferry terminal.

He was wearing a black shirt, black trousers, black shoes with white soles and carrying a black backpack.
Rilwan is 28 years old, of medium build and 5 feet 10 inches tall, sporting a short beard and moustache.

ރިލްވާނަށް ވީ ގޮތެއް ނޭނގޭތީ މަޖިލީހުގެ މެމްބަރުން ކަންބޮޑުވުން ފާޅުކޮށްފި

މި މަހުގެ 7 ވަނަ ދުވަހުގެ ރެއިން ފެށިގެން ވީނުވީއެއް ނޭނގި ގެއްލިފައިވާ ނޫސްވެރިޔާ ރިލްވާން އަބްދުﷲ އަށް ވީ ގޮތެއް ނޭނގޭތީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން މި ކަމާ މެދު ކަންބޮޑުވުން ފާޅުކުރެއްވީ، ރިލްވާން ގެއްލުނު މައްސަލައިގެ ތަހުގީގުން ވާނުވާ ނޭނގޭ ކަމަށް ވިދާޅުވެ މާފަންނު އުތުރު ދާއިރާގެ އިމްތިޔާޒް ފަހުމީ ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބަހުސްކުރައްވަމުންނެވެ. މި މައްސަލައިގައި ބަހުސްކުރުމަށް ފާސްވީ ހާޒިރުވެ ތިއްބެވި 55 މެމްބަރުންގެ ތެރެއިން 51 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. މި މައްސަލައިގައި ބަހުސްކުރުމާ ދެކޮޅު ހެއްދެވީ އެންމެ މެމްބަރެކެވެ.

ކުއްލި މައްސަލަ ހުށަހަޅުއްވަމުން އިމްތިޔާޒް ވިދާޅުވީ މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާން ގެއްލިފައިވާތާ މިހާތަނަށް 12 ދުވަސް ފާއިތުވެފައިވާއިރު އާއިލާގެ ފަރާތުން އެކަން ޕޮލިހަށް އަންގާފައިވިޔަސް، އޭނާގެ އާއިލާ ހިތްހަމަޖެހޭ ވަރަށް ފުލުހުން ތަހުގީގުކުރަމުންދާ ކަން އެނގެން ނެތް ކަމަށެވެ. އޭނާ ވިދާޅުވީ ހަށިފުރާނައިގެ ރައްކާތެރިކަން މިއަދު ވަނީ ގެއްލިފައި ކަމަށެވެ.

އިމްތިޔާޒް ވިދާޅުވި ގޮތުގައި މި މައްސަލައިގައި އެންމެ ފުރަތަމަ ވެސް އެއްޗެއް ބުނި ސިޔާސީ ޕާޓީއަކީ އެމްޑީޕީ އެވެ. އަދި މި މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމާ އެކު ސަރުކާރުން މިކަން ކުރާ ގޮތް ބެލުމަށް މަޖިލީހުގެ ތިން ކޮމިޓީއަކަށް ހުށަހަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބައިނަލްއަގުވާމީ ފަރާތްތަކުން ވެސް ދަނީ ސަރުކާރުން މިކަން ރަނގަޅަށް ބެލުމަށް ބާރުއަޅަމުން ކަމަށާއި ރިލްވާނަށް އެކި ފަހަރު މަތިން ބިރުދައްކައި އިންޒާރުދީފައި ވަނިކޮށް ކުއްލި ގޮތަކަށް އޭނާ ގެއްލިފައިވާއިރު ވެސް މި ކަމުގައި އަކަށީގެންވާ ކަމެއް ކުރެވިފައެއް ނެތް ކަމަށެވެ.

މި މައްސަލައިގައި ބަހުސްކުރެއްވި މެމްބަރުންގެ ތެރެއިން އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ، ފުލުހުން މި މައްސަލައިގައި އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރާ ކަމަށް ތުހުމަތުކުރައްވައިފަ އެވެ. އަދި އެކަށީގެންވާ ބާރުމިނެއްގައި ތަހުގީގު ކުރިއަށްދާ ކަން ވެސް ނޭނގޭ ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.

ނަމަވެސް ޕީޕީއެމްގެ މެމްބަރުން ވިދާޅުވީ ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކުން މި މައްސަލައިގައި އިހުމާލުވެފައިވާ ކަމަށް ނުފެންނަ ކަމަށެވެ. އަދި ފުލުހުންގެ ތަހުގީގު ވެސް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.

އެމްޑީޕީގެ މެމްބަރުން ތުހުމަތުކުރެއްވި ގޮތުގައި މިއަދު ރާއްޖޭގެ އެއްވެސް ހިސާބެއްގައި އަމާން މާހައުލެއް ނެތެވެ. ރާއްޖޭގައި ހިނގަމުންދާ މާރާމާރީތަކާއި ބޮޑެތި ޖަރީމާތަކުގެ ފަހަތުގައި ސިޔާސީ މީހުން ތިބޭ ކަމަށް ފުލުހުން ވަނީ މަޖިލީހުގެ ކޮމިޓީގައި ވިދާޅުވެފައި ކަމަށް ވެސް މެމްބަރަކު ވިދާޅުވި އެވެ. އެހެން ނަމަވެސް އެއީ ކޮން ބައެއް ނޭނގުމަކީ ކަންބޮޑުވާ ކަމެއް ކަމަށް މެމްބަރުން ވިދާޅުވި އެވެ.

ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި ނޫސްވެރިއަކު ގެއްލިގެން 12 ދުވަސްވާ އިރު އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތުގެ ރަނގަޅު މައުލޫމާތު ނުލިބުމަކީ މައްސަލައެކެވެ. މަޖިލީހުގެ މެމްބަރުންނަށް ފާޑުފާޑުގެ އިންޒާރުތައް ދެމުންދާ އިރު ސެކިއުރިޓީ ނުލިބުމަކީ ސަރުކާރުން އެކަމުގެ ޒިންމާ ނަގަންޖެހޭނެ ކަމެއް ކަމަށް ވެސް ބައެއް މެމްބަރުން ވިދާޅުވި އެވެ.

ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި އާންމުކޮށް ބިރުދައްކައި އިންޒާރުދިނުމުގެ ކަންތައް ކުރިމަތިވަމުން ދަނީ ސަރުކާރަށް ފާޑު ކިޔާ މީހުންނަށެވެ. ސަރުކާރަށް ފާޑުކިޔާ ނޫސްވެރިންނާއި މަޖިލީހުގެ މެމްބަރުންނަށް ވެސް އެ ބިރުވެރިކަން އެބައޮތް ކަމަށާއި މަޖިލީހުގެ މެންބަރުންނަށް ވެސް މިހާރަށް ވުރެ ބިރުވެރި ނާމާން ދުވަސްވަރެއް ނާންނަ ކަމަށް ވެސް ބައެއް މެމްބަރުން ވިދާޅުވި އެވެ.

ހިއުމަން ރައިޓްސް ކޮމިޝަންގައި ވަޒީފާ އަދާކުރުމަށް ފަހު، މިނިވަން ނޫހުގައި މަސައްކަތްކުރަމުން ދިޔަ ރިލުވާން ގެއްލިފައިވަނީ މި މަހުގެ 7 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.