#findmoyameehaa

Ahmed Rilwan (@moyameehaa)

Ahmed Rilwan Abdulla (@moyameehaa) a Maldivian Journalist has been missing since 8 August 2014. He was last seen on CCTV at the Hulhumale' ferry terminal.

He was wearing a black shirt, black trousers, black shoes with white soles and carrying a black backpack.
Rilwan is 28 years old, of medium build and 5 feet 10 inches tall, sporting a short beard and moustache.

ރިލުވާން ގެއްލުނު މައްސަލައިގައި 80 އަށް ވުރެ ގިނަ މީހުންގެ ބަޔާން ނަގައިފިން: ޕޮލިސް

މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލުވާން ހޯދުމުގެ މަސައްކަތް ހަލުވިކަމާ އެކު ކުރިއަށް އެބަދާ ކަމަށާއި އޭނާ ގެއްލުނު މައްސަލައިގައި މިހާތަނަށް ދުއިސައްތައެއްހާ މީހުންނާ ސުވާލުކޮށް 80 އަށް ވުރެ ގިނަ މީހުންގެ ބަޔާން ނަގާފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

ފުލުހުންގެ ވެބްސައިޓްގައި އާއްމުކުރި ބަޔާނެއްގައި ބުނީ މި މަހުގެ ހަތްވަނަ ދުވަހުގެ ރޭ ގެއްލިފައިވާ ރިލުވާން، 28، ހޯދުމުގެ ތަހުގީގުގައި 198 މީހަކާ ސުވާލުކުރި އިރު ހުޅުމާލޭގައި އޭނާ ދިރިއުޅުނު އެޕާޓްމަންޓުގެ ވަށައިގެންވާ ފްލެޓްތަކާއި އެޕާޓްމަންޓުތަކުގައި އުޅޭ ގިނަ ބައެއްގެ ފަރާތުން މައުލޫމާތު ހޯދައި އެއްކޮށްފައިވާ ކަމަށެވެ.

ރިލުވާން ގެއްލުނު ރޭ އޭނާގެ އެޕާޓްމެންޓް ކައިރިން ގަދަކަމުން މީހަކު ކާރަކަށް އެރުވި މަންޒަރު ފެނުނު ކަމަށް ބުނާ މައްސަލައާ ގުޅޭ ތިން ކާރެއް ބަލައި ފާސްކޮށް އެއިން ސާމްޕަލް ނަގައި ފޮރެންސިކް ތަޙުލީލު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އެ ހާދިސާގައި ބޭނުންކުރި ކަމަށް ބެލެވޭ ކާރެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ރިލުވާން ގެއްލުނު މައްސަލައާ ހުރި ގުޅުން ދިރާސާ ކުރުމުގެ މަސައްކަތް ހަލުވިކަމާ އެކު ކުރަމުންދާ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައިވެ އެވެ.

ރިލުވާން ގެއްލުނު މައްސަލައިގައި ހަތަރު މީހެއްގެ ޕާސްޕޯޓް އިމިގްރޭޝަނުން އިއްޔެ ވަނީ ހިފަހައްޓާފަ އެވެ. އެކަމަކު އެކަމާ ބެހޭގޮތުން ފުލުހުން އަދިވެސް ވަކި އެއްޗެއް ނުބުނެ އެވެ.

ނަމަވެސް ފުލުހުންގެ ބަޔާނުގައި ބުނިގޮތުގައި މި މައްސަލައިގެ ތަހުގީގުގައި މާލެ އާއި ހުޅުމާލޭގެ 30 އަށް ވުރެ ގިނަ ތަނަކުން 293 ގަޑިއިރުގެ ވީޑިއޯ ފުޓޭޖް ހޯދައި އެތަކެތި ދިރާސާކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

“މީގެ އިތުރުން އެހެނިހެން މާއްދީ ހެކިތައް ހޯދައި އެތަކެތި އެނަލައިޒް ކުރުމުގެ މަސައްކަތް ވެސް މިދަނީ ކުރަމުންނެވެ،” ބަޔާނުގައިވެ އެވެ.

ފުލުހުން ބުނީ ރިލުވާން ހޯދުމަށް މާލެ އާއި ހުޅުމާލެ އާއި ވިލިމާލޭގެ ގިނަ ސަރަހައްދުތަކަކާއި އެހެން ބައެއް ރަށްރަށް ވެސް ބަލާފައިވާ ކަމަށެވެ.

“މި މައްސަލައާ ގުޅިގެން މިހާތަނަށް ހުޅުމާލޭގެ އާއްމު ހުރިހާ ސަރަހައްދަކާއި ބަންދުކޮށްފައި އޮންނަ ސަރަހައްދުތަކާއި ސިނާއީ މަސައްކަތްކުރާ ސަރަހައްދުތައް ބަލައި ފާސްކުރެވިފައިވެ އެވެ. މީގެ އިތުރުން ހުޅުމާލެއިން 50 އަށް ވުރެ ގިނަ ތަންތަން ކޯޓު އަމުރުގެ ދަށުން ވަނީ ބަލައި ފާސްކުރެވިފަ އެވެ،” ބަޔާނުގައިވެ އެވެ.

“މިއާއެކު ހުޅުމާލޭ ފަޅުތެރޭގައި އޮންނަ، ކުރިން ރިޒޯޓެއްގެ ގޮތުގައި ބޭނުންކުރި ފަރުކޮޅުފުށި ދެ ފަހަރެއްގެ މަތިން ވަނީ ބަލައި ފާސްކުރެވިފަ އެވެ. އަދި ވިލިމާލެއިން ހަތަރު ގެއަކާއި ވިލިމާލޭގެ އެކި ސަރަހައްދުތަކާއި މާލެއިން ބައެއް ތަންތަން ވެސް ވަނީ ބަލައި ފާސްކުރެވިފަ އެވެ. ހަމައެހެންމެ ހުޅުމާލޭގެ ފަޅުތެރެ އާއި ކަނޑުގެ ސަރަހައްދާއި އުރަފަށް ބެލުމުގެ އިތުރުން ހުޅުމާލޭ ފަޅުގައި ހުރި ގިނަ އުޅަނދުތައް ވެސް ވަނީ ބަލައި ފާސްކުރެވިފަ އެވެ. އަދި މިމައްސަލައާ ގުޅިގެން އަތޮޅުތެރޭގެ ބައެއް ރަށްރަށް ވެސް ބެލިފައިވެ އެވެ.”

ރިލުވާން ގެއްލުނުތާ މިއަދަށް ތިން ހަފްތާ ވެފައިވާ އިރު އެ މައްސަލައިގެ ތަހުގީގާ ބެހޭގޮތުން ސުވާލުކުރުމަށް ޕޮލިސް ކޮމިޝަނަރު ހުސެން ވަހީދު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ އަށް މިރޭ ވަނީ ހާޒިރުކޮށްފަ އެވެ. ނަމަވެސް އެ ބައްދަލުވުން ކުރިއަށް ގެންދިޔައީ ސިއްރުންނެވެ.

ރިލުވާންގެ އާއިލާ އިން ވަނީ އޭނާ ހޯދަން އެހީތެރިވެދޭ ސައްހަ މައުލޫމާތެއް ދިން ފަރާތަކަށް 200،000 ރުފިޔާ ހުށަހަޅައިފަ އެވެ.

ފުލުހުން އަންނަނީ ރިލުވާން ހޯދުމަށް އާއްމުންގެ އެހީތެރިކަމަށް ވެސް އެދެމުންނެވެ.

“[ރިލުވާން ގެއްލުނު މައްސަލައާ ގުޅޭ] އެއްވެސް މައުލޫމާތެއް އަދި ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ލިބިފައިވާ ފަރާތެއް ވާނަމަ އެ މައުލޫމާތާއި ތަކެތި ފުލުހުންނާ ހިއްސާކޮށް މިމަސައްކަތުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ފުލުހުންގެ ތަހުގީގަށް ދެއްވުމަށް މި ފުރުސަތުގައި ވެސް އިލްތިމާސް ކުރަމެވެ،” ބަޔާނުގައިވެ އެވެ.