#findmoyameehaa

Ahmed Rilwan (@moyameehaa)

Ahmed Rilwan Abdulla (@moyameehaa) a Maldivian Journalist has been missing since 8 August 2014. He was last seen on CCTV at the Hulhumale' ferry terminal.

He was wearing a black shirt, black trousers, black shoes with white soles and carrying a black backpack.
Rilwan is 28 years old, of medium build and 5 feet 10 inches tall, sporting a short beard and moustache.

ހުޅުމާލޭން “ވަގަށް ނެގީ” ރިލްވާންތަ؟

އެއީ މި މަހުގެ ހަތް ވަނަ ދުވަހުގެ ރޭ މެންދަމު ދޭއް ޖަހާކަން ހާއިރެވެ. ހުޅުމާލޭގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓްގެ ސިޓިން ރޫމުގައި ހުއްޓައި، ކުއްލިއަކަށް އާދަޔާ ހިލާފު ގޮތަކަށް މީހަކު ހަޅޭއްލަވާ އަޑުއިވެން ފެށުމުން ބޭރު ބަލާލި އެވެ. ފެނުނީ ވެސް އާދަޔާ ހިލާފު މަންޒަރެކެވެ. މީހަކު ގަދަކަމުން ކާރަކަށް އަރުވަމުން ދިޔަ މަންޒަރެވެ.

އެ މަންޒަރު ފެނުނު މީހާ ފުލުހުންނަށް ވަގުތުން ރިޕޯޓްކުރި އެވެ. ފުލުހުން އެތަނަށް ގޮސް އެ މައްސަލަ ތަހްގީގު ވެސް ކުރި ކަމަށް އޭނާ ބުންޏެވެ. ނަމަވެސް ހުޅުމާލޭގައި އެފަދަ ހާދިސާއެއް ހިނގި ކަން ފުލުހުން އޮތީ ހާމަނުކޮށެވެ.

ހުޅުމާލޭން މީހަކު “ވަގަށް ނެގި” މައްސަލަ ފެންމަތިވީ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ، 28، ގެއްލުމާ ގުޅިގެންނެވެ. ވަގަށް ނެގީ ރިލްވާންކަން ކަށަވަރު ނުވިޔަސް، އެކަމެއް ހިންގާފައިވަނީ ރިލްވާން ގެއްލުނު ރޭގަ އެވެ. އަދި ހުޅުމާލޭގައި ރިލްވާން ދިރިއުޅޭ އެޕާޓްމަންޓް ހުންނަ 21 ނަންބަރު ފްލެޓް އިމާރާތުގެ ކުރިމަތީގަ އެވެ. ރިލްވާން އުޅެނީ އެ އިމާރާތުގެ މަތީ ފަންގިފިލާގައި ހުންނަ އެޕާޓްމަންޓެއްގަ އެވެ.

ރިލްވާން ގެއްލުނު ރޭގައި މީހަކު ގަދަކަމުން ކާރަކަށް އަރުވައިގެން ގެންދިޔަ ކަމަށް ބުނާ މަގު: އެ ކާރު ދިޔައީ މި މަގުގެ ހުޅަނގުން އިރަށް ކަމަށް މަންޒަރު ދުށް މީހުން ބުނޭ.—ހަވީރު ފޮޓޯ
ރިލްވާން ގެއްލުނު ރޭގައި މީހަކު ގަދަކަމުން ކާރަކަށް އަރުވައިގެން ގެންދިޔަ ކަމަށް ބުނާ މަގު: އެ ކާރު ދިޔައީ މި މަގުގެ ހުޅަނގުން އިރަށް ކަމަށް މަންޒަރު ދުށް މީހުން ބުނޭ.—ހަވީރު ފޮޓޯ
ކާކުކަން ނޭނގޭ މީހަކު ވަގަށް ނެގި މަންޒަރު ފެނުނު މީހާ ކިޔައިދިން ގޮތުގައި އެ މީހާ ގަދަކަމުން އެރުވީ ރަތް ކުލައިގެ ކުޑަ ކާރެއްގެ ފަހަތު ސީޓަށެވެ. އެ މީހާ ކާރަށް ގަދަކަމުން އެރުވީ އެންމެ މީހަކުވެގެން ކަމަށް އޭނާ ބުންޏެވެ.

“[އެ މީހާގެ] އަނގަމަތީގައި އަތް އެޅީމާ ހަޅޭއްލަވާ ކަހަލަ ގޮތަކަށް އަޑު އިވުނީ. އެ މީހާގެ ހަބަރެއް އަހަރެމެންނަށް ލިބެން ކަން ނޭނގެ، އެ މީހާ އެވަރަށް ހަޅޭއްލެވީމަ އަހަރެމެންނަށް ނުކުމެވުނީ،” މަންޒަރު ފެނުނު މީހާ ބުންޏެވެ.

ނަމަވެސް އެ ސަރަހައްދު އަނދިރިކަމުން، ކާރަށް އެރުވީ ރިލްވާންކަމެއް އަދި އެކަން ކުރީ ކާކު ކަމެއް މަންޒަރު ފެނުނު މީހާ އަށް ފާހަގަ ކުރެވިފައެއް ނެތެވެ.

“[ނަމަވެސް] އެ މީހާ ކާރަށް އެރުވުމަށް ފަހު ނައްޓާލީ ދޮރުފަތް ނުލައްޕާ،” ކަމަށް ވެސް އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި އެ މީހާ ކާރަށް ގަދަކަމުން އެރުވި ވަގުތު މަގުމައްޗަށް އެއްޗެއް ވެއްޓުނެވެ. އެއީ ވަޅިއެއްކަން އެނގުނީ މަންޒަރު ފެނުނު މީހާގެ ފިރިމީހާ ތިރިއަށް ގޮސް، ބެލުމުންނެވެ. އެ މައްސަލަ ރިޕޯޓްކުރުމުން މެންދަމު 2:30 ހާއިރު، ދެ ވެހިކަލެއްގައި ފުލުހުން އެ ސަރަހައްދަށް ދިޔަ ކަމަށް އޭނާ ބުންޏެވެ. އަދި ވަރަށް ބައިވަރު ފޮޓޯ ވެސް ނެގި އެވެ.

“މިތާ އޮތް [ފުލުހުންގެ] ބޮޑު ބަހެއް ވެސް، ކުޑަ ބަހެއް ވެސް. ދެން ވަރަށް ބައިވަރު ފޮޓޯތައް ވެސް ނެގި،” އޭނާ ކިޔައިދިނެވެ.

ނަމަވެސް ފުލުހުން އެ ރޭ އެ ތަނުން ދިޔައީ މަންޒަރު ފެނުނު މީހުންގެ ބަޔާން ނުނަގަ އެވެ. އޭނާގެ ބަޔާނެއް ފުލުހުން ފުރަތަމަ ވެސް ނެގީ އެ މީހަކު ވަގަށް ނެގިތާ ހަފުތާއެއްވި ފަހުންނެވެ. އޭރު ވެސް ރިލްވާނަށް ވީގޮތެއް ފުލުހުން ދިޔައީ ތަހްގީގު ކުރަމުންނެވެ.

“ހަފުތާއެއްހާ ދުވަސް ފަހުން، ފުލުހުންގެ ދެ މީހަކު މާލޭން އައިސް ބަޔާން ނަގައި، ސޮއިކޮށް، އިނގިލީގެ ނިޝާން ނެގި،” އޭނާ ބުންޏެވެ.

މި މަހުގެ ހަތް ވަނަ ދުވަހުގެ ރޭ ގެއްލުނު ރިލްވާން އެންމެ ފަހުން ފެނިފައިވަނީ އެރޭ 12:45 ހާއިރު، އޭނާ ހުޅުމާލެ އަށް ދިއުމަށްޓަކައި ފެރީ ޓާމިނަލަށް ވަންނަނިކޮށެވެ. އެ މަންޒަރު ފެރީ ޓާމިނަލްގެ ސީސީޓިވީ އަށް ރެކޯޑްކުރެވިފައިވާތީ، އެކަން ކަށަވަރުވެ އެވެ. ނަމަވެސް ރިލްވާން ހުޅުމާލެ އަށް ދިޔަކަން ފުލުހުންނަށް ވެސް އަދި ކަށަވަރެއް ނުކުރެވެ އެވެ.

ރިލްވާން ގެއްލުނު ރޭ ހުޅުމާލޭން މީހަކު ވަގަށް ނަގާފައިވާ މަންޒަރު ފެނިފައިވާއިރު، އެއީ ރިލްވާންކަން ކަށަވަރު ނުކުރެވުނަސް، އެހެން މީހަކު ގެއްލިގެން ހޯދަމުންދާކަން ފުލުހުން ވެސް އަދި އެހެން ފަރާތަކުން ވެސް ހާމަކޮށްފައެއް ނެތެވެ.