August 19, 2014
ރާއްޖޭގެ ރައްޔިތުންނަށް އަމާން ރައްކާތެރި މާހައުލެއް އޮތް ކަމަށް ސަރުކާރުގެ އިސް ބޭފުޅުން ވިދާޅުވި ނަމަވެސް އެފަދަ މާހައުލެއް މިއަދު ރާއްޖޭގައި ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން މިއަދުގެ ޖަލްސާގައި ވިދާޅުވެއްޖެ އެވެ.
މެންބަރުން މިހެން ވިދާޅުވީ ގެއްލިގެން ހޯދަމުންދާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން 28، ހޯދުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް ބުނެ އެމްޑީޕީ ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލައަށް ވާހަކަދައްކަވަމުންނެވެ.
އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވީ މިގައުމުގައި އަމަން އަމާން މާހައުލެއް އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވި ނަމަވެސް އެވިދާޅުވާ އަމަން އަމާން މާހައުލެއް ރާއްޖޭގައި އޮތް ކަމަށް ގަބޫލެއް ނުކުރެވޭ ކަމަށެވެ.
“މީހުން ގެއްލެނީ، މީހުން ކަތިލަނީ، މީހުން މަރަނީ، މީހުންނަށް އަނިޔާކުރަނީ، ވާނުވާ ނޭނގިފައި، މިއިން އެއްވެސް މީހަކު އަތުލެވެނީކީ ނޫން، އަޅުގަނޑުމެންގެ ތެރެއިން އިއްޒަތްތެރި އެއް މެންބަރަކު މަރާލައިފި، އަނެއް މެންބަރުގެ ބުރަކައްޓަށް ވަޅި ހަރައިފި، މިހުރިހާ ކަމެއް ވެގެންދާއިރު ކަމެއް ކުރާ ބަޔަކު ނޭނގޭ.” ރޮޒެއިނާ ވިދާޅުވި އެވެ.
ރޮޒެއިނާ ވިދާޅުވީ އެކި ފާޑު ފާޑުގެ އަމަލުތައް ރާއްޖޭގައި ހިނގަމުންދާއިރު “ކުރިމައްޗަށް ނެރެނީ ޒުވާނުން” ތަކެއް ކަމަށާއި މިކަމުގެ އަޑީގައި ތިބޭ ސިޔާސީ ފަރާތްތަކެއް ދުވަހަކުވެސް ހޯދިފައިނުވާ ކަމަށެވެ.
ރިޟްވާން ހޯދުމުގައި ފުލުހުން އެކަށީގެންވާ ސަމާލުކަމެއްދެމުން ނުދާ ކަމަށާއި އިންޒާރުދޭ މީހުންނާއި މެދު ވެސް ފުލުހުންނަށް ފިޔަވަޅު އެޅިފައިނުވާ ކަމަށް ވެސް ރޮޒެއިނާ ވިދާޅުވި އެވެ. އެހެންކަމުން މިކަންކަން ހައްލުކުރުމަށް ސަރުކާރާއި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް ގުޅިގެން މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ވެސް ރޮޒެއިނާ ވިދާޅުވި އެވެ.
ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވިދާޅުވީ ރިޟްވާން ގެއްލުނު މައްސަލަ މުޅި ދައުލަތުގެ ސަމާލު ކަމަށް އަންނަން ޖެހޭނެ ކަމަށާއި ރިޞްވާން ގެއްލުން މައްސަލައަކީ އެ ޕާޓީން ވެސް ނުހަނު ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. އަދި ސަރުކާރުން މި މައްސަލައަށް ވަރަށް ބޮޑު ސަމާލުކަމެއް ދީގެން ކުރަމުންދާ ކަމަށް ވެސް އާމިރު ވިދާޅުވި އެވެ.
ނަމަވެސް މިބާވަތުގެ ކަންކަން ކުރުމަށް ބޭނުންވާ ވަސީލަތްތައް ހުރިތޯ ނުވަތަ ނެތްތޯ ބަލަން ޖެހޭނެ ކަމަށާއި އެ ވަސީލަތްތަކަކީ މަޖިލިސް މެދުވެރިކޮށްގެން ފޯރުކޮށްދޭން ޖެހޭ ވަސީލަތަކަށް ވާނަމަ އެ ވަސީލަތެއް ފޯރުކޮށްދޭން ޖެހޭނެ ކަމަށް ވެސް އާމިރު ވިދާޅުވި އެވެ.
“އިންޒާރު ދިނުމުގައި ޓެކްނޮލޮޖީ ބޭނުން ކޮށްގެން އެ ކުރެވޭ މަސައްކަތް ވެސް ތަންކޮޅެއް ޓްރާސްޕޭރެންޓްކޮށް އެބަ ބެލެން ޖެހޭ. ދަންނަވަން މި އުޅޭ ވާހަކައަކީ މީހަކަށް މަރުގެ އިންޒާރު އެސްއެމްއެސް ފޮނުވުމަކީ އަޅުގަނޑަށް ރައީސްގެ ނަމުގައި ވެސް ކުރެވިދާނެ ކަމެކޭ. ނުވަތަ އެހެން ބޭފުޅަކަށް ވެސް އެހެން ބޭފުޅަކަށް ފޮނުވިދާނެ އެއްޗެކޭ.” އާމިރު ވިދާޅުވި އެވެ.
މަކުނދޫ ދާއިރާގެ އަދާލަތު ޕާޓީގެ މެންބަރު އަނާރާ ނައީމް ވިދާޅުވީ ދިވެހި ނޫސްވެރިއަކު ގެއްލުމަކީ އެކަމާ މެދު ގިނަ ބައެއްގެ ކަންބޮޑުވުން ހުރި ކަމެއްކަމަށާއި އެފަދަ ކަންތައް ނުހިނގާނެ ގޮތައްކަށް ކަމާ ބެހޭ ފަރާތްތަކުން މަސައްކަތް ކުރުމަކީ ބޭނުންތެރި ކަމެއް ކަމަށެވެ. އަނާރާ ނައީމް ވިދާޅުވީ ދިވެހި ނޫސްވެރިއަކު ގެއްލުމަކީ އެކަމާ މެދު ގިނަ ބައެއްގެ ކަންބޮޑުވުން ހުރި ކަމެއްކަމަށާއި އެފަދަ ކަންތައް ނުހިނގާނެ ގޮތައްކަށް ކަމާ ބެހޭ ފަރާތްތަކުން މަސައްކަތް ކުރުމަކީ ބޭނުންތެރި ކަމެއް ކަމަށެވެ.
“އަޅުގަނޑު އުއްމީދުކުރަނީ އަވަސް މުސްތަގުބަލެއްގައި ހެޔޮހާލުގައި ހުރި ރިލްވާން ފެނިގެން ދިއުން. އަދި އަޅުގަނޑުމެންގެ މުޖުތަމައުގައި އެފަދަ ހާދިސާތައް އިތުރަށް ހިނގައިގެން ނުދިއުން،” އަނާރާ ވިދާޅުވި އެވެ.
މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ވިދާޅުވީ ރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް މިއަދު އުޅެމުން ދަނީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށާއި އެގޮތުން ނޫސްވެރިޔަކު ގެއްލިގެން 12 ދުވަސްވެފައިވާއިރު ރަނގަޅު މައުލޫމާތުތައް ނުލިބުމަކީ އެކަމާއި ކަންބޮޑުވެ، ފިކުރު ކުރަން ޖެހޭ ކަމެއް ކަމަށެވެ.
އަދި ފުލުހުންގެ މުއައްސަސާއިން ރިޟްވާން ހޯދުމުގެ މަސައްކަތް ކުރާއިރު ތަހުގީގަށް ހުރަސް ނޭޅޭ ގޮތަށް އަމަލުތައް ބަހައްޓަން ޖެހޭ ކަމަށް ވެސް ރިފާއު ވިދާޅުވި އެވެ.
“އަޅުގަނޑުމެންނަކަށް ނޭނގޭ މާދަމާ ގެއްލޭނީ ކޮން ފަރާތެއް ކަމެއް، ދިވެހި ރައްޔިތަކަށް ނުވަތަ ދިވެހި ޒުވާނަކަށް މިފަދަ ގޮތެއް މެދުވެރިވާއިރުގައި އަޅުގަނޑުމެން އެކަމާއި ވަރަށް ބޮޑަށް ކަންބޮޑުވޭ، މުޅި ޕީޕީއެމުން ވެސް އެކަމާއި ކަންބޮޑުވުން ފާޅުކޮށް އަޅުގަނޑުމެން ވާނީ ނޫސް ބަޔާނެއް ނެރެފައި.” ރިފާއު ވިދާޅުވި އެވެ.
ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވީ އުފެއްދިގެން އުޅޭ މައްސަލައަކީ ދީނީ ގޮތުން އުފެދިފައިވާ ހިޔާލު ތަފާތުވުން ތެރެއިން އުފެދިފައިވާ މައްސަލައެއް ކަމަށާއި ހިޔާލު ތަފާތުވުމުގެ ސަބަބުން މީހަކަށް އަނިޔާއެއް ދެރައެއް ދޭން ނުޖެހޭނެ ކަން ދަރިވަރުންނަށް ވިސްނައިދޭން ޖެހޭ ކަމަށެވެ.